ދަތުރު ނިންމައި އިރަމްމެންނަށް މާލެ ދެވުނީ ކިރިޔާއެވެ. ކަނޑު ގަދަވެ، ވިއްސާރަވިއެވެ. ލޯންޗު ފަޅަށް ވަންއިރު، ތުނިތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ވިދާލާ ގަދަ ވިދުވަރާއިއެކު ޖަހައިލާ ގުގުރީގެ އަޑުން، ބިރުން ހިތްތައް ވިރޭވަރުވެއެވެ. ވާރޭ ވެހެންފެށިގޮތަށް ހުއްޓައެއްނުލިއެވެ. ހިނދެއް ހިނދަކަށް ބޯކުރަމުން ދިޔައެވެ. ކާރު ގެނައުމަށް މާކިންއަށް ގުޅި ނަމަވެސް، އެ ގަޑިއަށް މާކިންއަށް އާދެވޭގޮތެއް ނުވިއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި އިރަމްމެންނަށް ޖެހުނީ، ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަންނާށެވެ. އެތެރެއަށް ވަންއިރު، ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. އިރަމްގެ އުނަގަނޑުގައި އަތް ޖައްސާލައިގެން ހުރެ، ހުސްކޮށް ހުރި މޭޒަކާއި ދިމާއަށް ދިޔުމަށް އައިޒަކް ހިނގައިގަތެވެ.

އިރަމް އާއި އައިޒަކްގެ ހަރަކާތްތަކަށް ބަލަން ހުރި މީހަކު އޭނާގެ ކެމެރާގައި އެ ދެމީހުންގެ ތަސްވީރު ރައްކާކޮށްލިއެވެ.

********

އިރަމް އިނީ ފިނިވެފައެވެ. ފުލުފުލުގައި ކިނބިހިއެޅިފައި ރޯގާޖެހުމުން، އިށީނދެގެން އިންނަންވެސް އޭނާއަށްވީ އުނދަގޫކަމަކަށެވެ. އައިޒަކް ވޭޓަރަކަށް ގޮވައި ގެނެސް، ފަންކާގެ ފިނި ނުވާ ހިސާބަކަށް މޭޒު ބަދަލުކުރުވިއެވެ.

"މިހާރު އޯކޭތަ؟..." އައިޒަކް ސުވާލުކުރީ އިރަމްގެ އަތްމަތީގައި އަތް ބާއްވައިލަމުންނެވެ.

އިރަމް ބޯ ޖަހައިލި ނަމަވެސް، އޭނާގެ ހަށިގަނޑުގައި އޭރުވެސް މަޑު ތުރުތުރުލުމެއްގެ އަސަރުވިއެވެ.

ހޫނު ސައިތައްޓެއް ބޯލުމުން އިރަމްއަށް ލުއިވިއެވެ. ކިނބިހިއެޅުން ހުއްޓުނެވެ. އެވަރުންވެސް އޭނާގެ މޫނުމަތި ހުރީ ރަތްވެފައެވެ. ދެލޮލުގައިވެސްވީ މަޑު ރަތްކަމެކެވެ. ކާއެއްޗަކަށް އޯޑަރުދީފައި އައިޒަކް ދިޔައީ ފާހާނާއާއި ދިމާއަށެވެ. އެވަގުތު އައިޒަކްގެ ކުރިމަތިން އައި މީހަކު އޭނާގެ ގައިގައި ވަރަށް ބާރަށް ޖެހިގަތެވެ. ވަށައިގެން ހުސްޖާގަ އޮތްނަމަވެސް، އެމީހަކު ސީދާ އައިޒަކާއި ދިމާއަށް އައީ ކީއްވެބާއޭ އެނާގެ ހިތަށް އެރިއެވެ.

އައިޒަކް ބަލައިލިއިރު، މަޑުވެސްކޮށްލުމެއްނެތި އެމީހަކު އޭނާއަށް ފަސްދީފައި ގޮސް ރެސްޓޯރެންޓްގެ ތެރެއިން ނުކުންނަނީއެވެ. އިސްޖަހައިގެން ހުރުމުން، އެމީހެއްގެ މޫނު އޭނާއަށް ފެންނަގޮތެއް ނުވިއެވެ. ގިނައިރުތަކެއްނުވެ، އައިޒަކްގެ ފޯނަށް އައީ މެސެޖެކެވެ. މެސެޖު ހުޅުވައިލުމާއިއެކު އޭނާ ނުތަނަވަސްވެފައި ވަށައިގެން ހޯދައި ބަލައިލިއެވެ.

********

ތެމިފޯވެގެން ގޮސް ގެއަށް ވަން ވިޝްކާ ފެނުމުން ބަދިގޭގައި އުޅެފައި ޒަރީނާ ނުކުތީ ދުވެފައެވެ. ޒަރީނާގެ ސުވާލުތަކާއި ކުރިމަތިވާނޭކަން އެނގުނު ނަމަވެސް ވިޝްކާ ހުރީ، އެކަމަށް ތައްޔާރުވެގެނެއް ނޫނެވެ. އޭނާ ހީކުރީ، ޒަރީނާގެ ސުވާލުތަކުން ރެކިގަނެގެން ކޮޓަރިއަށް ވަދެވޭނެ ކަމަށެވެ. ޒަރީނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ވިޝްކާގެ އަތުގައި ހިފައި، ހުއްޓުވިއެވެ.

"ކޮންތާކުން ތިއައީ؟..." ޒަރީނާ ހާސްވެފައި ސުވާލުކުރިއެވެ.

"ގެއަށް އަންނަނިކޮށް ތެމުނީ..." ވިޝްކާ ދިނީ ފަރުވާކުޑަ ޖަވާބެކެވެ.

"ގެއަށް އަންނަނިކޮށް ކީއްވެ ތެމެންވީ؟... ދަރިފުޅު ދިޔައީ ކާރުގައެއްނޫންތަ؟..." ޒަރީނާގެ ސުވާލުތަކަށް ނިމުމެއް ނައެވެ. "ކާރުގަ އޮންނާނެ ކުޑަވެސް... ދަރިފުޅެއްނު އޭގެ ތެރެއަށް ކުޑަ ލީވެސް..."

"ހިތް ހަލާކުވީމަ ވާނެ އެކަހަލަ ހުރިހާ ގޮތެއް..." ސޯފާގައި އިން އިދާންގެ ނަޒަރު ޓީވީއިން ވަކިކޮށް ޒަރީނާގެ މޫނަށް ހުއްޓައިލިއެވެ. އޭގެ ފަހުގައި އޭނާ ބަލައިލީ، ވިޝްކާއަށެވެ. "އޭރުވެސް ބުނިން އެއީ ރަނގަޅު މީހެއް ނޫނޭ... އޭނަ ފަހަތުން ނޫޅޭށޭ..."

ވިޝްކާގެ ދެލޯ ބޮޑުވިއެވެ. ޒަރީނާ އިތުރު އެއްޗެއް ބުނުމުގެ ކުރިން އޭނާ ދުވެފައި އިދާންގެ ކައިރިއަށް ދިޔައެވެ. އިދާންގެ ފަރާތުން އޭނާގެ މަންމަގެ ކަންފަތާއި ހަމައަށް ގޯސް ހަބަރެއް ދިޔުމުގެ ކުރިން އެކަން ހުއްޓުވަން އޭނާ ބޭނުންވިއެވެ. ވިޝްކާ އިދާންގެ އަތުގައި ހިފައިގެން ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.

"ދޮންބެ ކީކޭ ހިތަށް އަރައިގެންތަ އެހެން މީހުންގެ ކަންތަކާ ތި ބެހެނީ..." ވިޝްކާ ރުޅިއައެވެ. "އަހަރެންވެސް ދޮންބެ އުޅޭގޮތަކަށް ފާޑެއް ނުކިޔަމެއްނު...."

"ވިޝްކާ ކީކޭ ހިތަށް އަރައިގެންތަ އެ އައިޒަކް ފަހަތުން ތި ދުވަނީ؟..." ވިޝްކާ ވާހަކަދެއްކި ބާރުމިނުގައި އިދާންވެސް ބުނެލިއެވެ.

"ދޮންބޭ... ޕްލީޒް ހެލްޕް މީ.. ވިޝް ދުވަހަކުވެސް ދޮންބެ ކައިރީ ކަމަކު ނުކިޔަމެއްނު..." ވިޝްކާއަށް ގޮތް ހުސްވުމުން އާދޭސްކުރަން ފެށިއެވެ. "އަހަރެން ބޭނުން ޒެކްއާ މެރީކުރަން... ޕްލީޒް ދޮންބޭ..."

"ނުވާނެ ތިކަމެއް..." އިދާންގެ ބާރު އަޑު އިވުމުން ވިޝްކާ ޖެހިލުންވިއެވެ. "ކީއްކުރަން އަހަރެން ވިޝްކާއަށް ހެލްޕްވާންވީ؟... އަހަރެން މިއުޅެނީ އޭނަ މިގެއަށް އަންނާތީވެސް އުނދަގޫވެގެން... އަދި އަހަރެންގެ ކޮއްކޮއާ އޭނަ ކައިވެނިކުރުވަން ހިތަށްވެސް އެރުވޭނީ ކިހިނެއް؟..."

"ދޮންބެ ބޭނުންވާ ކަންތައް ދޮންބެއަށް ހާސިލްކޮށްދޭން އަހަރެން އެހީވާނަން..." ވިޝްކާގެ މޫނުމަތިން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ.

"ނުވާނެ ތިކަމެއް... މަންމަމެން ތި ކައިވެންޏާ ގަބޫލުވިޔަސް، އަހަރެން ތިކަމަށް ހުރަސްއަޅާނަން..." އިދާން އުޅުނީ އެތަނުން ދާށެވެ.

"ޒެކް އެހެން މީހަކާ މެރީކޮށްފި..." ވިޝްކާ ތަންކޮޅެއް ބާރަށް ބުންޏެވެ.

"އޭނ؟..." އިދާން ސިހިފައި، ކުއްލިއަކަށް ފަސްއެނބުރި ވިޝްކާ އާއި ދިމާއަށް ބަލައިލިއެވެ.

ވިޝްކާ ބޭނުންވި ކަންތައް ހާސިލުވިއެވެ. އޭނާ ބޭނުންވިގޮތަށް އިދާންގެ ފުރިހަމަ ސަމާލުކަން އަތުލެވުނެވެ.

"އާނ... ރޭގަ މެރީކުރީ... އަހަރެން އަތުގަ ހެކިވެސް އެބަހުރި..." ވިޝްކާ ބުންޏެވެ.

"ދެން ވިޝްކާ ތިއުޅެނީ އެމީހުން ދުރުކުރަން؟... ނޫނީ ދެއަނތްބަށް އިންނަން؟..." އިދާން ކުރިއަށްވުރެ ނުރުހިފައި ސުވާލުކުރިއެވެ. "މިހާރު އަދި އަމުދުން އަހަންނަށް ތިކަމާ އެއްބަސްވެވޭކަށް ނެތް..."

"ޒެކް މެރީކުރީ މަންމަމެންނަށް ސިއްރުން..." ވިޝްކާ ދެން ހާމަކޮށްލި ހަގީގަތަކުން އިދާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކުރިން ފެނުނު ނުރުހުމުގެ އަސަރު ފިލައިގޮސް، ކާމިޔާބީގެ ވިހަ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ވިޝްކާއަށް ލިބުނީ އިތުރު ހިތްވަރެކެވެ.

"ދޮންބެ ބޭނުންވާ ކަންތައް އަހަރެން ކޮށްދޭނަން..." ޔަގީންކަން އެކުލެވޭ ރާގަކަށް ވިޝްކާ ބުންޏެވެ. "ދޮންބެ ބޭނުންވަނީ، ޒިބެކް ކޮމްޕެނީއެއްނު... ލެޓްމީ މެރީ ހިމް... ދެންމެ މިދިން މައުލޫމާތުންވެސް ދޮންބެއަށް ޔަގީންވާނެ އަހަރެން މިހުރީ ދޮންބެއާ އެއްކޮޅުގަކަން.... މެރީކޮށްގެން އަހަރެމެން މިގެއަކުވެސް ނޫޅޭނަން... އެކަމަކު، ދޮންބެ އަހަންނަށް އެހީވެދީފިއްޔާ..."

އިދާން ވިސްނައިލިއެވެ. ވިޝްކާ އަކީ ކުރަން ހިތުލައިފި ކަމެއް ކޮށްފައި ނޫނީ ހުއްޓާނެ ކުއްޖެއް ނޫނެވެ. އަނެއްކޮޅުން އެ ދެލޮލުގައިވި ޔަގީންކަން އޭނާގެ ބަހުގެ ތެދުކަން ހާމަކޮށްދެމުން ދިޔައެވެ. އިދާން އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު، ޒަރީނާ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ވިޝްކާ އާއި ދިމާއަށް ބަލައިލުމަށްފަހު، ޒަރީނާ އިދާން އާއި ދިމާއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. އަމިއްލަ ބަނޑުން ވިހޭ ދަރިއަކަށް ވިޔަސް، އިދާންއަށް އޭނާ ކުޑަކޮށްވެސް އިތުބާރެއް ނުކުރެއެވެ.

"އިދާން އައިސްބަލަ..." ބޭރަށް އިޝާރާތްކޮށްލަމުން ޒަރީނާ އެދުނެވެ.

ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެ، ޒަރީނާގެ ފަހަތުން އިދާން ހިނގައިގަތެވެ. ފަސްއެނބުރި ވިޝްކާއަށް ބަލައިލިއިރު، އެ ހިނިތުންވުން ފުންވެއްޖެއެވެ. ވިޝްކާވެސް ރައްދުގައި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ދެމީހުންގެ ނަޒަރުން އެތައް ކަމެއް ނިންމައިލި ކަހަލައެވެ. އިދާންގެ ހިތަށް ލިބިފައިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އައިޒަކާއި ދެކޮޅަށް ބޭނުންކުރާނެ ވަރުގަދަ ހަތިޔާރެއް މިއަދު އޭނާގެ އަތުގައި ޖެހުނީއެވެ. އަނެއްކޮޅުން ވިޝްކާ އައިޒަކާއި ކައިވެނިކޮށްފިނަމަ، އޭނާގެ މުށުގެ ތެރޭގައި ވިޝްކާ ހައްޔަރުކޮށްލެވޭނެއެވެ. އޭރުން، މަގުސަދު ހާސިލުކުރަން ފަސޭހަވާނެކަމަށް އިދާން ގަބޫލުކުރިއެވެ. އެހުރިހާ ދުވަހު އިދާން ހުރީ، އައިޒަކްގެ ފަރާތުން ކަމެއް ނުފެނިފައެވެ.

"ދަރިފުޅަށްވެސް އެނގޭނެ، ވިޝްކާއަކީ ފުރާވަރަށް އަޅާފަ ހުރި ކުއްޖެއްކަން..." ޒަރީނާ ވާހަކަ ފެށީ ދުރުދުރުންނެވެ.

"ދެން؟..." އިދާން ބުމަ އަރުވައިލިއެވެ.

"މަންމަ ބުނަން މިއުޅެނީ، ބޭބެއެއްގެ ހައިސިއްޔަތުން އިދާންވެސް ޖެހޭނެއޭ އެކުދިން އުޅޭނޫޅޭގޮތް ބަލަން... ނޫނީ ފަހުން ހިތާމަކުރަންޖެހޭ ކަހަލަ ކަމެއް ދިމާވެދާނެއޭ... ވިޝްކާ އެ އުޅޭ ގޮތަކުން މަންމަ މިހާރު ބިރުގަންނަން ފަށައިފި...." ޒަރީނާ ހުރީ ފިކުރުބޮޑުވެފައެވެ.

"ވިޝްކާ މެރީކުރުވީމަ ތިހުރިހާ ކަމެއް ހައްލުވާނީ..." ނުރައްކާތެރި ނަޒަރަކުން ޒަރީނާގެ މޫނަށް ބަލަން ހުރެ، އިދާން ބުނެލިއެވެ. ހީވީ ޒަރީނާގެ މޫނަށް ވެރިވާނެ ކުލަވަރު ތަރުޖަމާކޮށްލަން ތައްޔާރުވެގެން ހުރި ހެންނެވެ.

"ކީކޭ ދަރިފުޅު ތިބުނީ؟..." ޒަރީނާ ކުރިއަށްވުރެ ބޮޑަށް ހާސްވިއެވެ. "ވިޝްކާ އުޅެނީ މީހަކާ ރައްޓެހިވެގެންތަ؟... ކޮންއިރަކު ކޮށްގެން އުޅޭ ކަމެއް އެއީ؟..."

"ހޫމްމް... އަހަންނަށް އެނގޭ އެއީ ކާކުކަން... ކޮންއިރަކުން ފެށިގެން ކުރާ ކަމެއްކަންވެސް..." އެއްމިޔަކަނުން ހިނިތުންވެލަމުން އިދާން ބުންޏެވެ.

"ކާކު؟..." ޒަރީނާ އަހައިލިއެވެ.

********

"ކިހިނެއް އެނގޭނީ ކާކުކަމެއް... ނަންބަރު އޮތީ ރަޖިސްޓްރީވެސް ނުކޮށް..." މާކިން އާއި ގުޅައިގެން ހުރެ، އައިޒަކް ވާހަކަ ދެއްކީ، އޭނާގެ ފޯނަށް އައި މެސެޖާއި ބެހޭގޮތުންނެވެ.

"އެމީހަކު ކީއްވެ، ތިދެމީހުންގެ ފޮޓޯއެއް ނަގާފަ ފޮނުވަންވީ؟... ކޮބާ ބޭނުމަކީ؟..." މާކިން ސުވާލުކުރިއެވެ.

"ތިއެއްނު ނޭނގިގެން މިއުޅޭ ކަމަކީ... އެއްވެސް އިތުރު އެއްޗެއް ނެތް ފޮނުވާފައެއް... ހަމައެކަނި ފޮޓޯއެއް އެކަނި..." އައިޒަކް ބުންޏެވެ.

"މަށަށް ފޮނުވާލަބަލަ ތި ނަންބަރާ، ފޮޓޯގެ ސްކްރީންޝޮޓް..." މާކިން އެދުނެވެ. "ދެން އެކަން ބާއްވާފަ ދެމީހުން އަވަހަށް ގެއަށް ދެވޭތޯ ބަލާ... އަހަރެން ތިކަމާ އުޅޭނަން... މިހާ ހާއްސަ ދުވަހަކު ތިދެކުދިންގެ މޫޑު ހަރާބުކޮށްލީމަ ކަމަކުނުދާނެ..."

މާކިން ބާރަށް ހޭންފެށިއެވެ.

"ދިމާކުރާނެކަމެއް ނެތޭ... މާދަން ކަމެއް ނޭނގެ މާކްއަށް މިކަހަލަ ކަމެއް ލައްވާލާނީ..." އައިޒަކްގެ ކައިރިއަށް ހިނިއަންނަގޮތްވި ނަމަވެސް، އޭނާ އެތެރެއަށް ހިނިގަނޑު ހިންދައިލީއެވެ.

"އޯކޭ އޯކޭ... ކައިވެނީގެ ހަދިޔާއެއްގެ ގޮތުން، ތި އެދުން ފުރިހަމަކޮށްދޭނަން..." މާކިން ސީރިއަސްވެލާފައި ބުންޏެވެ. "ހުރިހާ ކަމެއް ރެޑީ... ކާރުވެސް މިހާރު އޮންނާނެ ތިކޮޅުގަ..."

"ތޭންކްސް ބަޑީ..." އައިޒަކް ފޯނު ކަނޑައިލިއެވެ.

އައިޒަކްގެ ހަރަކާތްތަކަށް ބަލަން އިން އިރަމްގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. ކާން އިން އިރުވެސް، ކެއުމަށްވުރެ ބޮޑަށް އައިޒަކް އިސްކަންދިނީ ފޯނަށެވެ. ހާސްވެފައި ފޯނު ބަލަމުން ދިޔައިރު، ކޮންމެވެސް މީހަކަށް މެސެޖުތަކެއްކުރި ކަންވެސް އޭނާއަށް އެނގުނެވެ. ކައި ނިންމާލިގޮތަށް އައިޒަކް އިރަމް އާއި ދުރަށް ގޮސް ފޯނެއްގައި ހުރިގޮތުންވެސް އިރަމްގެ ހިތުގައި ޝައްކު ނުއުފެދޭ ވަރެއް ނޫނެވެ.

"އެ ވިޝްކާއެއް ކަންނޭނގެ... ކާކުތަ އެއީ؟... އަހަންނަށް ހެޔޮ ވިޝްކާ އޭނަ ކާލިޔަސް... ކާލަންވީނު... ވާރޭގަ ތެމިގެންވެސް އޭނަ ކައިރިއަށް ދާންވީނު..." އިރަމް ހިތާއިހިތުން ކުދިކިޔަން ފެށިއެވެ.

ހިތުގެ ހައިޖާނުގަނޑުން ދުރުވުމަށް، އިރަމް ފޯނު ނަގައިގެން ސޯޝަލްމީޑިޔާ ބަލަން ފެށިއެވެ. ފުލުފުލުގައި ފަށުވި ލިޔުންކޮޅުތައް ސޯޝަލްމީޑިޔާއަށް ދޫކުރަމުން ދިޔައިރު، ހިތުގައި އޮތީ ޝައްކު ފިޔަވައި އިތުރު އެއްޗެއް ނޫނެވެ.

"ކިހިނެއްވެފަ؟..." އައިޒަކް ކުއްލިއަކަށް އިރަމްގެ ފޯނާއި ދިމާއަށް ގުދުވެލަމުން ސުވާލުކުރިއެވެ.

އިރަމް ސިހުނެވެ. ފުންމައިގެން ތެދުވަން އުޅެފައި، އަތުގައި އޮތް ފޯނުވެސް ހޫރައިނުލީ ކިރިޔާއެވެ. އައިޒަކް އިރަމްގެ އަތުގައި ނުހިފެހެއްޓިނަމަ، އޭނާއަށް އެކަން ކުރެވުނީހެވެ. އައިޒަކްގެ އެ ގާތްކަމުގެ ސަބަބުން، އިރަމްގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. ނެވާލާންވެސް ހަނދާންނެތިފައި އޭނާ އިނެވެ. އެހުރިހާއިރު އައިޒަކްދެކެ އައި ރުޅިގަނޑު ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ.

"ހިނގާ ގެއަށް ދާން..." އައިޒަކް ވަރަށް ލޯބިން ބުންޏެވެ.

އިރަމްއަށް ހަމަހޭވެރިކަންވީ އައިޒަކް ދުރަށްޖެހިލުމުންނެވެ.

"ހައް... ހިތަށް އެރިހާގޮތެއް ހަދާފަ، އަދި އައިސް މާ ލޯބިން ވާހަކަދައްކައެއްނު... ކީއްވެތަ އަހަންނަށް އޭނަދެކެ ރުޅި ނާދެވެނީ... ކައިރިވެލާއިރަށް ކޮންމެ ފަހަރަކު ރުޅިގަނޑުމަތިން ހަނދާންނެތެނީ ކީއްވެތަ؟... މިފަހަރު ރުޅި އަންނާނަން... ރަނގަޅެއްވެސް ނުވާނަން..." އިރަމް ހިތާއިހިތުން ޝަކުވާކުރަމުން ފުންމައިގެން ތެދުވިއެވެ.

އިރަމް ބާރުބާރަށް ހިނގާފައި ގޮސް ރެސްޓޯރެންޓްގެ ތެރެއިން ނުކުތެވެ. ކުއްލިއަކަށް އިރަމްއަށް ވީގޮތުން އައިޒަކް ހުރީ ވާނުވާ ނޭނގިފައެވެ. ކަނޑުގެ އެންމެ ފުނާއި ހަމައަށް ފީނައިލެވުނަސް، އަންހެންކުއްޖެއްގެ ހިތުގެ އެންމެ ފުނާއި ހަމައަށް ވާސިލުނުވެވޭނެއޭ އޭނާގެ ހިތަށް އެރިއެވެ.

އައިޒަކް ހިނިއައިސްފައި ހުރެ، އިރަމްގެ ފަހަތުން ނުކުތެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭއަށް ބެލުމެއްނެތި އިރަމް ހުރީ ކާރު ކައިރީގައި މަޑުކޮށްލައިގެންނެވެ. އައިޒަކް ކުރީ ޝީޓުގެ ދޮރު ހުޅުވާލަދިން ނަމަވެސް، ދެލޯ އަޅައިލުމަށްފަހު، އިރަމް ގޮސް އިށީނީ ފަހަތު ޝީޓުގައެވެ. ކާރުގެ ބިއްލޫރިގަނޑުން އިރަމްގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު އައިޒަކަށް މަޖާވެއެވެ. ވަކީން ހާއްސަކޮށް އޭނާ ބަލާކަން އެނގުމުން، އިރަމް މޫނަށް ޖައްސައިލާ ވައްތަރުން އޭނާގެ ހިނިގަނޑު ފަޅައިގެން ނުދަނީ ކިރިޔާއެވެ.

"މިއާދެވުނީ..." މަންޒިލާއި ހަމައަށް ދެވުމުން، އައިޒަކް ބުންޏެވެ.

ވާރޭ ހުއްޓައިލާފައި އޮތް ވަގުތެކެވެ. ބިއްލޫރިގަނޑުގައި ހަރުލާފައިވާ ފެންތިކިތަކުގެ ސަބަބުން، އިރަމްއަށް ކުރިމަތީގައި ހުރި އުސް އިމާރާތް ފެނުނީ ފުސްކޮށެވެ. އެއީ އައިޒަކް ކުރިން އުޅުނު އިމާރާތް ނޫންކަން އިރަމްއަށް އެނގުނެވެ. އިރަމްގެ ހިތް ސުވާލުތަކުން ފުރިގެން އައެވެ. ކައިވެނީގެ ކުރިން އައިޒަކް އުޅުނީ އޭނާގެ އަމިއްލަ އިމާރާތެއްގައެވެ. ވީއިރު، ކައިވެންޏަށްފަހު، އެހެން އިމާރާތަކަށް ދިރިއުޅުން ބަދަލުކުރީ ކީއްވެ ހެއްޔެވެ؟ އައިޒަކް އޭނާ އާއި ކައިވެނި ކުރިއިރު، އާއިލާގެ އެއްވެސް މީހަކު ނައުމާއި، އެކަމާއި ގުޅުމެއް ވެދާނޭ ހެއްޔެވެ؟ އަނެއްކާ އައިޒަކްގެ ސިއްރު އެޖެންޑާއެއް ފޮރުވިފައި އޮތީ ހެއްޔެވެ؟ ލޯބިވާކަމަށްބުނެ، ވަރުގަދަ އޮޅުވާލުމެއް އޮޅުވާލަނީ ހެއްޔެވެ؟

ލިފްޓަށް ވަންގޮތަށް އައިޒަކް އިރަމްގެ އަތުގައި ހިފައިލިއެވެ. އިރަމް އަތް ފޮޅުވައިލާފައި ހަށަމް ބަނދެލިއެވެ. އޭނާ ބޭނުންވީ ރުޅި އައިސްފައި ހުރިކަން އައިޒަކަށް ދައްކާށެވެ.

"ގެއަށް ނާދެވިގެންތަ ހިތްހަމަނުޖެހިފަ ތިހުރީ؟..." އައިޒަކް މައުޟޫޢު ބަދަލުކޮށްލީ އިރަމް ހާސްކޮށްލުމުގެ މަގުސަދުގައެވެ. އޭނާގެ މަގުސަދު ހާސިލުވިކަން އެނގުނީ، އިރަމްގެ މޫނުމައްޗަށް ވެރިވި ކުލަވަރުންނެވެ.

"ދެން ނުވާނޭ މާގިނައިރެއް... ހަމަ ކުޑަކުޑަ އިރުކޮޅަކަށް ކެތްކޮށްލާ!... އަހަރެންގެ އަންހެނުން އެހާވަރުން ގެއަށް އަންނަން ބޭނުންވާކަން އެނގުނުނަމަ، ތެމިފޯވެގެންވެސް އަންނާނަން..." އައިޒަކް ލާނެތް ރާގަކަށް އެހެން ބުނެލީ، އޭނާގެ ހޫނު ނޭވާ އިރަމްގެ މޫނަށް އެޅޭހައި ގާތަށް ޖެހިލަމުންނެވެ.

(ނުނިމޭ)