ގދ. ތިނަދޫގައި ކޮވިޑްގެ ހާލަތު ގޯސްވެ، އެކްޓިވް ކޭސްތައް 300 އިން މައްޗަށް އަރައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ ތިނަދޫގައި، އަލަށް ޕޮޒިޓިވްވި 62 މީހުނާއެކު، މިވަގުތު ބަލި ޖެހިފައިވާ 356 މީހުން އެބަތިއްބެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ "ސަން" އަށް ވިދާޅުވީ، މީގެ ކުރިން ދެތިން ދުވަހަކު ޕޮޒިޓިވްވި އަދަދު މަތީގައި ހުރުމަށްފަހު، އިއްޔެ އެއަށްވުރެ މަދުވި ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ ކޭސްތަކުގެ އަދަދު ގިނައިން ފެންނަން ފެށީ މިދިޔަ ހަފްތާއިން ފެށިގެން ކަމަށެވެ.

"އެހާ ސީރިއަސް ހާލަތުގައި ހުރި ބޭފުޅެއް ނެތް އަދި. އެންމެ ފަހުން ސީރިއަސްވި މީހާ މާލެ ފޮނުވާފަ ވަނީ،" ނަސްރުﷲ ވިދާޅުވިއެވެ.

މިހާރުވެސް ކުރިއަށްވުރެ ހާލަތު ރަނގަޅު ކަމަށާއި، އުންމީދު ކުރަނީ ވީހާވެސް އަހަވަކަށް ރަށުގެ ހާލަތު ރަނގަޅުވުން ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.

އާބާދީގައި 7456 މީހުންގެ، ތިނަދޫގައި 4913 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށާއި 4515 މީހުން ދެވަނަ ޑޯޒް ޖަހާފައި ވާކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އަޕްޑޭޓް އިން ދައްކައެވެ.

އެރަށުން މިހާތަނަށް 1685 މީހުން މި ބައްޔަށް ޕޮޒިޓިވް ވި އިރު، 1324 މީހުން ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ.

ގދ. އަތޮޅުން ކޮވިޑް ކޭސްތައް އެންމެ ގިނައީ ތިނަދޫގައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ފަސް މީހުން އެ ރަށުން ވަނީ މަރުވެފައެވެ.