11 Mar 2012, 19:58
ކާބުލް (މާޗް 11) : އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މީހަކު އަފްޣާން އާންމުންގެ ބަޔަކަށް ބަޑިން ޙަމަލާދީ ބިރުވެރި ޤަތްލު އާންމެއް ހިންގައިފިއެވެ.
މިޤަތްލު ޢާންމުގައި 17 މީހަކު މަރާލާފައިވާއިރު އެތަށްބަޔަކު ފުރާނައަށް ނުރައްކާތެރި މިންވަރަކަށް ޒަޚަމް ކޮށްލާފައިވާ ކަމަށް އަފްޣާން ސިއްޙީ ދާއިރާތަކުން ބުނެއެވެ. އެމެރިކާ ސިފައިންގެ މީހާ، މިޤަތްލު ޢާންމު ހިންގާފައިވަނީ އަފްޣާނިސްތާނުގެ ދެކުނުގެ ކަންދަހާރު ޕްރޮވިންސްގެ ސަރަޙައްދެއް ކަމަށްވާ ޕާންޖުވާއި ގައެވެ. ނޭޓޯއިންވަނީ އެމެރިކާ ސިފައިންގެ މީހާ ހިންގި މިޤަތްލުޢާންމު ކުށްވެރިކޮށް މިއީ ފަރުދީ ގޮތުން އޭނާ ހިންގި ޢަމަލެއްކަމަށް ސިފަކޮށްފައެވެ.
އެމެރިކާ ސިފައިންގެ މީހާ ބަޑިބޭނުންކޮށްގެން މިޤަތްލު ހިންގާފައިމިވަނީ އަފްޣާނިސްތާނުގައި ހަނގުރާމަކުރާ އެމެރިކާ ސިފައިންގެ ބަޔަކު ކީރިތި ޤުރްއާން އަންދައި އިސްލާމް ދީނަށް އިހާނާތްކޮށް އަފްޣާން ރައްޔިތުންނަށާއި މުސްލިމުންނަށް ޖެއްސުންކުރުމުގެ ނާތަހުޒީބު ޢަމަލުތަކެއް ގަސްދުގައި ހިންގުމަށްފަހުގައެވެ.
އެމެރިކާ ސިފައިން ހިންގި ކީރިތީ ޤުރްއާން އެންދުމުގެ މުޑުދާރު ޢަމަލުތަކާއި މިއަދު އެމެރިކާ ސިފައިންގެ މީހަކު އަފްޣާން އާންމުންގެ ގަޔަށް ބަޑިޖަހައި 17 މީހުން މަރާލި ޤަތްލު އާންމަކީ އާދައިގެ ޙާދިސާތަކެއް ނޫންކަމަށް އަފްޣާން ރައްޔިތުން ދެކޭކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ، އެމެރިކާ ސިފައިންގެތެރޭގައި ހިމެނޭ މުސްލިމުންނާ ޢަދާވާތްތެރި، ޔަހޫދީ ވިސްނުމުގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މުސްލިމުން ރުޅިއެރުވުމަށާއި މުސްލިމުން ނިކަމެތި ކުރުމަށާއި އިސްލާމް ދީނަށް އިހާނާތް ކުރުމަށް ދުރާލާ ރާވައިގެން ހިންގަމުން ގެންދާ ސިލްސިލާ ޖަރީމާތަކުގެ ތެރޭގައިހިމެނޭ ޖަރީމާއެއްކަމަށްވެސް އަފްޣާން އާންމުން ސިފަކުރެއެވެ.
އަފްޣާން ސަރުކާރުންވަނީ އެމެރިކާ މިއަދު ޤަތްލު އާންމު ހިންގި އެމެރިކާ ސިފައިން މީހާ ގެ މައްޗަށް ޝަރީއަތްކުރުމަށްފަހު އެމީހާއަށް ހަރުކަށި އަބަދު ދިނުމަށް ގޮވާލާފައެވެ. -- ނޫސްއެޖެންސީތައް