އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ގާނޫނެއް ހެދުމުގެ މަސައްކަތް އެމްޑީޕީއިން ފަށައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް، މިއަދު "ސަން" އަށް ވިދާޅުވީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށް އަމަލުކޮށް، ވާހަކަދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެ ބިލެއް މަޖިލީހަށް ވެއްދުމަށް މަޝްވަރާކޮށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަތުގައި ބިލްގެ ޑްރާފްޓެއް އެބައޮތް. މަޝްވަރާތައް ކުރަމުން މިހާރު މިދަނީ އެކަމާ ގުޅޭގޮތުން،" އާޒިމް ވިދާޅުވިއެވެ.

ހާރިޖީ ގުޅުމަށް ބުރޫއަރާ ގޮތަށް އަމަލު ކުރާ ފަރާތްތަކަށް ޖަލުގެ އަދަބު ދިނުމާއި ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ބިލުގައި ހިމެނެއެވެ.

އާޒިމް ވިދާޅުވީ އެ ބިލްގެ ޑްރާފްޓިން މަރުހަލާގައި އޮތުމުން އެކަންކަމުގެ ތަފްސީލް ދެވެން ނެތް ކަމަށެވެ. އަދި އެ ބިލް މަޖިލީހަށް ހުށަހެޅޭނެ ސީދާ ދުވަހެއް ނޭންގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ހާއްސަ ބިލެއްތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވީ ވަކި ކެމްޕެއިނަކަށް އަމާޒު ނުކުރާ ކަމަށާއި ނަމަވެސް ގާނޫނެއް ހަދާނީ ކަމެއް ދިމާވުމުން ކަމަށެވެ.

އިންޑިއާއާ ގާތްގުޅުމެއް އޮންނަ އެމްޑީޕީން ބިލެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮވެއެވެ. އެހެންކަމުން އެ ޕާޓީ ހުށަހަޅާ ބިލެއް ފަސޭހައިން ފާސް ކުރެވޭނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕެއިން މުޅި ރާއްޖެއަށް ފުޅާކޮށް، ގޭގޭ ފާރުތަކުގައި ލިޔާ ހިސާބަށް ގޮސްފައިވާއިރު ސަރުކާރާއި އެމްޑީޕީގެ އިތުރުން ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުން އެކަން ކުށްވެރި ކުރެއެވެ. އެއީ އަވައްޓެރި ގައުމަކާ އޮންނަ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

އިދިކޮޅުން އިންޑިއާއާ ދެކޮޅު ކެމްޕެއިނެއް ކުރަމުން ދަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށް އިދިކޮޅުން ބުނެއެވެ. ރައީސް ޔާމީން ގެންދަވަނީ އިންޑިއާއަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.

ހާރިޖީ ގުޅުންތަކަށް ބުރޫ އަރާގޮތަށް ވާހަކަ ދައްކާ ފަރާތްތަކަށް ބިލެއް އެމްޑީޕީން ހަދާއިރު އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.