ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހަށިކޮޅުގައި ދެން މި ސަރުކާރަށް އަތް ނުލެވޭނެ ކަމަށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ރައީސް ޔާމީން އަނބުރާ ޖަލަަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ބައެއް އިސް މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ.

ށ. ކޮމަންޑޫގައި ރޭ ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ޖަލްސާގައި އަދުރޭ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ.

"މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަން ނިންމަން. މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ބާއްވަން، މި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ބާއްވަން،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށް އަނބުރާ ވަޑައިގަންނަވަން ޖެހޭނެ ކަމަށް އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި އަދުރޭ ވިދާޅުވީ " ޔާމީން ގައިގައި ދެން އަތް ނުލެވޭނެ" ކަމަށެވެ.

"ޔާމީންގެ ގައިގައި އަތެއް ނުލެވޭނެ. ދެން ޔާމީން ޖަލަކަށް ނުލެވޭނެ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށާއި ރައްޔިތުން ބޭނުންވާ ހެޔޮ ގޮތް ގެނެސްދޭނީ ވެސް ޕީޕީއެމްއިން ކަމަށެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި އަންނަ ނޮވެންބަރު މަހު، ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް ވަނީ ނިންމައިފައެވެ.

ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.