30 Jan 2022, 13:22
ކޮމަންޑޫ ދާއިރާގައި ޕީޕީއެމްގެ ޓީމުތައް ރުކުރުވައިލުމުން ސަރުކާރު ގޮތް ހުސްވެއްޖެ ކަމަށާއި އެހެންކަމުން އެތާ އޮތަސް، މިތާ އޮތަސް ސަރުކާރު ދެން ވާނީ މަރު ކަމަށް ޕީއެންސީގެ ނައިބު ރައީސް، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ށ. ކޮމަންޑޫގައި ރޭ ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަތުހީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް ލިބުނު ކުއްލި ސިހުމުގައި ނުކުރެވޭވަރުގެ ބޮޑެތި ވައުދުތައްވެ، އެންމެފަހުން ތާރެއްގެ މަތީގައި ކަނޑައެއް ތެޅޭހެން ސަރުކާރު ތެޅެމުން ދަނީ ގޮތް ހުސްވެގެން ކަމަށެވެ.
"ރައީސް ޔާމީންގެ ހިކުމަތްތެރިކަމާއެކު މި ހެއްދެވި ގޮތުން މުޅި ދާއިރާގައި އަޅުގަނޑުމެންގެ ޓީމުތައް ރުކުރުވާލުމާ އެކީގައި ސަރުކާރު ހަމަ ސީދާ ބެކްފުޓަށް ވެއްޓިގެން ދިޔައީ. ސަރުކާރަށް މިހާރު ގޮތް ހުސްވެއްޖެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ތިން ކެނޑިޑޭޓުން ވާދަކުރި ބަހުސްގައި ވެސް މަޖިލީހަށް ކުފޫ ހަމަވާ އަދި ޒިންމާދާރު ކަމާއެކު ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ހަމައެކަނި ކެނޑިޑޭޓަކީ މުސާ ފަތުހީ ކަން ރައްޔިތުންނަށް ކަށަވަރު ވެގެން ހިނގައްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރު މިއަދު ވަނީ އެތައް ކަމަކަށް އިހުމާލު ވެފައި ކަމަށާއި އެގޮތުން މަސްވެރިން ބާނާ މަސްކޮޅު ކިރާލެވޭނެ ފަދަ ގޮތެއް ވެސް މިއަދަކު ނެތް ކަމަށެވެ.
"އެންމެ ކުޑަ މިނުން ދޯންޏަކުން ބާނާ މަސްކޮޅު ކިރާލެވޭނެ ގޮތެއް ނެތް. އެންމެ ކުޑަމިނުން ރަށެއްގައި ބޮޑު ހާލަތެއް ދިމާވެގެން ދަތުރެއް ކުރާނެ އުޅަނދެއް ވެސް އޮތީކީ ނޫން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސަރުކާރު ތެރޭގައި އެފަދަ ބޮޑެތި މައްސަލަތައް ހުރިއިރު މިއަދު ފެންނަ މަންޒަރަކީ ހަރާބުގެ މަގަށް ގައުމު ވެއްޓޭ މަންޒަރު ކަމަށެވެ.
މަލްޓި ޕާޓީ ޑިމޮކްރެސީއެއްގައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާނެ މަސައްކަތް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ތިން ކެނޑިޑޭޓުންގެ ތެރޭގައި ވެސް އެފަދަ އެންމެ ގާބިލު ކެނޑިޑޭޓަކީ ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ މޫސާ ފަތުހީ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މި އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އަޅުގަނޑުމެން އަތުގަ އެބަހުރި. އިރާދަކުރެއްވިއްޔާ އެ ވަސީލަތްތަކާ އެކީގައި އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން،" ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އެމްޑީޕީ މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގައެވެ.