30 Jan 2022, 09:42
ވޮޝިންޓަން (30 ޖަނަވަރީ 2022) : ދެކުނު ޗައިނާ ކަނޑުގައި ޗައިނާއަށް ޖެއްސުންކޮށް މުލައްދަނޑީގެ ބާރުދައްކަން އުޅުނު އެމެރިކާގެ އަސްކަރީ ފައިޓާ ޖެޓެއް އެކަނޑަށް ވެއްޓި އެ ހާދިސާއާ ގުޅިގެން އެމެރިކާ ސިފައިންގެ އެތައް ބަޔަކު ޒަޚަމް ވެއްޖެއެވެ.
އެމެރިކާގެ ފައިޓާޖެޓް ވެއްޓުނީ އެސަރަހައްދުގައި އޮންނަ އެމެރިކާގެ މަތިންދާބޯޓް އުފުލާ މަނަވަރަށް ޖައްސަން އުޅެނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށް އެމެރިކާ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މި ހާދިސާގައި ވަރަށް ނާދިރު ގޮތަކަށް އެޖެޓްގެ ޕައިލެޓް ސަލާމަތްވި ނަމަވެސް މަތިންދާބޯޓް އުފުލާ މަނަވަރުމަތީގައި އެވަގުތުތިބި އެމެރިކާ ސިފައިންގެ އެތަށް ބަޔަކު ޒަޚަމްވިއެވެ. އޭގެތެރެއިން ހަ މީހަކު ފުރާނައަށް ނުރައްކާވާ ވަރަށް ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާ ގެންދަނީ ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑަށް އަސްކަރީ މަނަވަރުތަކާއި ފައިޓާޖެޓްތައް ފޮނުވައިގެން އެސަރަހައްދުގައި ޕެޓްރޯލްކޮށް އަސްކަރީ ތަމްރީންތައް ބާއްވައި އަސްކަރީ ހަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ.
ބޮޑު ޚަރަދެއްކޮށްގެން އެމެރިކާ ހިންގާ މިއަމަލުތަކުގެ ބޭނުމަކީ ޗައިނާއަށް ޖެއްސުންކުރުމާއި އުނދަގޫތައް ކުރުމެވެ. އަދި ޗައިނާ އަށް އުނދަގޫ ކޮށްގެން ޗައިނާގެ އަސްކަރީ އަދި އިގްތިސާދީ ކުރިއެރުންތައް މަޑުޖައްސާލެވޭނެ ގޮތެއް ހޯދުމެވެ. ނަމަވެސް ޗައިނާގެ ކަނޑުގެ ސަރަހައްދީ ރޮނގަށް ވަންނާކަށް އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދަކަށް ކެރިފައެއް ނުވެއެވެ.
އެމެރިކާގެ އަސްކަރި ފައިޓާ ޖެޓް ދެކުނު ޗައިނާ ކަނޑަށް ވެއްޓުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލެއްގެ ޖަވާބުގައި ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ޖައޯ ލިޖިއަން ވިދާޅުވީ އެމެރިކާއަކީ އެމީހުންނަށްވުރެ މޮޅު ބަޔަކު ނެތް ކަމަށް ދެކިގެން އަމިއްލައަށް ފުއްޕައި މުލައްދަނޑީގެ ބާރު ދެއްކުމުގެ ބޯދާ ވިސްނުންގެންގުޅޭ އިސްތިއުމާރީ ބާރެއްކަމަށާއި އެމެރިކާ އުޅޭގޮތުން އެބާވަތުގެ ހާދިސާތައް އެމެރިކާއަށް ވަރަށް ގިނައިން ދިމާވަމުން ދާކަމުގައެވެ.
ޗައިނާގެ ނޫސްތަކުންވަނީ އެމެރިކާގެ އަސްކަރީ ބަޖެޓް ބޮޑުކޮށްގެން ގައުމުތަކަށް ބިރުދެއްކުމުގެ ބަދަލުގައި އެމެރިކާގައި ފަގީރުކަން ކުޑަކޮށް އެމެރިކާގައި ހާލުގައި ޖެހިފައިވާމީހުންނަށް އެހީތެރިވުން މާ މުހިއްމު ކަމަށް ބުނެފައެވެ.
އެމެރިކާގެ އަސްކަރީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާއިން އެމެރިކާގެ ތަރައްގީއަށް ކުޑައެއްޗެއް ޚަރަދުކޮށްފައި ބޮޑުބައި ހަތިޔާރުގެ ކުންފުނިތައް ހިންގާ މަހުޖަނުންގެ ޖީބުތަކަށް ފައިސާ ވަންނަގޮތަށް އަދި ފަގީރުން އިތުރަށް ފަގީރުވާ ހަރުކަށި ކެޕިޓަލިޒަމްގެ މައްޗަށްކަމަށް ތުހުމަތުކޮށް ޗައިނާގެ މީޑިއާއިން އަބަދުވެސް އެެމެރިކާއަށް ފާޑުކިޔައެވެ.
އެމެރިކާ ސިފައިން ގެންދަނީ ޖެޓް ވެއްޓުނު ސަރަހައްދަށް ޑައިވަރުން ފޮނުވައިގެން އޭގެ ބައިތައް ނެގޭތޯ މަސައްކަތް ކުރަމުންނެވެ. މިކަމުގައި އެމެރިކާއަށް އެހީތެރިވުމުގެ ޝައުގުވެރިކަން ނެތްކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވިއެވެ.
މީގެކުރިންވެސް ޗައިނާއާ ކައިރި ސަރަހައްދުތަކަށް އެމެރިކާގެ ފައިޓަރު ޖެޓްތައް ވެއްޓިފައިވެއެވެ. ޗައިނާއަށް ޖެއްސުންކުރަން ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ބޮޑެތި ލަނޑުތައް ލިބެމުން ދެއެވެ. އަދި އެ އުޅަނދުތައް ދަންތުރަތަކުގައިވެސް ޖެހިފައިވެއެވެ. އެސަރަހައްދުގައި އުޅުނު އެމެރިކާގެ މަނަވަރެއް އެއްޗެއްގައި ޖެހިގެންވެސް ދާދިފަހުން އެމަނަވަރަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއިންވަނީ އެ ގެއްލުންތަކުގެ ތަފްސީލު ސިއްރުކޮށްފައެވެ.