"އޯކޭ..." ޝިޒާން ކުރު ޖަވާބެއް ދިނެވެ. އޭނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. މިންހާއަށް ޝިޒާން ހުރީ ހަމަޖެހިފައިކަން އެނގުނުނަމަވެސް، އޭނާ އަދިވެސް ހުރީ ހިސާބަކަށް ކަންބޮޑުވެފައެވެ. އެހެންނަމަވެސް ޝިޒާންއާ އިތުރު ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

އެގޮތުގައި ހަލުވިކަމާއެކު، ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޝިޒާންއާ މިންހާއާ ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުމެއް ނުލިބެއެވެ. ކެނެޑާއަށް ދިޔަފަހުންވެސް، މިންހާ ޝިޒާންގެ ކައިރީގައި ވަރީގެ ވާހަކަ އެތައް ފަހަރަކު ދެއްކި ނަމަވެސް، ޝިޒާން އަބަދުވެސް މިންހާއަށް ދެނީ އެއްޖަވާބެކެވެ. އޭނާ ދުވަހަކުވެސް މިންހާ ވަރި ނުކުރާނެކަމުގައެވެ. ޝިޒާން އޭނާ ދެކެ ލޯބިވާކަމަށް މިންހާއަށް ގަބޫލުކުރެވުނު ނަމަވެސް، އާހިލްއާ ދުރަށް ދާކަށް އޭނާގެ ބަސްނާހާ ހިތް އެއްބަހެއް ނުވެއެވެ. އޭނާގެ ހުރިހާ ވެސް އުފަލަކީ އާހިލްއެވެ. ވިއިރު އާހިލްއާ ވަކިން އޭނާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟. މިންހާގެ ހިތުން އޭނާއަށް ޖާގައެއް ނެތްކަން އެނގޭ ޙާލު ޝިޒާން މިންހާގެ ހިތް އޭނާއަށް މިލްކުކުރެވޭތޯ އެތައް މަސައްކަތެއް ކުރިއެވެ. އެއީ ކިހާ އުނދަގޫކަމެއްކަން އެނގޭއިރުވެސް މެއެވެ.

6 މަސް ފަސް

* * * * *

ކެނެޑާގައި ހަމަސް ފާއިތުވެގެން ދިޔައިރު ވެސް ޝިޒާންއާ މިންހާއާ ދެމީހުންގެ ގުޅުން އޮތީ އޮތް ގޮތަށެވެ. ދެމަފިރިން ކަމުގައި ވީނަމަވެސް، ދެމަފިރިން ދެމެދުގައި އޮންނަން ޖެހޭފަދަ އެއްވެސް ގުޅުމެއް އެ ދެމީހުންގެ ދެމެދުގައި ނުވެއެވެ. ދުނިޔޭގެ ކުރިމަތީގައި އެއީ ހަމަޖެހޭ ދެމަފިރިންނެވެ. އެހެންނަމަވެސް ކޮޓަރީގެ ހަތަރު ފާރުން އެތެރެ ވުމަށްފަހު، ދެމެދުގައި ވަނީ ނުތަނަވަސްކަމެވެ.

"މިންހާ... މިންހާ..." ކޮޓަރިއަށް ވަންނަމުން ޝިޒާން ގޮވައިލިއެވެ. އޭރު މިންހާ ހުރީ އެނދުގައި ދަބަސް ބަހައްޓާލައިގެެން އޭގެ ތެރެއިން ކޮންމެވެސް އެއްޗެއް ހޯދާށެވެ. ޝިޒާންގެ އަޑަށް އޭނާ ބަލައިލިއެވެ. ޝިޒާން ލާފައިހުރީ އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި، އައިސް ބްލޫ ޖީންސްއެކެވެ. އިސްތަށިގަނޑު އާދައިގެމަތިން ސްޓައިލްކޮށްލާފައިވާއިރު، އެ ތޫނު ދެލޯ އަމާޒުކޮށްލާފައިވަނީ މިންހާއަށެވެ.

"ހިނގާ ދާން... ކޯންޗެއް ތި ހޯދަނީ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ފޯނު ޗާޖަރު ލެވުނު ތަނެއް ނޭނގިގެން..." މިންހާ ބުނެލިއެވެ.

"އަނެއް ދަބަހުގައި އެބައޮތް. ތިރީގައި ވީ." ޝިޒާން ބުނެލިއެވެ. މިންހާއަށް ބަލައިލަމުން، ޝިޒާން އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހުއްޓައިލުމާއެކު، މިންހާ ވާހަކަ ދެއްކިއެވެ.

"ލަސްވަނީ ދޯ! ހިނގާ ދާން." މިންހާ އަތްދަބަސް ހިފައިގެން ހިނގައިގަތެވެ. ޝިޒާންއާއެކު ތިރިއަށް ފޭބިއިރު، ނުހައިލްގެ އިތުރުން ނޫރުލް ހުދާއާއި ނަވާގެ އިތުރުން މެހެރީންވެސް ހުއްޓެވެ. ލީވާން ފެންނާކަށް ނެތެވެ.

"ދޮންބެ ދާތީ ވަރަށް މިސްވާނެ." ނަވާ ބުނެލިއެވެ.

"އައި ވިލް މިސް ޔޫ ޓޫ ނަވޫ..." ޝިޒާން ނަވާގެ ބޮލުގައި ފިރުމައިލިއެވެ. އޭނާ އަވަސް ނަޒަރެއް މެހެރީންއަށް ދިނެވެ. ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމުންވެސް، މެހެރީން މޫނުމައްޗަކުން އެއްވެސް އަސރެއް ފާޅެއް ނުކުރެއެވެ.

"ދަރިފުޅާ. ދެން ކޮން އިރަކުން އަންނާނީ؟" ނޫރުލް ހުދާ ޝިޒާންގެ ކައިރިއަށް ޖެހިލާ ޝިޒާންގެ ކައިގައި ބައްދައިލަމުން ސުވާލުކޮށްލިއެވެ.

"މިހާރު އަޅުގަނޑަށް މިކޮޅުގައި ކިހާ ދުވަހަކު މަޑުކުރެވިއްޖެ. ދެން މާމަމެން އެކޮޅަށް ދާން ޖެހޭނީ..." ޝިޒާން ސަމާސާ ރާގެއްގައި ބުނެލުމާއެކު، ނޫރުލް ހުދާ އޭނާގެ ހިނިތުންވުން ފުޅާކޮށްލިއެވެ. އެއަށްފަހު، މިންހާގެ ކައިރިއަށް ޖެހިލާ މިންހާގެ ކޮނޑުގައި ހިފާ އޭނާއާ ކައިރިކޮށްލިއެވެ. އެއަށްފަހު ބައްދައިލިއެވެ.

"މާމަމެންވެސް ބަލާނަން ވަރަށް އަވަހަށް ދެވޭތޯ..." ނޫރުލް ހުދާ ބުނެލިއެވެ. ނުހައިލް ޝިޒާންގެ ކޮނޑުގައި ޖަހައިލިއެވެ. މިވީ ދުވަސްތަކުގައި މެހެރީންގެ ހިތުގައި ޝިޒާންއާ މެދު އޮތް ނަފްރަތު ކުޑަވިނަމަވެސް، އޭނާގެ ހިތް އަދިވެސް ޝިޒާންއަކަށް ހެވެއް ނޫނެވެ. ލީވާންވެސް ޝިޒާންއަށް ނަފްރަތު ކުރެއެވެ. ނުހައިލްގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން މެހެރީންވެސް ޝިޒާންއަކީ އޭނާގެ ދަރިއެއްކަމަށް ޤަބޫލުކުރުމެވެ.

ޝިޒާން ކާރުގެ ފަހަތު ދޮރުފަތް ހުޅުވައިލާ މިންހާ އެރުމަށް އިޝާރާތް ކޮށްލިއެވެ. މިންހާވެސް ފަހަރަކު މީހަކަށް ބަލައިލުމަށްފަހު، އަތުން ހަނާ އަޅައިލަމުން ކާރަށް އަރާ އިށީނެވެ. ޝިޒާންވެސް ދޮރުފަތް ލައްޕައިލާފައި އެންމެންނަށް ބަލައިލުމަށްފަހު، ގޮސް ކުރީ ސީޓަށް އަރާ އިށީނެވެ. އެއާއެކު، ޑްރައިވަރު ކާރު ދުއްވައިލިއެވެ. އެމީހުންނަށް އެއާޕޯޓަށް ދެވުނީ އަސުރުވާން އުޅެނިކޮށެވެ.

ޓްރާންސްސިޓް ފްލައިޓަކަށް ވާތީ ރާއްޖެ އާދެވުނީ ޖެހިގެން އައި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އިމިގްރޭޝަން ކްލިއަރވެގެން އެރައިވަލް ގޭޓުން ނުކުތްއިރު، ޑްރައިވަރު ކާރުގައި އެމީހުން ބަލާ އައިސް އޮތެވެ. މިންހާގެ ހަނދާނަށް އެންމެ ފުރަތަމަވެސް އައީ އޭނާ ޝިޒާން އާއެކު މާލެ އައި ދުވަހުގެ ހަނދާންތަކެވެ. ޑްރައިވަރު ފޮށިތައް އެރުވުމުން ޝިޒާންއާ މިންހާއާ ދެމީހުންވެސް ކާރަށް އަރާ އިށީނެވެ. އެހާ ދުވަސްފަހުން މާލެ އާދެވުމުން އަނެއްކާވެސް މިންހާއަށް ތަފާތު އިޙްސާސްއެއް ކުރެވެމުން ދިޔައެވެ. އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލީ އާހިލް މަތިން ހަނދާންވެފައެވެ. އާހިލް ބުނެފައިވަނީ މާލެ އައިހާ އަވަހަކަށް މިންހާއާ ދިމާކުރާނެކަމުގައެވެ. ޝިޒާން ފަހަތް ބަލައިލިއިރު، މިންހާގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފެނި އޭނާއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އޭނާ ހީކުރީ އެ ދަތުރާމެދު މިންހާ ހުރީ ނުހަނު ހިތްހަމަޖެހިފައިކަމުގައެވެ. އެއީ އަބަދުވެސް އޭނާ މިންހާގެ މޫނުމަތިން ދެކެން ބޭނުންވާ ކުލަވަރެވެ. މިންހާގެ މޫނުމަތިން ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު ޚުދު އޭނާގެ ހިތްވެސް އުފަލުން ފުރިދެއެވެ. މިންހާ އުފަލުގައި ހުރުމަކީ އޭނާގެ ހިތުގެ އެދުމެވެ. ދުވަހަކުވެސް މިންހާގެ ލޮލުން ކަރުނަ އަންނަތަން ބަލަން އޭނާއަކަށް ކެތެއް ނުވާނެއެވެ. އޭނާ އެހާވެސް މިންހާ ދެކެ ލޯބިވެއެވެ. ދެރަކަމަކީ އެކަން މިންހާއަށް އިޙްސާސްނުވާކަމެވެ. އޭނާގެ ހިތުގެ ޖަޒުބާތުތައް މިންހާއަށް ނޭނގޭކަމެވެ. އެހިތަށް ލިބޭނެ ރިހުމަކަށް ނުވިސްނާ މިންހާ އަބަދާ އަބަދު ވަރީގެ ވާހަކަ އޭނާގެ ކައިރީގައި ދައްކާތީއެވެ. ކައިވެންޏަށް ހަމަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް، މިންހާގެ ހިތުން އޭނާއަށް ޖާގައެއް ކަށަވަރު ނުކުރެވުމަކީ ޝިޒާންގެ ހިތް އަބަދާ އަބަދު ޝަކުވާ ކުރާ ކަމެކެވެ. މިންހާގެ ހިތުން ޖާގައެއް އޭނާއަށް ކަށަވަރުކުރެވިދާނެކަމާއެކު، ޝިޒާންގެ ހިތުގައި ސުވާލު އުފެދެން ފެށީ، މިހުރިހާ ދުވަސް ވީއިރުވެސް އެކަމަށް އެއްވެސް އަލިމަގެއް އޭނާއަށް ފެނިފައިނުވާތީއެވެ.

ގެއާ ހިސާބަށް އާދެވުމާއެކު ޝިޒާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހަށިގަނޑުގައި ވަރުބަލިކަން ވުމާއެކު، އޭނާ ބޭނުންވަނީ ފެންވަރާ ތާޒާވެލައިގެން އަރާމުކޮށްލާށެވެ. ގޭތެރެއަށް ވަތްއިރު ރާމިޒާއާ ނީނާ އާ ދެމީހުން ގޭތެރެ ސާފުކުރުމުގައި ހަރަކާތްތެރިވެއެވެ.

"ޝިޒާން އައީތަ؟" ރާމިޒާގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.

"މާގިނަ ދުވަސްވެއްޖެއެއްނު އެކޮޅުގައި." ޝިޒާން ވެސް ހިނިތުންވެލިއެވެ.

"ކާއެއްޗެހި ކޮޓަރިއަށް ފޮނުވަން ވީ ދޯ." ޝިޒާން ސިޑިއާ ދިމާލަށް ހިނގައިގަތުމުން ރާމިޒާ ބުނެލިއެވެ. ޝިޒާން ބޯ ޖަހައިލިއެވެ. މިންހާވެސް އެރީ މައްޗަށެވެ. މިންހާ ޝިޒާން ކޮޓަރިއަށް ވަތްތަން ބަލަން ހުރުމަށްފަހު، ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަދެފައި އޭނާ ވަށައިގެން ނަޒަރު ހުއްޓައިލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފެންވަރާ ތާޒާވެލައިގެން ނުކުތްތަނާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. މިންހާ ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި ނީނާއެވެ. އޭނާގެ އަތުގައި ކާއެއްޗެހި އަޅާފައިހުރި ތަބަށް ހުއްޓެވެ. މިންހާ އެ އަތުލަމުން ކޮޓަރިއަށް ވަދެލިއެވެ. ސޯފާގެ ކުރިމަތީގައި ހުރި މޭޒުގައި ކާއެއްޗެހި ބަހައްޓަމުން އޭނާ ކާން ފެށީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކައި ނިންމާލުމަށްފަހު، އޭނާ ނީނާ ގެނެސް ތަބަށް ތިރިއަށް ފޮނުވައިލިއެވެ. އެއަށްފަހު، ގޮސް އެނދުމަތީގައި އޮށޯވެލިއެވެ. ހަށިގަނޑުގައިވި ވަރުބަލިކަމާއެކު، މިންހާގެ އެސްފިޔަތަކަށް ކޮންމެވެސް ވަރަކަށް ބަރުވާން ފެށިއެވެ. އެހެންނަމަވެސް، އެވަގުތު އާހިލްގެ މެސެޖެއް އޭނާއަށް ލިބުމާއެކު ފޯނު ނަގާ ބަލައިލިއެވެ.

"މާލެ އާދެވުނީތަ؟" އާހިލް ސުވާލުކޮށްފައި އޮތެވެ.

"ޔެސް. އައި މިސްޑް ޔޫ ސޯ މަޗް. އައި ކާންޓް ވެއިޓް ޓު ސީ ޔޫ. ކޮން އިރަކުން ދިމާވާނީ؟" ކެތްތެރިކަން ކުޑަވެފައިވާ ޙާލު މިންހާ ސުވާލުކޮށްލިއެވެ.

"މި ހަފްތާތެރޭގައި އަހަރެން މިންހާއާ ދިމާކުރާނަން. އައި ޕްރޮމިސް." އާހިލްގެ މެސެޖުގައި އޮތެވެ. މިންހާއަށް އޭނާގެ މޭގައި ފޯނު ޖައްސައިލެވުނެވެ. އޭނާއަށް އަމިއްލަ ނަފްސަށް ހިނިތުންވެވުނެވެ. ކުޑައިރުކޮޅަކު އާހިލްއާ ވާހަކަ ދައްކާލާފައި މިންހާ ފޯނު ބޭއްވީ އާހިލް ކޮންމެވެސް ކަމަކު ބިޒީ ވުމުންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން މިންހާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލުމާއެކު، އޭނާގެ ނަޒަރު ހުއްޓުނީ ސޯފާއަށެވެ. ކެނެޑާގައި އޭނާ އުޅުނީ ޝިޒާންއާއެކު އެއް ކޮޓަރިއެއްގައެވެ. ސޯފާ ފެނުމާއެކު، އޭނާއަށް ޝިޒާން މަތިން ހަނދާންވާން ފެށިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޝިޒާން އޮންނާނީ ނިދާފައި ހެއްޔެވެ؟ މިންހާގެ ސިކުނޑިއަށް ސުވާލުތައް ވެރިވާން ފެށިއެވެ. މާ ބޮޑަށް ޝިޒާން މަތިން ހަނދާންވާން ފެށުމުން، މިންހާ އޭނާގެ އަމިއްލަ ނަފްސަށް އަޑުލިޔެވެ.

"ކީއްވެތަ އޭނަ މަތިން ހަނދާން ތިކުރަނީ؟ އެއީ ކާކުތަ؟" މިންހާއަށް އަމިއްލަ ނަފްސާ ވާހަކަ ދެކެވުނެވެ. ގަބޫލުކުރަން ބޭނުންނޫނަސް އޭނާ ޝިޒާން މަތިން ހަނދާންވަނީއެވެ. އެންމެ ފަހުން ފޯނު ނަގާ ދެ ވިސްނުމެއްގައި އޮވެފައި، އޭނާ ޝިޒާންގެ ނަންބަރަށް މެސެޖެއް ފޮނުވައިލިއެވެ.

ވަރުބަލިކަން އިޙްސާސްވެފައި އޮތް ޝިޒާން ލޯމަރާލައިގެން އޮތްނަމަވެސް، އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ މިންހާއެވެ. ކެނެޑާގައި އުޅުނުއިރު، މިންހާ ނިދުމުން އޭނާ އެތައް ރެއަކު މިންހާގެ އެ މައުސޫމް މޫނަށް ބަލަން އިނދެއެވެ. އެ މޫނުގައި އޭނާ ފިރުމައެވެ. އެ އަތަށް އޭނާ ބޮސްދެއެވެ. އެއިން އެއްވެސް ކަމެއް މިންހާއަކަށް ނޭނގޭނެއެވެ. އޭނާގެ ހިތުގައި އުތުރޭ ޖަޒުބާތުތައް ކިޔަމަން ކޮށްލައިގެން އޭނާ މިންހާއާ ދުރުގައި ހުރީ ހާދަ ހިތްވަރުންނެވެ. ކައިރީގައި ހުރިނަމަވެސް، މިންހާ ވީ އޭނާއާ އެތައް ހާސް މޭލެއްގެ ދުރުގައެވެ. ހަލާލު އަނބިމީހާކަމުގައި ވީ ނަމަވެސް، އޭނާއަށް މިންހާއާ ކައިރިވުމުގެ އެއްވެސް ހައްޤެއް މިންހާ ނުދެއެވެ.

އެހެން އޮއްވާ އޭނާގެ ފޯނަށް މެސެޖެއް އައެވެ. ކަންނެތްކަމާއެކު، ވެސް އޭނާ ފޯނު ނަގާ ބަލައިލީ އެ ގަޑީގައި މެސެޖް ކުރާނީ ކާކުތޯ ބަލައިލުމުގެ ބޭނުމުގައެވެ. ސްކްރީނުން ފެނުނު މިންހާގެ ނަމާއެކު ޝިޒާންއަށް ކުޑަކޮށް ދެލޯ ބޮޑުކޮށްލެވުނެވެ. އެނދުން ތެދުވެ ހެޑްބޯޑުގައި ލެނގިލަމުން އޭނާ މެސެޖް ހުޅުވައިލިއެވެ. ކޮންމެވެސް ވަރަކަށް ނިދީގެ އަަސަރުވެސް ފިލާ ގޮސްފިއެވެ.

"ކީކުރަނީތަ؟ ނިދީތަ؟" މިންހާ ސުވާލުކޮށްފައި އޮތެވެ. ޝިޒާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ މިންހާވެސް އޭނާގެ މަތިން ހަނދާންކުރާކަން އެނގުމުންނެވެ.

"ކަމެއް ނުކުރަން؟ އަހަރެން މަތިން ހަނދާންވީތަ؟ އަހަރެން މިންހާ މަތިން ހަނދާންވާވަރުން އޮތީ..." ޝިޒާން މެސެޖަށް ރިޕްލައިކޮށްލިއެވެ. އެތައް އިރެއް ވީއިރުވެސް މިންހާގެ ޖަވާބެއް ނުލިބުމުން، ޝިޒާން ފޯނު ބާއްވާފައި ދެލޯ މަރައިލީ މާދަމާ ހެނދުނު އޭނާ ކުރަން ރާވާފައި އޮތްކަންތައް މަތިން ހަނދާންކޮށްލަމުންނެވެ.

ފޯނަށް ބަލައިލި މިންހާއަށް ޝިޒާންގެ މެސެޖަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާއަށް ކުރެވުނީ ރަނގަޅުކަމެއް ނޫންކަމުގައި ސިކުނޑި އިންޒާރުދޭން ފެށީ އެވަގުތެވެ. މިންހާވެސް ފޯނު ބާއްވަމުން ނިދޭތޯ އަވަސްވެގަތެވެ.

*****

ޖެހިގެން އައި ދުވަހު މިންހާއަށް ހޭލެވުނީ ނުވައެއް ޖަހާ ބޮޑުވީފަހުންނެވެ. އޭނާ މޯޅިއަކަށް ދެމިލަމުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނުކުތެވެ. ރީތިވެ ނިމުނުތަނާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އޭނާ ގޮސް ދޮރު ހުޅުވައިލިއެވެ. އެއާއެކު ކުރިމަތީގައި ހުރި މީހާ ފެނި ހަޅޭއްލަވައިގަނެވުނެވެ.

"ލީން...." މިންހާއަށް ޔޫލިންގެ ގައިގައި އޮޅުލައިގަނެވުނެވެ.

"މިންނޫ..."

"ކޮން އިރަކު އައީ؟ ނުވެސް ބުނޭ. ކިހިނެއް މިގެ އެނގުނީ؟ ކާކު އެތެރެއަށް ވެއްދީ؟" މިންހާއަށް އެއް ފަހަރާ އެތަކެއް ސުވާލެއް ޔޫލިންއާ ކޮށްލެވުނެވެ. ޔޫލިން އޭނާގެ އެއްފަރާތުގައި ހުރި ޝިޒާންއަށް އިޝާރާތް ކޮށްލިއެވެ.

"ދެން ބުނެބަލަ! ކޮން އިރަކު މާލެ އައީ؟ އަހަރެން ކައިރީ ނުވެސް ބުނެ..." މިންހާއަށް އަނެއްކާވެސް އަހައިލެވުނެވެ.

"އަހަރެން ބޭނުންވީ މިންނުއަށް ސަޕްރައިޒެއް ދޭން. އަހަރެން ބުނީމެއްނު މާލެ އަންނަ ވާހަކަ؟ އެހާ އަވަހަށް ހަނދާން ނެތުނީ؟" ކެނެޑާގައި މިންހާ ހުރިއިރު، ޔޫލިން އޭނާ ބުނެލި ވާހަކައެއްގެ މަތިން މިންހާއަށް ހަނދާންކޮށްލަދިނެވެ.

"މެރީ ކުރަންތަ ތިއައީ؟" މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޔޫލިން ލަދުވެތިކަމާއެކު، ބޯ ޖަހައިލިއެވެ.

"އަޅޭ... އައި އެމް ސޯ ހެޕީ ފޯ ރޫ..." މިންހާއަށް އަނެއްކާވެސް ޔޫލިންގެ ގައިގައި އޮޅުލައިގަނެވުނެވެ.

"އައި ވިލް ގިވް ޔޫ ގާއިސް ސަމް ޓައިމް. އަަހަރެން ހުންނާނަން ތިރީގައި. އާދޭ ސައިބޯން..." ޝިޒާން ހުރީ މިންހާގެ އުފާވެރިކަންފެނި ހިތްހަމަޖެހިފައެވެ. އޭނާ އެހެން ބުނެލާފައި ތިރިއަށް ހިނގައިގަތުމުން މިންހާ ޔޫލިން އެތެރެއަށް ވެއްދިއެވެ.

"ވާއު. އިޒް ދިސް ޔޯ ރޫމް... އިޓްސް އެމޭޒިން..." ޔޫލިންއަށް ވަށައިގެން ބަލައިލެވުނެވެ. މިންހާ ބޯ ޖަހައިލިއެވެ.

"ކިހިނެއްވަނީ ޝިޒާންއާއެކު ރިލޭޝަންޝިޕް؟" ޔޫލިން އެނދުގައި އިށީންނަމުން ސުވާލުކޮށްލިއެވެ. މިންހާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން އެ ގުޅުން ރަނގަޅު ނޫންކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ. މިންހާގެ އަތުގައި ހިފާލަމުން ޔޫލިން ކެނޑިނޭޅި ސުވާލުކުރަން ފެށުމުން މިންހާ އެ ގުޅުމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ޔޫލިންއަށް ކިޔައިލަދިނެވެ.

"މިންނޫ... ވައި އާރ ޔޫ ޑުއިން ދިސް. ޝިޒާން އިސް ދި ރައިޓް ޕާރސަން ފޯ ޔޫ އޭ... " ޔޫލިން ބުނެލިއެވެ.

"ނޫން. އައި ލަވް އާހިލް އޮންލީ. ލީން..." މިންހާ ޔޫލިންއަށް ގޮވައިލިއެވެ.

"ޔާ... ކިހިނެއްވީ؟"

"އަހަރެން މިއުޅެނީ އާހިލްއާ ބައްދަލުކުރަން." މިންހާ ބުނެލިއެވެ.

"އާރ ޔޫ ކްރޭޒީ؟ މިންނު. ޝިޒާންއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް؟ ތީ ރަނގަޅުކަމެއް ނޫނޭ... އިނދެގެން މިހާ ދުވަސްވީއިރު މިންނުއަށް ޝިޒާންގެ ފަރާތުން ނުހުރޭކަމެއް ފެނުނުތަ؟ ނޫނެއްނު. އޭނައަށް ޙައްޤު އޮތެއްކަމަކު މިންނުއަށް ވަކިން ކޮޓަރިއެއް ދީފައި ހުންނަނީ އޭނަ މިންނު ދެކެ ހާދަ ލޯބިވާތީއޭ." ޔޫލިން ބުނެލިއެވެ.

"އެކަމަކުވެސް އަހަރެން ލޯބިނުވަންޏާ ކިހިނެއް އުޅޭނީ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ.

"ލޯބިވެވޭނެ. މިންނު. އާހިލް މަތިން ހަނދާންނައްތާލާފަ އެއްފަހަރުވެސް ޝިޒާންއާ މެދު ވިސްނާލަބަލަ!" ޔޫލިން ބުނެލިއެވެ.

"އެހެން ވިޔަސް ހެޔޮ. އަހަރެން އާހިލްއާ ބައްދަލުކުރާނަން..." މިންހާ ބުނެލިއެވެ. މިންހާގެ ރާގު ހުރި ގޮތުން އޭނާ ކިތަންމެ ނަސޭޙަތެއް ދިން ނަމަވެސް، އެ އަޑު މިންހާ ނާހާނެކަން ޔޫލިންއަށް އެނގުމާއެކު، އޭނާ އެ ހިސާބުން އެ މައުޟޫ ބާއްވަމުން ބުނީ ފަހުން ހިތާމަކުރަން ޖެހޭ ވަރުގެ ކަމެއް ނުކުރުމަށެވެ.

ދެމީހުން ވާހަކަ ދައްކާލާފައި ތިރިއަށް ގޮސް ސައިބޮއިގެން ބަގީޗާ ގަސްތައް ކައިރިއަށް ނުކުމެލިއެވެ. އެތަނުގައި ވެސް އެތައް އިރަކު ވާހަކަ ދައްކަން ދެ އެކުވެރިން ތިއްބެވެ.

*****

ދެ ދުވަސްފަހެވެ. އެއީ ރޭގަނޑުގެ ވަގުތެވެ. ޝިޒާން ވީ އޮފީސްކަމަކު ބޭރަށް ގޮހެވެ. މިންހާ ފެންވަރާލައިގެން ނުކުމެ އަލަމާރިން އޭނާއަށް އެންމެ ކަމުދާ ހެދުމެއް ނަގައިގެން އެ ލައިގެން އައިސް ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެެ. ރަތްކުލައިގެ މާތަކެއް ޖެހި ފްލޯރަލް ޓޮޕަކާއި ކަޅުކުލައިގެ ޖީންސްގައި އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. މިންހާ އޭނާގެ ކޮޕަރ ބްލޮންޑް ކުލައިގެ އިސްތަށިގަނޑުގައި ފުނާ އަޅައިލަމުން އިސްތަށިގަނޑު ފަހަތަށް ދޫކޮށްލަމުން އޭނާގެ އަލި ހަންގަނޑާ ގުޅޭކަހަލަ ލުއި މޭކަޕެއްކޮށްލާ ތުންފަތުގައި ރަތްކުލަ ޖައްސައިލިއެވެ. އެއާއެކު އޭނާގެ ރީތިކަން ދެގުނަ ވެގެން ދިޔައެވެ. އުސްފައިވާނަކަށް އަރާލައިގެން އޭނާ އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ފޯނަށް މެސެޖެއް އައުމާއެކު، އެމެސެޖް ކިޔާލާ އޭނާ ދަނީކަމުގައި ބުނެ ރިޕްލައިކޮށްލިއެވެ.

ގެއިން ނުކުތް މިންހާ ޓެކްސީއެއް ހުއްޓުވާ އެއަށް އަރައިގެން ބޮޑުތަކުރުފާނު މަގުގައި ހުންނަ ދާދިފަހުން ހުޅުވީ ރޫޕްޓޮޕް ރެސްޓޯރެންޓްގެ ނަން ބުނެލިއެވެ. އެ ހިސާބަށް އާދެވުމުން ޓެކްސީއަށް ލާރި ދައްކާފައި މިންހާ ފޭބިއެވެ. އެތެރެއަށް ވަދެގެން އޭނާ ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. އެންމެ މައްޗަށް އެރުމާއެކު މިންހާ އޭނާގެ މޭގައި އަތް އަޅައިލިއެވެ. އާހިލްއާ ބައްދަލުވާން އުޅޭތީ އޭނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އެ ހިތްވަނީ އަވަސްވެފައެވެ، ނޭވާ ވަނީ ފުންވެފައެވެ.

މިންހާ ގޮސް އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެތަނުގައި އިންނައިރު ސިނަމާލެ ބްރިޖު ރީތިކޮށް ފެނެއެވެ. އޯޕެން އޭރިއާއެއްކަމުން ޖެހެމުންދިޔަ ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި އޭނާގެ ގައިގައި ބީހެމުން ދިޔައެވެ. ވައިރޯޅިތަކާ ސަމާސާ ކުރަމުން ދިޔަ އިސްތަށިގަނޑު ކަންފަތް ދޮށަށް ލައްވައިލަމުން، މިންހާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ތަނުގައި ހުރި އޮރެންޖު ކުލައިގެ އަލިކަމުގެ ތެރެއިން، ތަނުގެ ހިތްގައިމުކަން އިތުރުކޮށްދެނީ އެތެރޭގައި އިންދާފައިހުރި އިންޑޯ ގަސްތަކާ އިންޓީރިއަރގެ ފުރިހަމަކަމުންނެވެ. މިންހާ ފޯނަށް ނަޒަރު ހުއްޓާލައިގެން އިންދާ ސިހުނީ މީހަކު ކައިރިއަށް ހުއްޓި އޭނާއަށް ގޮވައިލުމާ އެކުގައެވެ.

"މިންނު..."

(ނުނިމޭ)

ނޯޓް: ހިމީ ކޮވިޑަށް ޕޮޒިޓިވް ވެ ވަރަށް ބޮޑަށް ބަލިވުމާ ގުޅިގެން ވާހަކަ މެދުކެނޑުނީތީ އެންމެހާ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން. މި ފުރުސަތުގައި ތިޔަ އެންމެހާ ކިޔުންތެރިންގެ ފަރާތުން ހިމީއަށް ދެއްވާ ތަރުހީބަށް ޝުކުރުދަންނަވަން. އިންޝާ ﷲ. ކުރިއެކޭ އެގޮތަށް ވާހަކައިގެ އާ އެޕިސޯޑެއް ކޮންމެ އާދިއްތަ އަދި ބުދަ ދުވަހަކު ގެނެސްދޭނަން. ޝުކުރިއްޔާ!