30 Jan 2022, 09:29
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫގައި ރޭ ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ޖަލްސާގައި ޑރ. ޖަމީލް ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީންގެ ވެރިކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްއިން ޖަހާ ހިސާބު ގޯސްނުވާނެކަމަށެވެ. އަދި ރައީސް ޔާމީން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމުގެ ހިސާބު މިހާރު ޖައްސަވައިފިކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
"2023 ގަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި މާތްﷲގެ ތަނަވަސް ރަހުމަތާއެކީގަ ޕީޕީއެމްގެ ފަރާތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމްގެ ހުވާކުރައްވާނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމް ކާމިޔާބު ކުރުމަކީ އެ އުންމީދު ހަގީގަތަކަށް ވުމުގެ ފުރަތަމަ ފިޔަވަޅުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖެއަށް ތަރައްގީ ގެނެސްދެއްވި ހަމައެކަނި ރައީސް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އުމްރާނީ ގޮތުން ތަރައްގީވީ ދުވަހަކުވެސް ތަރައްގީނުވާ ބާރުމިނެއްގައިކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް އަކީ ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫންކަމަށެވެ. އަދި އެ ޕާޓީ ފަހަތައް ނުވެސް ޖެއްސޭނެ ކަމަށް ޕީޕީއެމްގެ އެޑްވައިޒަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ސަރުކާރަކީ ތަރައްގީ ގެންނަން އަބަދުވެސް ދަންނަ ސަރުކާރެއް ކަމަށް މުޅި ރާއްޖެ ހެކިވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގައި ބްރިޖު އަޅަން ދަންނަނީ ޕީޕީއެމް. މި ރާއްޖޭގައި ބޮޑެތި ހޮސްޕިޓަލް އަަޅަން ދަންނަނީ ޕީޕީއެމް. މިރާއްޖޭގައި ބޮޑެތި އެއާޕޯޓުތައް އަޅަން ދަންނަނީ ޕީޕީއެމް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ނައިބު ރައީސް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކޮށްފައި ވަނީ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އެއަށްފަހު ދެން ނައިބު ރައީސް ކަމަށް ގެނައީ އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަހްމަދު އަދީބު އަބްދުލްޣަފޫރެވެ.
މަގާމުން ވަކިކުރުމާއެކު ޑރ. ޖަމީލް ދިރިއުޅުއްވީ އިނގިރޭސިވިލާތުގައެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު 2020 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އެ ޕާޓީން ވަކިވެވަޑަޑައިގެން އަނެއްކާ ވެސް ޕީޕީއެމާ ގުޅިވަޑައިގަތީއެވެ.