ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު ބަންޑާރަ ކޮށީގައި ކޯފާ އިސްކުރައްވައި ސިފައިންނަށް އަމުރުމައުރޫފު ހިންގެވި ވީޑިއޯއެއް އަނެއްކާ ވެސް އާންމުވެއްޖެ އެވެ.

ސޯޝަލް ނެޓްވޯކްތަކުގައި މިއަދު އާއްމުވި ވީޑިއޯ އިން ފެންނަނީ ފެބްރުއަރީ 7، ވަނަ ދުވަހު ރައީސް ނަޝީދު ބަންޑާރަ ކޮށީގައި ހުންނަވައިގެން ސިފައިންނާ ދިމާލަށް އަޑުގަދަ ކުރައްވައި ބާރުބާރަށް ހިންގަވާތަނެ އެވެ. އަދި ރަޔަޓް ގިޔަރުގައި ތިބި ސިފައިންނާ ދިމާލަށް ރައީސް ނަޝީދު އަތް ހޫރުވައި "ނުކުމޭ ނުކުމޭ" ކިޔައި ހަޅޭފުޅުލައްވާތަން ވެސް ފެނެ އެވެ. "މިތަން ހަމައަކަށް އަޅުވަބަލަ ކަލޭމެން. މުޅި ރާއްޖެ ހަލާކުވެގެންދާ އިރު ކޮމާންޑެކޭ އަނެކެއްޗެކޭ ކިޔަކިޔައި..." ރައީސް ނަޝީދު ވިދާޅުވެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުން ރައީސް ނަޝީދުގެ އަރިހުގައި އޭރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭގެފާނާއި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒް (ދ. ރިޔާޒް)ގެ އިތުރުން އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވެސް އެތަނުގައި ފުލުހުންނަށް އަމުރުމައުރޫފު ހިންގެވުމުގައި ހަރަކާތެރިވެ އެވެ. ބަންޑާރަ ކޮށީގައި އެބޭފުޅުން ހަރަކާތްތެރިވި އިރު، 1 މިނިޓް 44 ސިކުންތުގެ އެ ވީޑިއޯ އިން ނަގާފައި ވަނީ ސިފައިންގެ މީހެއްކަން ސަންއަށް ކަށަވަރުވެފައިވެ އެވެ. އެ ވީޑިއޯއަކީ ސިފައިންގެ މީހާ ކުރި ވީޑިއޯގެ ބައެއް މަންޒަރުތައް ގުޅުވައިގެން ހަދާފައިވާ ވީޑިއޯ ކްލިޕެކެވެ.

ރައީސް ނަޝީދު ބަންޑާރަ ކޮށީގައި ހުންނެވި ވަގުތު އެ ދުވަހު ޖުމްހޫރީ މައިދާނަށް ފުލުހުންނާ އެކު އެއްވެފައިވާ މީހުން ކޮންޓްރޯލް ކުރުމަށް ސިފައިން ނެރުމަށް ނަޝީދު އަމުރު ކުރައްވަމުން ގެންވި އިރު، ތޮލްހަތު ވެސް ވިދާޅުވަމުން ގެންދެވީ "ކީއްވެތަ މަޑުން ތި ތިބެނީ. މައިތިރި ކުރޭ އެމީހުން.. ކަލޭމެން ސިފައިން ލަދުގަންނުވާލަންތަ ތިޔަ އުޅެނީ ޕޮލިހުންގެ ކުރިމަތީގައި،" އަދި މޫސާ އަލީ ޖަލީލު ވިދާޅުވަމުން ގެންދެވީ "އަވަހަށް އަވަހަށް، އަވަސް ކުރޭ" އެވެ.

އެ ވީޑިއޯ ނިމޭއިރު އޭރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ވެސް ބަންޑާރަ ކޮށިން ނުކުމެވަޑައިގެން ސިފައިންނާ ދިމާލަށް ވިދާޅުވަމުން ގެންދެވީ "ކަލޭމެން ތިޔަހެން އެއްގޮތަކަށް ވެސް ނުހައްދަވާށޭ. ތިބޭފުޅުންނަށް މިކަން ވާނޭ" ކަމަށެވެ.

http://www.youtube.com/watch?v=CBAq-ATI0go