ތުރުކީގެ އިންފްލޭޝަން މަތިވާތީ އެ ގައުމުގެ ތަފާސްހިސާބުތަކާބެހޭ އިދާރާގެ ވެރިޔާ ސައިތު އާދަލް ޑިންސާ މަގާމުން ވަކިކޮށްފިއެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ އެ ގައުމުގެ އިންފްލޭޝަން ރޭޓު މަތިވަނީ އިންޓްރެސްޓު ރޭޓު މަތިވުމުން ކަމަށް ބުނެފައެވެ.

ނަމަވެސް މިއީ ދެކޮޅު ޖެހޭ ވާހަކައެއް ނޫންކަމަށް އިގުތިސާދާބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.

އެގޮތުން އިންފްލޭޝަން މަތިވަނީ އިންޓްރެސްޓް ރޭޓު ކުޑަވެ، މީހުން ފާއިސާގެ މުއާމަލާތުކުރާ މިންވަރު ގިނަވުމުންކަމަށް އިގުތިސާދީ މާހިރުން ވަނީ ބުނެފައެވެ.

ތުރުކީގެ އިންފްލޭޝަން ރޭޓު 36.1 އިންސައްތަ މަތިވެފައިވާއިރު، އުރުދުޣާން ވަނީ އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރުންވެސް މަގާމުން ދުރުކޮށްފައެވެ.

ޖުލައި 2019 އިން ފެށިގެން މިއަދާ ހަމައަށް އުރުދުޣާން ވަނީ ސެންޓްރަލް ބޭންކުގެ ތިން ގަވަރުނަރުން މަގާމުން ވަކިކޮށްފައެވެ.

މިދިޔަ އަހަރު ޑިންސާގެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ތުރުކީގެ ސަރުކާރުންނާއި އިދިކޮޅުން ވަނީ ފާޑު ކިޔާފައެވެ.

އެގައުމުގެ އިދިކޮޅުން ބުނާ ގޮތުގައި އެ އަދަދުތަކަކީ ރަނގަޅަށް ރިޕޯޓްކުރެވިފައިވާ ޢަދަދުތަކެއް ނޫނެވެ. އަދި އެ ގައުމުގެ ސަރުކާރުން ބުނަނީ އެ އަދަދުތަކަކީ ތުރުކީގެ އިގުތިސާދީ ހާލަތު އެންމެ ރަނގަޅަށް ބަޔާންކޮށްދޭ އަދަދުތަކެއް ނޫން ކަމަށެވެ.

ޑިންސާ ވަނީ އޭނަ އަމިއްލަ ދިފާއުގައި މީގެ ކުރިންވެސް ވާހަކަ ދައްކާފައެވެ.

"މިއަދު މި އޮފީހުގައި އަހަރެން ހުއްޓަސް މާދަމާ އެހެން މީހަކުވެސް ހުރެދާނެ. އެކަމަކު މިވަގުތު އަހަރެންގެ ބޮލުގައި އެޅިފައިވަނީ 84 މިލިއަން އާންމުންގެ ޒިންމާ،" ޑިންސާ ބުންޏެވެ.

އުރުދުޣާން ބުނާ ގޮތުގައި ތުރުކީގެ އިންފްލޭޝަން ރޭޓު ދަށަށް ދާނީ އިންޓްރެސްޓް ރޭޓުވެސް ދަށް ކުރުމުންނެވެ.

ތުރުކީގެ އިގުތިސާދީ ހާލަތު ގޯސްވުމާ ހަމައަށް މިސްރާބު ޖަހާފައިވާއިރު، އެ ގައުމުގެ ފައިސާގެ އަގުވެސް ވަނީ ވެއްޓެން ފަށާފައެވެ.