29 Jan 2022, 22:34
ކ. މާފުށި ޖަލުން 58 ގައިދީއަކު އަލަށް ޕޮޒިޓިވްވެ، ޖަލުގެ އެކްޓިވް ކޭސްގެ ޖުމުލަ އަދަދު 168އަށް އަރައިފިއެވެ.
ކޮވިޑްގެ އަލާމާތްތައް ހުރި ގައިދީންނާއި އޮފިސަރުންގެ ސާމްޕަލް ނެގި އިރު، އޭގެ ތެރެއިން ހަތް އޮފިސަރުންނާއި ހަތަރު ގައިދީން ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅުވައިގެން މިމަހުގެ 13 ވަނަ ދުވަހުން ފަށައިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެނެސް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
މާފުށި ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ އެ ޖަލުގައި ތިބި ބައެއް ހައި ރިސްކު ގައިދީން މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
ކަރެކްޝަނުން މިއަދު އާއްމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ގައިދީންގެ ތެރެއިން މި ވަގުތު ކަރަންޓީނުގައި 82 ގައިދީއަކު ތިބިއިރު، 114 ގައިދީއަކު ވަނީ ބަލިން ފަސޭހަ ވެފައެވެ.
މީގެ އިތުރުން 15 ޕްރިޒަން އޮފިސަރުން ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 16 އޮފިސަރަކު ވަނީ ބަލިން ފަސޭހަ ވެފައެވެ.
ކަރަންޓީނުގައި މިވަގުތު ތިބީ ތިން އޮފިސަރުންނެވެ.
މި ހާލަތާ ގުޅުވައިގެން ޖަލުގެ ބައެއް ހިދުމަތްތަކަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ގައިދީންނާއި ބަންދުގައި ތިބި މީހުންގެ އާއިލީ ބައްދަލުވުމާއި ވަކީލާ ބައްދަލު ކުރުމުގެ އިތުރުން ކޯޓުގެ އަޑުއެހުންންތައް ވެސް ދެން ކުރިއަށްގެންދާނީ އޮންލައިން ކޮށެވެ.