ސާކް ސަމިޓަށް އައްޑޫ ސިޓީގައި ގާއިމްކުރި ސްޓޭޓް ހައުސްގައި ހިތަދޫ ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖައްސައި، ގަމުގައި ހުންނަ ޒުވާނުންގެ މަރުކަޒެއްގައި ގަމު ޕޮލިސް ސްޓޭޝަން ވަގުތީ ގޮތުން ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ސްޓޭޓް ހައުސް އަށް ހިތަދޫ ފުލުހުންގެ މަރުކަޒު ވަގުތީ ގޮތުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެތަނުގެ އިންވެންޓްރީ ނަގައި ނިމުމުން އެ އިމާރާތަށް ހިތަދޫ ޕޮލިސް ސްޓޭޝަން ބަދަލުކުރާނެ ކަމަށެވެ.

މީގެއިތުރުން ގަމު ޕޮލިސް ސްޓޭޝަން ވަގުތީ ގޮތުން ހިންގުން ކުރީގެ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ހުންނަ ޒުވާނުންގެ މަޒުކަޒަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަމު ޕޮލިސް ސްޓޭޝަން ރޯކޮށްލި އިރު އެ ތަނުގެ ތެރޭގައި މުޅިން އަނދައިގެން ނުގޮސް ހުރި ތަންކޮޅެއްގެ ތެރޭގައި ގަމާއި ހިތަދޫގެ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް މިހާރު ކުރަމުން ދަނީ. ދެން ވަގުތީ ގޮތުން ހިންގުމަށް ލިބިފައި ހުރި ތަންތަން ޕޮލިސް ސްޓޭޝަންތަކުގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރަމުން މިގެންދަނީ،" އޮފިޝަލް ވިދާޅުވީ އެވެ.

އޭނާ އަދި ވިދާޅުވީ އައްޑޫ ސިޓީގެ އިތުރުން ގދ. ތިނަދޫގައި ހުރި ޕޮލިސް ސްޓޭޝަނާއި އެ ނޫން ވެސް އެހެން ރަށްރަށުގައި ހުރި ޕޮލިސް ސްޓޭޝަންތައް ފުލުހުންނަށް ދާއިމީކޮށް ތަނެއް ލިބެންދެން ވަގުތީ ގޮތުން ކޮންމެވެސް ތަނެއްގައި ހިންގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަޢީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން އެމްޑީޕީ އިން ބޭއްވި މުޒާހަރާއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ބަޔަކު ހުޅުޖަހައި ރޯކޮށްލާފައިވާ އިރު އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށެވެ. އަދި ހުޅުޖެހި ޕޮލިސް ސްޓޭޝަންތަކަށް ލިބުނު ގެއްލުން 112 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.