29 Jan 2022, 15:28
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޓެސްޓްތައް ހެދުމަށް ލޭނެގުމުގެ ހިދުމަތަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
އައިޖީއެމް ހޮސްޕިޓަލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތަކަށް ބަދަލު ގެންނަން ނިންމާފައި ވާކަމަށެވެ.
މާދަމާއިން ފެށިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީއިން ލޭ ނެގުމުގެ ހިދުމަތް ދޭނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ކުރިން އެ ލެބޯޓްރީން އަށް ގަޑިއިރަށް ވުރެން ގިނަ ވަގުތު ހިދުމަތްދެއެވެ.
އަދިހަމައެޔާއެކު ދުވާލަކަށް ދޫކުރާނީ އޮންލައިންކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ގޮސްގެން ނަގާ 100 ނަންބަރު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މިހާރުވެސް ދޫކުރަމުން ދަނީ އޮންލައިންކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ގޮސްގެން ނެގޭ 100 ނަންބަރު ކަމަށެެވެ.
ފެބްރުއަރީ 5 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދޭނެ ގޮތެއް ނިންމާނީ ހާލަތަށް ބެލުމަށްފަހުގައި ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.
މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 130،599އަށް އަރާފައެވެ.
އެކްޓިވް ކޭސްތައް، 17،777 ގައި ހުރިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން 49 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 274 މީހުން ވަނީ މަރުވެފައެވެ.