ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ގަނޑުވަރެއް ހައްގުވާ ބޭފުޅެއް ނޫން ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ހާއްސަ ކޮށްފައިވާ މުރައިދޫގެއަކީ ތަޅާލަން ޖެހޭ ތަނެއް ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ ށ. ފޯކައިދޫގައި ޕީޕީއެމްގެ ފަރާތުން ރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ދިރިއުޅުއްވުމަށް ޓަކައި ހާއްސަކޮށްފައިވާ މުރައިދޫގެ އަކީ ދައުލަތުން ކުރާ ބޮޑު އިސްރާފެއް ކަމަށެވެ.

ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރެރިސްޓް ހަމަލާއަށް ފަހުއެވެ.

"ރައީސް ނަޝީދަށް ދީފައި އެވާ މުރައިދޫ ގަނޑުވަރު އެބަޖެހޭ ތަޅާލަން. އެއީ ބޭކާރު ތަނެއް. އެއީ ރައްޔިތުންގެ ފައިސާއިން ކުރާ ބޮޑު އިސްރާފެއް. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ހަރަދެއް ނޫން،" މަލީހް ވިދާޅުވިއެވެ.

ފާއިތުވީ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ފުނޑުފުނޑު ކޮށްލައިފިކަން ފާހަގަ ކުރައްވަމުން މަލީހު ވިދާޅުވީ އެގޮތުން ފަނަރަ ރުފިޔާ ސާޅީސް ދެ ލާރިއަށް ލިބެންޖެހޭ ޑޮލަރު މިއަދު އެ ލިބެނީ ސަތާރަ ރުފިޔާ އަށްޑިހަ ފަސް ލާރިއަށް ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ފައިދާ ވަމުންދިޔަ ބޮޑެތި ކުންފުނިތައް ވެސް މިއަދު ބަނގުރޫޓު ވެއްޖެ ކަމަށެވެ. އެގޮތުން މޯލްޑިވިއަން، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލްގެ އިތުރުން މިފްކޯ ވެސް އެވަނީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ ކޮވިޑާ ގުޅިގެން އެތައް ރައްޔިތުންނެއް އުޅެމުން އެ އަންނަނީ އަނގަޔާއި އަތާ ދިމާ ނުވެގެން ކަމަށާއި ނަމަވެސް މި ހާލަތުގައި ވެސް ރައީސް ނަޝީދު އެ ގެންދަވަނީ ތިން މުސާރަ ނަންގަވަމުން ކަމަށެވެ.

އެމްޑީޕީން ގެންގުޅޭ ފަނާ ކުރަނިވި ސިޔާސަތު ތަކަށް ނިމުން ގެންނާނެކަން ފާހަގަ ކުރައްވަމުން މަލީހް ވިދާޅުވީ އެ ޕާޓީން ބޭނުންވާ ކޮންމެ ގޮތެއް މި ގައުމަށް ހެދުމުގެ ވަގުތު މިހާރު ހަމަ ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ފަދަ ފުރުސަތެއް ރައްޔިތުން ނުދޭނެ ކަމަށެވެ.

"ސަތާރަ ނޮވެންބަރު ދެ ހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގައި ގާއިމު ވެގެންދާނީ ޕީޕީއެމްގެ ސަރުކާރެއް. އެވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަންވީ ރައީސް ޔާމީން،" އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބުރުއަރީމަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، މަލީހް ވިދާޅުވީ އެއީ ހަމައެކަނި ކޮމަންޑޫ ދާއިރާއާ ގުޅިފައިވާ އިންތިހާބެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ އިންތިހާބަކީ ރައްޔިތުންގެ ވިންދާއި އިހްސާސާ އަދި މިނިވަންކަމާ ވެސް ގުޅިލާމެހިފައިވާ ވަރަށް މުހިއްމު އިންތިހާބެއް ކަމަށެވެ.

ޕީޕީއެމްގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވައި ކެނޑިޑޭޓަށް ތައުރީފް ކުރައްވައި މަލީހް ވިދާޅުވީ ފަތުހީއަކީ އެ އަތޮޅުގެ ފަހުރުވެރި ދަރިއެއް ކަމަށާއި ހަމަ އެއާއެކު އޭނާއަކީ ތައުލީމާއި ގާބިލްކަން ލިބިފައިވާ އަދި ލާމަރުކަޒީ ނިޒާމަށް ވެސް އެހާމެ ފަރިތަ ބޭފުޅެއް ކަމަށެވެ.