29 Jan 2022, 14:45
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، މަތިކޮމަންޑޫގެ ބިން ހިއްކައި، ކޮމަންޑޫއާ ގުޅާލުމުގެ މަޝްރޫއުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
އޭސީސީގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިހާތަނަށް އިންތިހާބާ ގުޅިގެން ހުށަހެޅިފައިވަނީ އެ މައްސަލަ އެކަނި ކަމަށެވެ. އަދި އެ މައްސަލައިގައި ވަނީ އިންތިހާބާ ދިމާކޮށް ބަޖެޓުގައި ނުހިމެނޭ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމުގެ ޝަކުވާކަމަށެވެ.
އަދި އެ މައްސަލަ އަމާޒުކުރެވިފައި ވަނީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ނުބުނެއެވެ.
އޭސީސީއަށް މި މައްސަލަ ހުށަހެޅުނު ކަމުގައި ވިޔަސް، އެ މުއައްސަސާ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމުން މައްސަލައަކަށް ގޮތެއް ނުނިންމޭނެއެވެ. އެ މުއައްސަސާ ގާނޫނީ ހުސްކަމަކަށް ދިޔައީ އެ ކޮމިޝަނުގެ ހުރިހާ މެންބަރުން އެއްފަހަރާ އިސްތިއުފާދެއްވުމުންނެވެ.
އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ނިންމާފައެވެ. އެކަން ކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ނިންމީ، ކުރީގެ ސަރުކާރުގައި ހިނގި ހިޔާނަތުގެ މައްސަލަތައް ބެލުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށް ބުނެއެވެ.
ޖުމްލަ 249.9 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ، ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 730 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.