29 Jan 2022, 13:16
ކުރީ އަހަރާ އަޅާބަލާއިރު އަހަރުގެ މިހާތަނަށް، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު 48 އިންސައްތަ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 26ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 109,842 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 76,059 ފަތުރުވެރިންނެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު ވެސް މިއަހަރު އުޅެނީ މަތީގައެވެ. މިދިޔަ އަހަރުގެ މިހާތަނަށް ފަތުރުވެރިން އެވްރެޖްކޮށް މަޑުކުރި މުއްދަތަކީ 8.7 ދުވަހެވެ. މިއަހަރު މި ނިސްބަތް އުޅެނީ 9.2 ގައެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިޔާއިންނެވެ. އެ ގައުމުން 20،244 ފަތުރުވެރިން އައެވެ. މިއީ ޖުމްލަ އަދަދުގެ 18.4 އިންސައްތައެވެ.
ދެވަނައަށް އެންމެ ގިނަ މީހުން އައީ އިނގެރޭސިވިލާތުންނެވެ. އެގައުމުން އައި ފަތުރުވެރިންގެ އަދަދަކީ 10،602 އެވެ. އެއީ މުޅި މާކެޓުގެ 9.7 އިންސައްތައެވެ.
މާކެޓުގެ އަށް އިންސައްތައާއެކު އިންޑިއާ އުޅެނީ ތިންވަނައިގައެވެ. އެގައުމުން އައި ފަތުރުވެރިންގެ ޖުމްލައަކީ 9،044 އެވެ.
ކޮވިޑުގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާ އަދިވެސް ލިސްޓުގެ ގަދަ ދިހައެއްގައި ނެތެވެ. އޭރު ރަޝިޔާ އަކީ ހަވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އިނގިރޭސިވިލާތް އޭރު އޮތީ ފަސްވަނައިގައެވެ. އަދި އިންޑިއާ އަކީ އެއަހަރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން 2020 ވަނަ އަހަރު ލިބުނު ގެއްލުމަށް ފަހު، މިދިޔަ އަހަރަކީ އަނެއްކާ ވެސް ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވި އަހަރެކެވެ. އެގޮތުން، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އުޅެނީ 1.3 މިލިއަނަށްވުރެ މަތީގައެވެ.