11 Mar 2012, 17:51
އޭއެފްސީ ޗެލެންޖް ކަޕުގައި ދިވެހިރާއްޖެ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ނޭޕާލް ބަލިވީ ކޮން ސަބަބަކާއި ހުރެ ކަމެއް އެޓީމުގެ ކޯޗު ގްރަހަމް ރޮބާޓްސް އަށް ނޭނގޭ ކަމަށާއި އެސަބަބު އެންމެ ރަނގަޅަށް އެނގޭނީ ކުޅުންތެރިންނަށް ކަމަށް ބުނެ މެޗަށް ފަހު ބޭއްވި ނޫސް ކޮންފަރެންސް ކުރުކޮށްލައިފި އެވެ.
"މިމެޗުން ބަލިވި ސަބަބެއް އަހަރެންނަކަށް ނޭނގޭ. އޭގެ ޖަވާބު އެންމެ ރަނގަޅަށް އެނގޭނީ ކުޅުންތެރިންނަށް." ރާއްޖެ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ކީތްވެގެންތޯ ނޫސްވެރިއަކު އެހެމުން ނޭޕާލްގެ ކޯޗު ޖަވާބުދެމުން ބުންޏެވެ.
އިއްޔެ ހަވީރު ރާއްޖެ އާއި ދެކޮޅަށް ކުޅެ 1-0 ލަނޑުން ބަލިވި މެޗަށް ފަހު، ނޭޕާލް ކޯޗް ރޮބާޓްސް އާއި އެކު ނޫސްވެރިން ބޭއްވި ބައްދަލުވުމަކީ މިމުބާރާތް އަދި ރޮބާޓްސްގެ ވެސް އެންމެ ކުރު ނޫސް ކޮންފަރެންސް އެވެ. ތިން މިނެޓްގެ މި ނޫސްކޮންފަރެންސްގައި ރޮބާޓްސްގެ މޫނުމަތިން ފެނިފައިވަނީ މާޔޫސްކަމެވެ.
ކަތަމަންޑޫގެ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގައި ރާއްޖެ ގަޑިން އިއްޔެ ހަވީރު 4:15 ގައި ކުޅުނު މެޗުގައި ރާއްޖޭގެ މުހައްމަދު ރަޝީދު (ހޮކޭ) ނޭޕާލް ކޮޅަށް ޖެހި ލަނޑުގެ ސަބަބުން އެޓީމަށް ވަނީ ގްރޫޕް ސްޓޭޖުގެ އެއް މެޗު ބާކީ އޮއްވާ މުބާރާތާއި އަލްވަދާޢު ކިޔަން ޖެހިފަ އެވެ. ނޭޕާލްގެ އަމިއްލަ ގައުމުގައި ކުރިއަށްދާ މިމުބާރާތުން އަލްވަދާޢު ކިޔަން ޖެހުނު ފުރަތަމަ ޓީމަކަށް ނޭޕާލް ޓީމު މިވަނީ ވެފަ އެވެ.