14 Feb 2022, 09:29
"ތިބާއަށްޓަކާ މިންވަރު ކުރައްވާފައިވާކަމެއް އެއްވެސް މީހަކަށް ޖަހައިނުގަނެވޭނެކަން ވިސްނުމުން ހިތަށް ލިބެނީ ބަޔާން ކުރަން ދަތި ފިނިކަމެކެވެ."
***
"އަޑު އިވުނުތަ؟" ސަމަރު އެހިއެވެ."މަންމާ....އަލާޔާގެ އަޑުން މީހަކު ވާހަކަ އެބަދައްކާ.........................."
"ތިއީ ސަމަރުއަށް ހީވިގޮތް. މަންމައަކަށް ނީވޭ.."ސޫފިއާނާ ލެޕް ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ބަލަން ގެއްލިފައި އިނުމުން އެ އަޑުތަކަށް ސަމާލުކަމެއްނުދެއެވެ. ކުއްލިއަކަށް ފްލައިޓް ތަޅުވައިގަތުމުން އަލާޔާއަށް މަޖާވިއިރު ސަމަރުއާއި ސަބޫރު އަނެއްކާ ރޮއިގަތެވެ.
"ސަލާރު މި ފްލައިޓްގައި އިންނަމަ އަދި މަޖާވާނެ.."
"ވަޓް؟" ސަމަރުގެ މޭގަނޑުވެސް އަނގަޔަށް އައެވެ. އެމީހުންގެ ފަހަތު ސީޓުގައި ތިބި ބަޔެއްގެ އުދަގޫތައް ކަމަށް ޔަގީންވެ ސަބޫރު ތެދުވެގެން ދިޔައީ އެސީޓުގައި ތިބި ބަޔަކު ދެނެގަތުމަށެވެ. އެއީ އަރަބި އާއިލާއެއްކަން ޔަގީންވިއިރު ކުޑަދޮރުކައިރީގައި ކަޅު އަބާޔާގައި އިން އަންހެންކުއްޖާ ގެ މޫނުގެ އެއް ފަޅި ފެނުމުން ދަންނަގޮތެއް ހުރިހެންވެސް ހީވިއެވެ. ނަމަވެސް ފޮތްކިޔާ އައިނާއި މާސްކު އަޅައިގެން އިނުމުން ކާކުކަމެއް ނޭގުނެވެ.
"އަޅުގަނޑުމެންގެ ދަރިފުޅު.."އަރަބި އަންހެންމީހާ އިޝާރާތުން ވާހަކަދެއްކިއެވެ.
ސަބޫރު އާއި ސަމަރަށް ހާޓްއެޓޭކެއް ޖެހިދާނެކަމުގެ ބިރުން ދަތުރުގެ ބާކީ ބައި އަލާޔާ ވޭތުކުރީ ހިމޭނުންނެވެ.
***
ކާރު އެއްފަރާތުގައި ޕާކްކޮށްލުމާއެކު ސޫފިޔާނާއާއި ސަމަރު އަދި ސަބޫރު ކާރުން ފޭބުމާއެކު އިސްތިގުބާލަށް ނުކުތީ ކަމާލުއްދީންއެވެ. އިސްކޮޅުންދިގު ސްމާޓް މީހެކެވެ. ނުރަ އިސްތަށިގަނޑުގެ ސަބަބުން ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކާ ހައިބަވަންތަ ފިރިހެނެކެވެ. ކަމާލުއްދީން އޭނަގެ ވާން އުޅޭ އަންހެނުންނާއި ދަރިންނަށް ހޫނު މަރުހަބާއެއް ކިޔާ ނިމުނުތަނާ އެހެން ކާރެއް މަޑުކޮށްލައިފިއެވެ. ކާރުން ފައިބައިގެން ލަގެޖް ދަމަމުން އައި ކަޅު އަބާޔާގައި ހުރި އަލާޔާ އެހިސާބަށް އައިއިރު މޫނުމައްޗަށް ރަތްކުލަ ވެރިވެފައިވިއެވެ.
"ސަރ.....އަޅުގަނޑަކީ ސަޕްރައިޒް ގެސްޓެއް...."
ސޫފިޔާނާގެ މޫނަށް އެރި ހުދު ކުލަވަރުން ހަމަ ދެންމެ ދެންމެ ހުރިތަނަށް ވެއްޓިދާނެކަމުގެ ބިރު ހީވެ އަލާޔާއަށް ގޮސް އަތުގައި ހިފައިނުލެވުނީވެސް ކިރިޔާއެވެ.
"ވަޓް؟" ކަމާލުއްދީންގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ފެނުނެވެ.
"މިއީ ......ސަލާރު...ސަލާރުގެ ގާލްފްރެންޑް.." ސަމަރުއަށް ބުނެވުނު އެއްޗަކުން އަދި ސޫފިޔާނާގެ ޝޮކް ބަދަލުވީ ގަދަފަދަ ރުޅިއަށެވެ. ލޮލުން އަލިފާން ބައިލަމުންގޮސް އަތް ދަމާފައި މޫނުމަތީ އެތިފަހަރެއް ވީއްލާލާނެކަން ޔަގީންވެ އަލާޔާއަށް ސަމަރުގެ ކުރިމައްޗަށް އެރުނެވެ. ދިފާއުކޮށްދިނުމަށެވެ.
"އޯ.....ވެލްކަމް ޓު މައި ހޯމް. ސޫފީ ސަޕްރައިޒެއް ދޭންވެގެން އެވާހަކަ ނުވެސް ބުނޭ.. އަވަހަށް ހުރިހާ ކުދިން އެތެރެއަށް ވަދޭ...."
" އަޅުގަނޑަކީ ހަނާގެ މަންމަ އާޒީން..ހައިޝަމްގެ ކުރީގެ އަންހެނުން.." އަލާޔާ އެ ވައްޓައިލި ބޮމުގެ ހުރި ބަރުދަނަކާއި ނުރައްކަލެއް އޭރު ސޫފިޔާނާމެންނަކަށް ނުވިސްނުނެވެ. ހައިޝަމްއާއި މި އާއިލާގެ ހުރި ގުޅުމެއްވެސް ނުވިސްނުނެވެ. ކުއްލިއަކަށް ކަމާލުއްދީންގެ މޫނުމަތިން މަސްހުނި ޝުއޫރުތަކެއް ފެނިލުމާއެކު ހިނިގަނޑެއް ޖަހައިލަމުން އަލާޔާއަށް ބަލައިލީ ހިތްހެޔޮކަމާއެކުގައެވެ.
"ވަރަށް އުފާވެއްޖެ ބައްދަލުވީމަ ދަރިފުޅާ..."
"ހައިޝަމް ސިއްރުން ކައިވެންޏެއްކޮށް ދަރިއަކު ހުރިކަން އެނގުނީ އައިމަލް ހަނާ ގެނެސް ޑީއެންއޭ ހައްދާ އެކަން ކަށަވަރުކުރުވީމަ. ވަރަށް އާދަޔާ ޚިލާފުގޮތަކަށް އާއިލާ މިއޮތީ ކަނެކްޓްވެފައެއްނު. އާޒީން އަހަރެމެން ދެމަފިރިންގެ ދަރިއަކަށްނު ދެން ވާނީ.މަގޭ މަރުހޫމް ފިރިހެންދަރިފުޅުގެ އަންހެނުން އަދި ސޫފީގެ ވާންއުޅޭ ޅީދަރި. ގޯހެއްނޫން. ދިރިއުޅުން ގެނެސްދޭ ސަޕްރައިޒްތައް ގިނަފަހަރު އޭގެ ހިކްމަތްތަކާއި އަޖައިބުތައް ފޮރުވިފައިވާނީ. ހަޔާތަށް އަންނަ ކޮންމެ މީހަކު އަންނާނީ ސަބަބެއް ހިފައިގެން ކަމަށް އަހަރެން ދެކެން..."ކަމާލުއްދީން ނޯކަރަކަށް އެންގުމުން ލަގެޖްތައް އެތެރެއަށް ވައްދަންފެށިއެވެ.
"ހަނާ ވީ ސްކޫލްގައި..މިހާރު އަންނަން އުޅޭނެ.........................." ކަމާލުއްދީން އިތުރަށް ބުނެދިނެވެ.
"އަލާޔާ. ހުވާ ވަގުތެއްވީމަ ރޯސްޓްކޮށްގެން ކާލާނަން. އެނގިއްޖެތަ؟ އަދިވެސް ޕެނިކް ވިގޮތަށް މަގޭ ހިތް ހަމައެއް ނުޖެހޭ. އެއް ފްލައިޓަކަށް އަރާ އިންކަމެއް ނޭގުނު......"
"އެއަށް ކިޔަނީ ސަޕްރައިޒް. އަހަރެން ހީކުރީ ސަމަރު ސަޕްރައިޒާއި ގަޔާވާނެކަމަށް...ސޮރީ ލަވް. ދެން އެ ހާދިސާވެސް ލައިފްގެ ޗެޕްޓާގައި އަހަރެމެން ސްޓޯރީގައި ލިޔެވިއްޖެ. ނުފޮހެވޭނެކަމެއްވީމަ ހިތާމަކުރާނެ ކަމެއްނެތް. "
"އެކަމަކު އަލާޔާ ތިހާ ކޫލްވާން ދަސްކުރީ ކިހިނެއްތަ؟ އެކަނި ކާރެއްގައި ނުދަންނަ ބީރައްޓެހިތަނަކަށް އަންނަން ބިރެއްނުގަތް؟ ކިހިނެއް އަހަރެމެން އަންނަ އެޑްރެސް ހޯދީ؟" އެތައް ސުވާލެއް ސަމަރު އެހިއިރު ދެކުދިންނަށްވެސް ގޮސް އިށީދެވުނީ ގޭގެ އެއްފަރާތުގައި ހުރި ބޮޑު ޚަރީފުގަހެއްގެ ދޮށުގައި ހުރި ބެންޗެއްގައެވެ. ގަހުގެއް އެއްބައިގާ ރަނާއި މުށީގެ ފޭރާމެއް ލެވިފައިވާއިރު ފެހިކަން ގަދަ ވިނަގަނޑުމައްޗަށް ފަތްތައް އެޅެމުންދާ މަންޒަރު އާ ކަމަކަށްވިއެވެ. ސަބޫރު ސެލްފީ ނެގުމުގެ ފޯރީގައި އުޅުނުއިރު ކަމާލުއްދީންއާއި ސޫފިޔާނާ ގެއަށްވަދެ ލޯމަތިން ގެއްލުނެވެ.
"އެހާވަރުކަމެއްތަ؟ ޓެކްސީއެއް ނަގައިގެން ޑްރައިވަރަށް މިގޭގެ އެޑްރެސްދިނީމަ ޑްރޮޕްކޮށްލަދިނީ."
"ސެލްފީ ކަމަނާ ތިކަން ހުއްޓައިލަބަލަ. ސަލާރުއަށް ގުޅާފައި ގެނެސްބަލަ ސަޕްރައިޒެއްދޭން.." ސަމަރު ބުނެލިއެވެ.
"ސަލާރު ކޮންސާޓެއްދޭން ސައުދީއަށް ފުރައިފި.."
"އޯ...ސައުދީގައިވެސް މިއުޒިކް ކޮންސާޓްތައް ބާއްވަންފެށީތަ؟" ސަމަރު އަނގަ ހުޅުވުނެވެ.
"ކްރައުން ޕްރިންސް މުހައްމަދު ސައުދީ މީހުންނަށް ފްރީޑަމް ހޯދަދޭން އުޅެނީ. ކިހާ ހޮޓްޕްރިންސެއް. ދެއަންބަށް މީހަކާއި ނީދެ އޭނަ ހުންނަ ސަބަބެއް އަހަން ގުޅައިލަންވީކަން ނޭގޭ. އެހެންނޫނަސް އޭނަ އެއުޅެނީ ސައުދީ ޔޫރަޕް ފެންވަރަށް ގެންނަން އަތުކުރި އޮޅާލާފައި......" ސަބޫރު ތުއިވެލިއެވެ.
ކުއްލިއަކަށް އެންމެނަށް ޝޮކެއް ލިބުނީ އައިމަލް ހަނާގެ އަތުގައި ހިފައިގެން ހިނގާފައި އަންނަތަން ފެނިއެވެ. އައިމަލް މުށިކުލައިގެ ޖެކެޓެއްލައިގެން ހުރިއިރު އެރަންކުލައިގެ މޫނާއި ކިތަންމެހާވެސް ގުޅެއެވެ.
"މައި އޯވަރީސް އެކްސްޕްލޯޑެޑް...." ސަމަރުއަށް އެހެން ހުރިހާ މަންޒަރުތައް ފުސްވެ އައިމަލް ފެންނަމުން ދިޔައީ ލަސް ފިރިހެންވަންތަ ހިނގުމެއްގައި އޭނައާއި ދިމާލަށް ފިޔަވަޅު އަޅަމުން އަންނަ ތަނެވެ. ވެމްޕަޔާ ޑައިރީސްގެ މަންޒަރެއް ކުރިމަތިން ކުޅެލަނީއެވެ." އާވް އައިމަލް.ހާދަހާ ރީއްޗޭ...މޮޔަވެދާނެ........"
"ސަމަރު މޮޔަނުވޭ. ހަމަ ޑެވިލް ފެނިލާއިރަށް ތި މޮޔަ ސިކުނޑިއާއި ކުޅުނަނުދީ. އޭނަ ކުރި ކަންތައް ހަނދާން ނައްތައިލީތަ؟ ހާދަ ދެރަކޮށޭ ހެެދީ. އަތްބަކާއި ދަރިއެއް އެބަހުރި......."އަލާޔާ ސަމަރުގެ އަތުގައި ހިފާ ގާތަށް ދަމައިލިއެވެ.
"އެކަމަކު އައިމަލް މިގޭގައި ކީއްކުރަނީ؟"
"ހައިޝަމްގެ ފްރެންޑެއްނު.. މިބުނީ ހައިޝަމްއަކީ ހަނާގެ ބައްޕަ...." އަލާޔާ އަވަހަށް ބުނެދިނެވެ. އަދި އަވަސް އަރުވާލާފައި ހިނގައިގަނެވުނީ ހަނާއާއި ދިމާލަށެވެ. އޭރު އޭނަގެ ހިތް އޭގެ ޖާގަ ދޫކޮށް އުދުހިގެން ގޮސްދާނެފަދައެވެ. ބަޔާންކުރަން ދަތި އިހުސާސްތަކުން ލޮލުން ކަރުނަވެސް ނިރާލައިފިއެވެ. ހަނާއަށްވެސް އަލާޔާ ފެނުމާއެކު އައިމަލްގެ އަތުން ދޫކޮށްލާފައި ދުއްވައިގަނެވުނީ މަންމިއަށް ގޮވަމުންނެވެ. ދެވަނަ ސިކުންތުކޮޅު އަލާޔާ ހަނާ އުރާލަފައި އެކުއްޖާގެ މޫނާއި އެތަންމިތަނުގައި ބޮސްދިނެވެ.
ސަމަރު އައިމަލްދެކެ ނަފްރަތުކުރަން ކުރިހާ މަސައްކަތް ފެނަށްވެ އެހިތުގައި ޖަޒުބާތުގެ ވަރުގަދަ އޮއިވަރެއް ހިނގައިގަތެވެ. ބޭއިޚުތިޔާރުގައި ކުރިއަށް ދެވުނުގޮތަށް ހުއްޓިލެވުނީ އައިމަލްގެ ކުރިމަތީގައެވެ. މިފަދަގޮތަކަށް މިގެއިން ދިމާވުމުން ސަމަރުގެ ހިތުގައި އެތައް ސުވާލުތަކެއްވެސް އުފެދުނެވެ. ތަގުދީރުގެ މި ސަމާސާއާއިމެދު ބުނާނެ އެއްވެސް އެއްޗެއް ވިސްނުމަކަށް ނައެވެ. އޭނަ މިއައީ އައިމަލްއާއި މިގެއިން ދިމާވާނެކަމަކަށް ނޫނެވެ. ނަމަވެސް ދުނިޔެއަކީ ކިހާ ކުޑަ އެއްޗެއްކަން ހާމަވެއްޖެއެވެ. ޓެކްނޮލޮޖީއިން ކުރި ހޯދަމުން އައިސް ދުނިޔެ އޮންނަނީ އެންމެންގެ އަތުތެރޭގައި ނޫންހެއްޔެވެ؟
"ކަލޭމެން މިތާ...." އައިމަލް ޖިންސްގެ ޖީބަށް އަތް ޖަހައިލަމުން ލޯ ހަނިކޮށްލައިފިއެވެ.
"ޔަޕް....އައިމް އޯލްސޯ ޝޮކްޑް.އައިމަލް މިގޭގައި؟"
ކުއްލިއަކަށް ގޭތެރެއިން ނުކުމެގެން އައި ރަންކުލައިގެ އިސްތަށިގަނޑުލާފައި ހުރި އަންހެންމީހާ އައިމަލްއަށް ގޮވަމުން އައިސް އެކުދިން ފެނުމުން ހުއްޓުން އެރިއެވެ. ސުވާލުކުރަން ފެށިއެވެ. އައިމަލްގެ މޫނުމައްޗަށް ވެރިވި ކުލަތަކުން ކަމެއް ފޮރުވަން އުޅުނުހެން ހީވިއެވެ. އެވަގުތު ކަމާލުއްދީން އަނެއްކާ އެހިސާބަށް އައިސް އައިމަލްގެ ކޮނޑުގައި އަތް އަޅުވައިލަމުން ފަޚުރުވެރިކަމާއެކު އޭނަގެ ދެވަނަ ފިރިހެންދަރި އައިމަލް ކަމުގައި ބުނެ އެންމެނަށް ތައާރަފުކޮށްދިނެވެ. އައިމަލްގެ އަންހެނުން ޝެނަންއޭ ބުނިއިރު އައިމަލްގެ މޫނު ރަތްވެގެންގޮސް އެމޫނު ބީޓްރޫޓެއްހެން ވިތަން ފެނުނެވެ. އަލާޔާ އާއި ސަމަރުވެސް އަނގަ ހުޅުވުނެވެ. ސޫފިއާނާއާއި ސަބޫރުގެ ކުރިމަތީގައިވެސް އައިމަލްގެ ދޮގުވެރިކަމާއި މަކަރުވެރިކަން ފަޅާއެރީއެވެ. ޝެނަންއަށް މީނަގެ އެ ކުޅިގަނޑުގެ ޚަބަރެއް ވޭބާވައެވެ.
"ޔޯ ހެންޑްސަމް ސަން އަޅުގަނޑުމެންނަށް ވަރަށް ރަގަޅަށް އެނގޭ. އެކަމަކު ހައިޝަމްގެ ކޮއްކޮއެއްގެ ގޮތުގައެއްނޫން. ނޫންތަ ޑޮކްޓަރ އައިމަލް..؟" އަލާޔާ ހިނިއައިސްފަ ހުރެ ބޯ ހޫރައިގަތެވެ." އިޓްސް ރިއަލީ އެމޭޒިން އެންޑް އިންކްރެޑިބަލް. ނޭގިވެސް އަޅުގަނޑުމެންނާއެކު މަސައްކަތްކުރި މި ކުޅަދާނަ ނަފްސާނީ ޑޮކްޓަރ އަދި ރާގީއަކީ ހަނާގެ އަންކަލް. އަދި އަޅުގަނޑުގެ......."
"އަޅުގަނޑު ތިކަމުގައި އައިމަލް ކުށްވެރިއެއް ނުކުރާނަން..ސަބަބަކީ ހައިޝަމް އެއްވެސް މީހަކަށް ނާންގާ ސިއްރުން ރާއްޖެގޮސް ތި ކައިވެންޏެއްކޮށް ނިމުނުއިރު އޭނަވަނީ މި ދުނިޔެއާއި ވަކިވެގެން އަބަދަށްޓަކާ ގޮސްފައި..." ކަމާލުއްދީނުގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ. އެ ޚަބަރުން އުފާކުރަންވީކަމެއް ނޫނީ ރޯންވީކަމެއް އަލާޔާއަކަށް ނޭގުނެވެ.
"އޯ އައިމް ސޮރީ...ހީކުރީ...."
"ހަނާއަކީ ޔަތީމެއްތަ؟ މައި ޕުއަރ ދަރިފުޅު...." އަލާޔާ ލޯބޮޑުކޮށްލަމުން ކަކޫމައްޗަށް ތިރިވިގޮތަށް އޭނަ" އެކްޓް"ކުރަނީކަން އެހެން މީހުންނަށް އެނގިދާނެއޭވެސް ހީކުރެވުނެވެ. ހަގީގަތުގައި ހަނާގެ ބައްޕަގެ އާއިލާގެ ސަބަބުން އެމީހުންނަށް އިތުރު ތަކްލީފު ޖެހުން ނޫންކަމެއް ނުވިއެވެ.
"ކަންބޮޑުނުވޭ. ހަނާއަށް ބައްޕައެއް ނެތުމުގެ ފަޅުކަން އިހުސާސްވިޔަކަ ނުދޭނަން. އޭނަގެ ކާފައާއި ބޮޑުބޭބެވެސް މިތިބީ . ފައިސާގެ ގޮތުން އެއްވެސް ކަމެއް ދަތްޗެއް ނުވާނެކަމުގެ ޔަގީންކަން ދެން. ހެއްދެވި ފަރާތަށް ހަމްދުކުރަން. ސަބަބަކީ ހަނާގެ ދޮންބައްޕައަށް ވާން އުޅޭ މީހަކީ އަޅުގަނޑުގެ ދޮންދަރިކަމަށް ވާތީ. ވީމަ ކޮންމެކަމެއް ވަނީ ހިކުމަތުން ފުރިފައިކަމުގައި ގަބޫލުކުރެވެނީ..އައިމަލްއާއި ޝެނަންގެ ދަރިފުޅު ހަކާން އާއި އަނާވެސް މިހާރު އެހާ އެކުވެރި..ހިނގާ ހުރިހާ ކުދިން އެތެރެއަށް..ކެއުން ތައްޔާރަށް ހުރީ......." ކަމާލުއްދީން އޭނަގެ ދަރިފުޅުގެ މޫނުގައި ފިރުމައިލިގޮތުން އެދެބަފައިންގެ އޮތް ގުޅުމާއި ލޯބި ރަމްޒުކޮށްދެއެވެ.
ކެއުމުގެ ވަގުތުވެސް އަލާޔާ ދޭތެރެއަކުން އައިމަލް ބޭޒާރުކޮށްލަފާނެހެން ހީވި ކިތަންމެ ފަހަރެއް އައެވެ. އައިމަލް "މިނި ހާޓް އެޓޭކް" އެއް ޖެހިފައި މަރުވެއްޖެއްޔާ ކޮށި އަރައިގެން މަރުވީކަމަށް ޑޮކްޓަރުން ނިންމާނެއެވެ. އައިމަލް ދެތިން ފަހަރު ކޮށި އަރައިފިވިއްޔާއެވެ. އެހެންއެވީ ޔަގީނުންވެސް ޝޮކް ޖެހިގެންނެވެ. އަލާޔާ އަނގަ ތަޅާވަރުން އައިމަލް ބޭނުންވީ އެ އަނގަގަނޑު މަތީ ސުޕަގްލޫ ޖަހާ ބައްދާލާށެވެ.
***
އެންމެން އެމީހެއްގެ ކޮޓަރިއަށްގޮސް ހަމަޖެހުމަށްފަހު ކޮޓަރީގެ ދޮރުގައި ޓަކިދިނުމުން އަލާޔާ ގޮސް ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ އައިމަލްއެވެ. އައިމަލް ބުމަގޮށް ޖަހާލައިގެން ހުރެ އިންޒާރުގެ ބެލުމަކުން ބަލައިލިއެވެ.
"އައިލް ބްލޮކް ޔޯ ބިގް މައުތް އިތުރަށް ބައްޕަ ކައިރީ އެއްޗެއް ކިޔަން އަނގަ ހުޅުވައިލިޔަސް......."
"ޑޮކްޓަރ އައިމަލް. ފާޑުފާޑަށް އިންޒާރުކުރަންޏާ ބައްޕަ ގާތު ބުނަން ޖެހިދާނެ. އަހަރެންގެ ދަރިފުޅު ވަގަށް ނަގައިގެން ގެނެސް ތި ފެމިލީއަށް ލާފައި އަހަރެން ޕިކްޗާއިން ނެރެލެވިދާނެކަމަށް ހީކުރުމަކީ ކުށް ހީއެއް. އައިމް ސްޓޭއިން ހިއާ..ތްރެޓްކޮށްގެން ދެރަވާނީ އައިމަލްއަށް. އެހެންވީމަ ތިއްތިވެގެން ހަނާ އަންކަލް މިތަނުން ދުރުވޭ. ނޫނީ ޝެނަންއާއި ބައްޕަ ގާތު ސްޓޯރީ ކިޔާދޭންވީ؟ އަހަންނާއި ސަމަރުއަށް ކިހިނެއް ހެދީ؟ މަ ދެން އެއްވެސް ލޯތްބަކުން ކުރިކަމެއް ނޫން. އެކަމަކު ސަމަރު؟ ސަމަރުފަކީރަށް ހުވަފެން ދައްކާފައި އެކުއްޖާގެ ހިތް ހަލާކުކޮށްލީ..ދެން ކިޔާނީވެސް އައިމަލް ދޮންބެ...ހޫމް ދޮންބެއަށް ތާ ވާނީ. އޯކޭ ދޮންބެ؟" އަލާޔާ ބޮޑު މާސިންގާ ބޮތްކެއް ފަޅާލުމާއެކު އާވި މީރުވަހެއް އައިމަލްގެ ނޭފަތުގައި ޖެހުނެވެ.
"ޝަޓަޕް ލިޓްލް. ވިޗް......" އައިމަލް ހީވީ ދެންމެ ދެންމެ ޖަހައިފާނެހެންނެވެ.
"އަހަރެންގެ ނަމަކީ ވިޗެއްނޫން. އާޒީން......އޯކޭ؟" އަލާޔާ އަޑުކޮޅަށް ލަވައެއް ކިޔާގޮތަށް ރާގަކަށް ކިޔާލައިފިއެވެ."ރެސްޕެކްޓްމީ ދޮންބެ. ބިގް ބްރަދާގެ ވައިފް.."
އައިމަލް ކޮރިޑޯގެ އަނެއްކޮޅަށް ބަލައިލީ އިސްތަށިގަނޑަށް އަތް މަހައިލަމުންނެވެ.
"ސޮރީ އެއްވަރެއްގެ ބިއުޓިފުލް ޑިޒާސްޓާސް ތަކެއް މިގެއަށް މި ވައްޓައިލީދޯ ހެހެ...."
އައިމަލް ދުރުގައި ފިޔަވަޅުތަކެއް އަޅަމުންގޮސް ލޯމަތިން ގެއްލުނެވެ.
***
ސަމަރު ބުނީ އޭނަ ކާނާވިހަވެގެންހެން ހީވާކަމަށެވެ. އެހެންވާންފެށީ ފްލައިޓުން ގޮތް ނޭގޭ އެއްޗެއް ކެވުނު ހިސާބުންނެވެ. އަލާޔާ ކަރަންފުލެއް ދިނުމުން އަނގަޔަށް ލައިގެން ހަފަންފެށިއެވެ. ދަތުރުވަރުބަލިކަން ފިލުވުމަށްފަހު ރޭގަނޑުގެ އަރާމު ނިންޖަށްފަހު ހޭލެވުނީ މުޅިން ތަފާތު ދުނިޔެއަކަށެވެ. ފަޒާގައި ފިނިހިފާފައިވާއިރު ގަސްތަކުން ފަތްތައް ފައިބަމުންދާ މަންޒަރު އެހާ ނަލައެވެ. ސަމަރުއާއި އަލާޔާ ރަދްވާއަށް ގުޅައިގެން ތިބެ ޚަރީފު ގަސްތަކާއި އެގޭގެ ބަގީޗާ ދައްކަމުންގޮސް އައިމަލްގެ ޚަބަރު ކިޔައިދިނެވެ. ރަދްވާ ބުނީ އޭނަ ހަސަދަވެރިވެގެންގޮސް ހިތް ހަލާކުވެއްޖެ ކަމުގައެވެ. އަވަހަށް ބައިވެރިޔަކު ހޯދަދީ އޭނައަށް ޓިކެޓެއް ފޮނުވަދޭން އެދުނެވެ.
"ސަމަރު...މޭނުބައިކުރަނިީ އަނެއްކާ........" އަލާޔާ ކުއްލިއަކަށް ލޯ ބޮޑުކޮށްލިގޮތުން ސަމަރު ކަންބޮޑުވިއެވެ.
"ޓެސްޓްކުރޭ. ހިނގާ ކިޓެއް ގަންނަން..."
"ވަޓް؟"
"ޔަގީންކޮށްލަންވާނެ. މަށަށް ވަރަށް ޝައްކު..."
"އޯ މައި ގޯޑް....." ސަމަރު ކުއްލިއަކަށް ބެންޗަށް ތިރިވީ ކަކުލުން ވާގި ހުސްވެގެން ކަހަލަގޮތަކަށެވެ.
***
ސަލާރުއާއި އެހެން މެމްބަރުން މިއުޒިކް ސާމާނުތައް ހިފައިގެން ބަހުން ފޭބުމާއެކު އެޒުވާނުންނަށް މަރުހަބާ ކިޔަން އެއްވެ ތިބި ދެ ޖިންސްގެ ކުދިން ހީވީ އެމީހުން ރޮލާ ކާލަފާނެހެންނެވެ. ހަޅޭއްލަވާވަރުން ކަންފަަތާއި ނުކުޅަދާނައެވެ. އޮޓޯގްރާފް ހޯދަންވެސް އެތައް އަތްތަކެއް ދިއްކޮށްލާފައިވިއެވެ. ކައިރީގައި ތިބި ކުދިން ގެ އަތްތިލައިގާވެސް ސޮއިކޮށްދޭން ޖެހުނެވެ. ލިބެމުންދިޔަ މަގުބޫލުކަމުން ވަކި އުފަލެއް ނުލިބުނަސް ސަމާރުވެސް އެ ކުދިންގެ ޒުވާން ހިތްތަކުގެ އެދުންތައް ފުރިހަމަކޮށްދެމުން ދިޔައެވެ. ނަފްސީވެސް ނެގިއެވެ. އެކަމަށްވެސް އެތައް މިނިޓެއްނެގިއެވެ.
ސްޓޭޖް މައްޗަށް ސަލާރުމެން އެރުމުން ޒުވާންކުދިން ފޯރީގައިހޯބޯ ލަވައިގަތެވެ.
ރީތިކޮށް މޫސުމް އޮވެފައި ކަޅުވިލާތަކުން އުޑުމަތިބައްދައިލަން ނެގީ ހައިރާންވާހާ ކުޑަ ވަގުތުކޮޅެކެވެ.އެއްވެސް އިންޒާރަކާ ނުލައި ތޫފާނެއް ބޯމަތިވެ ލޮލުގެ ފެނުން ގެންދާފަދަ ތޫނު އަލި ރޮގުތައް އުޑުމަތިން ކެނޑިގެން ދިޔުމާއެކު ހިތްތަކަށް ސިހުން ލިބޭފަދަ ހޮނުގުގުރީގެ އަޑު ފަޒާވެސް ފަޅައިލިހެން ހީވިއެވެ. ހޮނު އެޅުމާއެކު ސްޓޭޖާއި ކައިރީގައި ހުރި ގަސް ދެފަޅިވިއެވެ.އައި ބާރު ވަޔާއެކު ބުރަބުރައިގެން ދިޔަ އެއްޗެހިތަކާއެކު ބިރުން ރޮއިގަނެވި ކޮޅުކޮޅަށް ދުއްވައިގަނެވުނެވެ.
"ޔާ ﷲ..." ބޯމަތީގައި ހިމާޔަތް ކަމުގައިވި ފުރާޅު އުދުހިގެން ދިޔަ ވަގުތު ސަލާރުގެ މޫނާއި ދިމާލަށް ވައި ކަފާލާފައި އައީ ތޫނު އެއްޗެކެވެ.
ނުނިމޭ