މިސްރަކީ ނިރުބަވެރި ގައުމެއްކަމަށް ފަލަސްތީނާއި މިސްރަށް ނިސްބަތްވާ އެކްޓިވިސްޓު ރާމީ ޝާތު ބުނެފިއެވެ.

2011 ވަނަ އަހަރު މިސްރުގައި އިޒްރޭލާ ދެކޮޅަށް ހިންގި އިންގިލާބުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ރާމީ ޝާތެވެ.

އޭނާ ޖަލުން މިނިވަންކޮށްފައިވާއިރު، މިހާރު ދިރިއުޅެމުން ދަނީ ފަރަންސޭސިވިލާތުގައެވެ.

ރާމީ ޝާތު ބުނި ގޮތުގައި އޭނާ އާއި އޭނަގެ އާޢިލާ މެމްބަރުންނަށް ބިރު ދެއްކިޔަސް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށެވެ. އަދި މިސްރަކީ ހުރިހައި ނަޒަރަކުން ބަލާލިޔަސް ނިރުބަވެރި ގައުމެއްކަމަށް އޭނާ ވަނީ ބުނެފައެވެ.

"ދުނިޔޭގެ ހުރިހާ ހަމައަކުން ބަލާލިޔަސް އެނގޭނެ މިސްރަކީ ޓެރަރިސްޓު ގައުމެއްކަން" އޭނާ ބުންޏެވެ.

ޓެރަރިސްޓު ޖަމާޢަތަކަށް ނިސްބަތްވުމުގެ ކުށުގައި 2019 ވަނަ އަހަރު ޝާތު ވަނީ ހައްޔަރުކޮށްފައެވެ. ޝާތު ބުނި ގޮތުގައި އޭނައާއެކު ހައްޔަރުކުރި މީހުންނަކީ އިސްލާމިސްޓު ސަޕޯޓަރުން ނުވަތަ މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ މީހުންނެވެ.

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ އަކީވެސް މުސްލިމް ބްރަދަހުޑަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅެކެވެ.

މިސްރާ ދެކޮޅަށް ރާމީ ޝާތު މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާއިރު، މިސްރުގެ ޖަލުތަކުގެ ހާލަތުވެސް ގޯސްކަމަށް އޭނާ ވަނީ ތަކުރާރުކޮށް މީޑިއާތަކުގައި ބުނަމުންނެވެ.

ޝާތީ އާ ގުޅޭގޮތުން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯންވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިސްރުގައި ސިޔާސީ މިނިވަންކަން ގެއްލިފައިވާއިރު، 60،000 އަށްވުރެ ގިނަ މީހުން ސިޔާސީ ގައިދީން ގޮތުގައި ހައްޔަރުކުރެވިފައި ތިބިކަން ފާހަގަކޮށްލެވެއެވެ.