29 Jan 2022, 09:45
އުދުހޭ ކާރަކަށް އެއާވޯދިނަސް ސެޓްފިކެޓް ލިބިއްޖެއެވެ.
ކާރާއި މަތިންދާބޯޓުގެ ހައިބްރިޑެއް ކަމުގައިވާ މި އުދުހޭ ކާރުގެ ނަމަކީ އެއާކާރެވެ.
ސްލޮވާކް ޓްރާންސްޕޯޓް އޮތޯރިޓީން ސެޓިފައިކުރި މި އުދުހޭ ކާރަށް ވައިގެ ތެރޭގައި 100 މޭލު ބާރުމިނުގައި އުދުހެވޭނެ އެވެ. އަދި 2500 މީޓަރުގެ އެލްޓިޓިއުޑެއްގައި އުދުހެވޭނެކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
މި އުދުހޭ ކާރުގައި އަޅާފައިވަނީ ބީއެމްޑަބްލިއު އިންޖީނެކެވެ. އަދި އާދައިގެ ޕެޓްރޯލް ޕަމްޕް ތެޔޮ މި ކާރަށް ބޭނުންކުރެވޭނެ އެވެ.
އެންމެ ދެ މިނިޓާއި 15 ސިކުންތުގެ ތެރޭގައި ކާރަކުން އެއާކްރާފްޓަކަށް މި އުޅަނދަށް ބަދަލުވެވޭއިރު، އެއާވޯދިނަސް ސެޓްފިކެޓް ދީފައިވަނީ 70 ގަޑިއިރު އުދުއްސުމަށް ފަހުގައެވެ. އަދި 200 އަށްވުރެ ގިނަ ޓޭކް އޮފް އާއި ލޭންޑިން ޓެސްޓު މި އުޅަނދަށް ކޮށްފައިވެއެވެ.
"މިއަށްވުރެ އެފިޝެންޓް ކާރުތައް އުފެއްދުމަށް ހުޅުވުނު ދޮރެއް މިއީ. މެދުމިނުގެ ދަތުރުތައް ކުރުމަށް މިވަނީ އިންގިލާބެއް ގެނެވިފައި،" މި ކާރު އުފެއްދި ޕްރޮފެސަރު ސްޓެފަން ކްލެއިން ވިދާޅުވިއެވެ.