25 Feb 2022, 14:49
"އެއްވެސް ކަމެއް ނޫނީ އެއްޗަކުން ތިބާގެ ހިތުގެ ހަމަޖެހުން ނަގައިލާކަމުގައި ދެކެންޏާ އެ އެއްޗަކާއި ދުރުހެލިވާށެވެ."
***
ވީމަ ނާކިއާ އެ ބުނީ ހަމަ ތެދަށެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އަބަދަށްޓަކާ ހޮޓަލެއްގައި ދިރިއުޅެން ބޭނުންވާންވީ ސަބަބެއް ޔަގީނުންވެސް އޮންނަންވާނެއެވެ. އޭނަ ބައްޕަގާތުގައި މައުލޫމާތު ދީފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.
"އެއީ ކީއްވެކަން ބައްޕައަށް އެނގޭތަ؟ އޭނަގެ ގެއެއް ނެތީތަ؟" އަލްވާ ސުވާލުކުރިތަނާ އޭނަގެ ހަގުކޮއްކޮ އަށް އަހަރުގެ އެލީސާ ދުވަމުން އައިސް ހޮޓަލަށް ވަނީއެވެ. އެކުއްޖާއަށް ހުރީ މައިނޭވާލެވިފައެވެ.
"ބައްޕާ. ބައްޕާ..އަޅުގަނޑު އޭނައަށް ބަލަން ހުއްޓާ ލޭޑީއެއް މަރުވެއްޖެ.. ހަމަ ދެންމެ....."އެލީސާ ލޯ ބޮޑުކަމުން ލޯވެސް އޭގެ މަގާމު ދޫކޮށް ފުންމާލަފާނެހެން ހީވިއެވެ.
"ކީކޭ ދަރިފުޅާ؟" ހާމިދުވެސް ސިހިފައި ކޮޅަށް ތެދުވެއްޖެއެވެ. ތޫނު ނަޒަރަކުން ހަނގު ދަރިފުޅަށް ބަލަން ހުރިއިރު މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ." ތިދައްކަނީ ކާކުގެ ވާހަކައެއްތަ އެލީސާ؟"
"ދެންމެ މި ހޮޓަލުން އަންހެންކުއްޖަކު ނިކުމެގެން ނުދޭތަ؟ އެ އަންހެންކުއްޖާ ދެންމެ މަރުވީ....."އެލީސާ ހިންދިރުވައިލީ ބާރަށެވެ. ނާކިއާ މަރުވީހެއްޔެވެ؟ އަލްވާއާއި ހާމިދު އެކަކު އަނެކަކަށް ބަލައިލުމަށްފަހު ލޯ ބޮޑުކޮށްލަމުން ދުއްވައިގަނެވުނީ ވިދުވަރެއްހާ ހަލުވިކޮށެވެ. އެލީސާވެސް އެމީހުންގެ ފަހަތުން ދުއްވައިގަތްއިރު އެކުޑަ ހިތް ތެޅޭވަރުން އޮބިނޯވެއެވެ. ކުއްލިއަކަށް އެލީސާގެ ފިޔަވަޅުތައް ހުއްޓުމާއެކު އޭނައަށް ހާމިދު އަދި އަލްވާގެ އަތުގައި ހިފާ ދަމައިގަނެވިއްޖެއެވެ.
"އޯ މައި ގޯޑް..." އެލީސާގެ އަޑު ރޫ ރޫ އަޅައިގަތެވެ." އެއީ އޭނަގެ ރޫހު..."
ނާކިއާ އޭރު ބިންމަތިން ތެދުވަނީއެވެ. ހެދުމުން ވެލި ފޮޅައިލުމަށްފަހު ތެދުވުނުގޮތުން ހީވަނީ ކޮންމެވެސް ގޮތަކުން ބިންމައްޗަށް ވެއްޓުނީހެންނެވެ.
"ކިހިނެއްވީ؟" ހަމިދު އޭނަގެ މެހުމާނުގެ ގަތަށް ދިޔައެވެ.
"އޯ.....އަޅުގަނޑު...ކުޑަކޮށް އަނބުރައިގަންނަގޮތްވީ. މިހާރު މުޅިން ރަގަޅު...." ނަކިއާ ޖަވާބުދިނެވެ. އެލީސާ އަލްވާގެ އަތަށް ހައްތާ ބާރުލިއެވެ.
"އައުޗް އެލީސާ.."އަލްވާ އެކުޑަ އިނގިލިތައް އަތުން ނައްޓުވަން މަސައްކަތްކުރިއެވެ.
"އަލްވާ ގަބޫލެއް ނުކުރާނަންތަ؟ އަހަރެން ބަލައިލުމުން ހަގީގަތުގައިވެސް އޭނަ މަރުވެ ގެން ވެއްޓުނީ. ދެން މިހާރު ރޫހުއަކަށް ވެގެން ބަދަލުހިފަން އަހަރެންގެ ފަހަތުން އަންނަން އެއުޅެނީ."އަލީސާގެ އަޑު މަޑުވެގެންގޮސް ވައި އަޑަކަށް ބަދަލުވިއެވެ. އެލީސާގެ ހުންނަނީ އާދަޔާ ޚިލާފު ތަސައްވުރެކެވެ. އޭނަގެ އާ ވަސްވާސްއަކީ އޭނަގެ ލޮލުގައި ކޮންމެވެސް ކަހަލަ ބާރެއް އެކުލެވޭކަމެވެ. ކުރީ ދުވަހު އެލީސާ ހުވާކޮށްފައި ބުނީ އޭނަ އުޑާއި ދިމާލަށް ބަލައިލުމާއެކު ވާރޭ ވެހެން ފެށިކަމުގައެވެ. އަނެއް ދުވަހު މީހަކު ބައިސްކަލުގައި ދަނިކޮށް ބަލައިލެވުމާއެކު އެމީހާ ބައިސްކަލުން ވެއްޓުނުކަމުގައެވެ. ކުޑަކުދިންގެ ޚިޔާލުތަކަކީ މުޅިން އެހެން ޒާތުގެ ކަމެކެވެ.
"މަރުވެއްޖެއޭ ނުކިޔަބަލަ އެލީސާ. އޭނަ ހަމައެކަނި ވެއްޓުނީ. ބަލައިލަބަލަ އޭނައަށް. މުޅިން ރަގަޅެއްނު.." އަލްވާ ބުނެލީ އެލީސާގެ އެ މޮޔަ ވާހަކަތައް ނާކިއާއަށް ނީވޭނެކަމަށް އުއްމީދުކޮށްފައެވެ. ނާކިއާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ހާމިދުވެސް ދެބެން ގޮވައިގެން ނާސްތާ ކުރުމަށްޓަކާ ގެއަށް ވަނެވެ.
***
ހާމިދުގެ އާއިލާގައި އުޅެނީ ހަތަރު މެމްބަރުންނެވެ. ހާމިދުއާއި އަންހެނުން އަމީރާ އަދި ދެބެންކަމަށްވާ އަލްވާއާއި އެލީސާއެވެ. އެއާއިލާ ދިރިއުޅެމުންދަނީ އާދައިގެ ކުޑަ ކޮޓެޖެއްގައެވެ. ހޮޓަލުން ލިބޭ ކުޑަ އާމްދަނީއިން ފުއްދާލައިގެންނެވެ. ބައިވަރު ކަންތައް އުނިވުމާއެކުވެސް އެއީ ގުޅުން ރަގަޅު ލޯބިން އުޅޭ އާއިލާއެކެވެ. ހާމިދުއާއި އަމީރާ ދަރިންދެކެ އިންތިހާއަށް ލޯބިވުމާއެކު އެކުދިންގެ ހުރިހާ ޚަރަދުތައް ބަލަހައްޓަން މަސައްކަތްކުރެއެވެ.
"އަލްވާ. މިއަދުވެސް ގަޑިޖެހޭނެ. ތެދުވޭ.." ހެނދުނު އަލްވާ ހޭލަން ބޭނުންކުރާ އެލާމްއަކީ އޭނަގެ މަންމަ އަމީރާގެ އަޑެވެ.
"ހަމައެކަނި ފަސް މިނިޓް...." ދެބަދޭތެރޭގައި ކަހަލަ ގޮތަަކަށް އޮވެ އަލްވާ ކިޔައިލިއެވެ.
"ހަތްގަޑިބައިވެއްޖެ....."އަމީރާގެ އަޑު ގުގުމައިލިއެވެ. މަންމަ ގަޑި އޮޅުވައިލާގޮތް އަލްވާ ދަހެވެ. އަބަދުވެސް މަންމަ ގަޑި ބުނާނީ ތަންކޮޅެއް އަވަސްކޮށްލާފައެވެ. އަދި ހަތެއް ނުޖަހާނެކަންވެސް އަލްވާ ދެނެގަތެވެ.
"މަންމާ. އަޅުގަނޑު ކުޑަކޮށް ބަލިހެންވެސް......." ޖުމްލަ ފެށުމާއެކު އަލްވާގެ ފައިތިލައަށް ގަނޑުފެން އަޅައިލެވުނެވެ. ދެރަވާކަހަލަ އަޑެއް ލައްވާފައި އޭނަ ތެދުވެ އެނދުގައި އިށީދެއްޖެއެވެ. އޭނަ އެއްގޮތަކަށްވެސް ސްކޫލަށް ދާން ނުރުހެއެވެ. ކޮންމެހެން އޭނައަށް ގަނާކޮށް ފާޑުކިޔާތީއެއްވެސް ނޫނެވެ. އެހެން ކުދިން އޭނައާއިމެދު ދެކޭގޮތާއިމެދު އަލްވާގެ ފަރުވާލެއްނެތެވެ. އެކަމަކު އޭނަގެ މައްސަލައަކީ ސްކޫލުން ކިޔަވައިދޭ އެއްވެސް އެއްޗަކަށް އޭނަގެ ޝައުގެއް ނެތުމެވެ. ދުނިޔޭގެ އެކި ގައުމުތަކާއި ބެހޭގޮތުން ކިޔަވައިދޭ މާއްދާއެއް އޭނަގެ ސްކޫލްގައި ނޯންނަންވީ ކީއްވެހެއްޔެވެ؟ ސްކޫލްގައި ކިޔަވާދޭ ހުރިހާ އެއްޗަކީވެސް އާއްމުކޮށް ބޭސިކް ތަކެއްޗެވެ. އެހާވެސް އާދައިގެ އެއްޗެއްސަށްވުމުން ގިނަފަހަރު އެއިން އެއްވެސް މާއްދާއަކަށް އޭނަގެ ސަމާލުކަމެއް ނުހުރެއެވެ. އަލްވާ ދެފައި ދަމަމުން ފާޚާނާއަށް ވަދެ ފަސްމިނިޓެއްހާއިރު ތެރޭގައި ތައްޔާރުވެގެން ނުކުތުމާއެކު އަމީރާ އޭނަ ފުނާއަޅަން އެތެރެއަށް ފޮނުވިއެވެ.
"ތި އުމުރުގައި ފުނާ އަޅަން އުދަގޫކަމަކަށްވާނަމަ ދެން މިހިސާބަށް ކޮށައިލަންވީތަ؟"އަމީރާއަލްވާގެ ކަންފަތުގައި އިނގިލި ޖެއްސުމާއެކު އަލްވާ ބޯ ހޫރައިގަތެވެ. އޭނަގެ ދިގު އިސްތަށިގަނޑާއި ނުލާހިކު ގަޔާވެއެވެ. އަދި އިސްތަށިގަނޑުގައި ވައި އަޅުވާއިރު އެކުރެވޭ އިހުސާސްތަކަށް ލޯބިކުރެއެވެ. އަލްވާ އަންހެންކުއްޖެކަން ދެނެގަނެވެނީ ހަމައެކަނި އޭނަގެ ދިގު އިސްތަށިގަނޑާއި ހެދިކަމުގައި މެހެކްވެސް ބުނެއެވެ. އެނޫނިއްޔާ އޭނަ ހެދުން އަޅާ ގޮތާއި އަމަލުތައް ހުންނަނީ އަންހެންވަންތަކަމާއި ނިކަން ދުރުންނެވެ. އަލްވާ ކޮންމެހެން އަންހެންކުއްޖެއްކަމުގައި ވުމާއިމެދު ހިތްހަމަނުޖެހެނީއެއް ނޫނެވެ. އެކަމަކު އޭނަގެ އަމިއްލަ ގޮތްގަނޑު ބަދަލުކުރާ ހިތެއްނެތީއެވެ. އަންހެންކުއްޖަކަށް ވިއޭ ކިޔާފައި އަމަލުތައް "ނަލަ" އަދި ހުންނަލެއް ވެސް "ނަލަ"ކުރަން ބޭނުންނުވަނީއެވެ. އޭނައަކީ އޭނައެވެ. އެވަރުން އޭނައަށް ފުދެއެވެ. އަލްވާ ސްކޫލް ޔުނިފޯމް އެޅިއެވެ. ހުދު ގަމީހަކާއި އަޅި ސްކާޓަކާއި ކަޅުކުލައިގެ ދިގު އިސްޓާކީނެވެ. ތައްޔާރުވެގެން ނުކުމެފައި ބައިސްކަލް މަތިން ހަނދާންވިއެވެ. ބަދަރުމައްޗަށް ބައިސްކަލް ދޫކޮށްފައި އާދެވުނީއެވެ. ސްކޫލް ކިތަންމެ ކައިރިވިޔަސް ހިނގާފައި ދިޔުމާއިމެދު ނުރުހެވުނެވެ. އަދި ފަތިހު ފަތިހާ ތެދުވުމުން އޭނަ އަދިވެސް ރަގަޅަށް ހޭލީއެއްވެސް ނޫނެވެ. އޭނަ ބޮލުގެ ތެރޭ ހިސާބު ހަދާލައިފިއެވެ. ވަގުތާއި ދުރުމިނެވެ. ޔަގީނުންވެސް ސްކޫލަށްވުރެ ބަދަރު ކައިރިވާނެއެވެ. ކޮންމެވެސް ސަބަބަކާއިހެދި އޭނައަށް ރަގަޅަށް ހޭލެވި ނިދި އެއްކޮށް ފިލައިފިއެވެ.
އަލްވާ ފަހަތަށް އެނބުރުނުއިރު އޭނަގެ މައިންބަފައިންގެ ހިލަމެއްނުވިއެވެ. އޭނަ ހިނގައިގަތީ ސްކޫލް ހުރި ދިމާލަކަށް ނޫނެވެ. ބަނދަރާއި ދިމާލަށެވެ. ބަދަރަށް ދާން މަގުބޫލު އުޒުރެއް އެބައޮތް ނޫންހެއްޔެވެ؟ ސްކޫލަށްދާން އެންމެ ބޭނުންވަނީ ބައިސްކަލެވެ.
ފަހަތަށް އަނެއްކާ ނަޒަރު ހިންގައިލުމަށްފަހު އޭނަ ދުވަންފެށިއިރު ތުންފަތުގައި ކުޅެލި ހިނިތުންވުން ފުޅާވިއެވެ. ނޫ އުދަރެހާއި ކަނޑުގެ ވައިރޯޅި ނޭފަތުގައި ޖެހުމުން އޭނަގެ ދެލޯވެސް ދިއްލިއްޖެއެވެ. އެއިން ކޮންމެ އެއްޗަކީ އަލްވާގެ އުފާވެރިކަން އިތުރުކުރުވާ ބައިވެރިއެކެވެ. އަލްވާއަށް އޭނައާއި މެހެކްގެ ބައިސްކަލް ފެނުނީ ބްރެކްފާސްޓް ބާރއެއްގެ ކައިރިންނެވެ. އެތާ މަސައްކަތްކުރާ އަންހެންމީހާއަކީ އަލްވާމެން ދަންނަ މީހެކެވެ. އެކުދިންގެ އެއްޗެއް ވިއްޔާ ފޮރުވާ ރައްކާތެރިކަން ދޭނެއެވެ. ބައިސްކަލް ނެގުމުގެ ކުރިން ބޯޓުތަކާއި ދިމާލަށްގޮސް އެތާ ތިބި އޭނަ ދަންނަ މަސްވެރިންނަށްވެސް ހެދުނުގެ ސަލާމްކޮށްލިއެވެ. އެމީހުން ކަނޑުގެ ވާހަކަތައް ކިޔައިދީ ހަދާއިރު އޭނަ އެވާހަކަތަށް ގަޔާވެލާފައި އަހައެވެ.
"މިއަދުވެސް މި މުސްކުޅި ގެބްރިއެލް ފަތުރުވެރިން ގެނެސްފި.ހަފްތާ ބަންދު ނޫން ދުވަހެއްގައި އާއްމުކޮށް އެމީހުން ނުވެސް ފެނެއެއްނު." މަސްވެރިއަކު ކިޔާލައިފިއެވެ.
އަލްވާވެސް އެދިމާލަށް ނަޒަރު ހިންގައިލިއިރު ދުވަސްވެފައިވާ އެ ވައިލެޓާއި ރީދޫކުލައިގެ ބޯޓު ބަނދަރުގައި ނަގިލި އަޅާފައި އޮތްވާ ފެނުނެވެ. އެތަނުން ފިރިހެނަކަށް އޭނަގެ ސަމާލުކަން ދަތުރުކުރީވެސް އެވަގުތުގެއެވެ. އެޒުވާނާ އިނީ އަލްވާއަށް ފުރަގަސްދީގެންނެވެ. ހޭވިފައިވާ ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ. ބަދަރުގެ ކައިރިފަށުގައި އިންއިރު ނުބައިކޮށް ނޭވާއެއް ލީކަމުގައިވިޔަސް މޫދަށް ވެއްޓޭނެކަން ޔަގީނެވެ. އެމީހާ ކުރާކަމެއް ބަލައިލަން އޭނަ ކަރުދަމާފައި ބެލިއެވެ. އޭނަ މަސް ބާނަނީހެއްޔެވެ؟ އާ ފަތުރުވެރިއެއްހެއްޔެވެ؟ އަލްވާގެ ހިތް މަގާމުން ފުންމައިލީ އެމީހާ ކުރަން އިންކަމެއް ޔަގީންވުމުންނެވެ. އެމީހާ މޫދަށް ބުޅަލެއް ގަންބައިލަނީއެވެ.
"ހޭއި....." އަލްވާ ހޭކަނޑާލަފައި ދުއްވައިގަތީ އޭނަގެ ސްކޫލް ދަބަސްވެސް ދުރަށް އެއްލާލާފައެވެ."ކީއް ތިކުރަނީ؟"
އޭރު އެ ފުންމިން އެނގުމެއްނުވާ ކަނޑުގެ ރާޅުތަކުގެ ތެރޭ ބުޅާ ބެހެމުން ދިޔައިރު އެފިރިހެނާ އިންތަނުން އިންޗިއެއްވެސް ގުޑުވައިނުލިއެވެ. އެ ޒުވާނާ ބަލައިލީ އެހާ ފިނި ނަޒަރަކުންނެވެ. ސިކުންތުކޮޅަކަށްވެސް މަޑުކޮށްލުމެއްނެތި އަލްވާ ހުރި ދިމާލުން ޑައިވެއް އަޅައިލިއިރު އަދި އޭނައަށް ފަތަން ނޭގޭ ހަނދާނެއްވެސް ހުރީއެއް ނޫނެވެ. އޭނަގެ ނިޔަތަކީ އެ ބުޅާ ސަލާމަތްކުރުމެވެ. އަލްވާގެ ހަށިގަނޑު ވަގުތުން އަޑިއަށް ދިޔައިރު އޮއި އެހާ ބާރެވެ. ފެންގަނޑު އޭނަ ތިރިއަށް ދަމައިގަތްއިރު ލޯމަތިން އުދަރެހުގެ ނޫކަން ނިވާވިއެވެ. އޭނަ މަރުވާނީ މިގޮތަށްހެއްޔެވެ؟ އޭނަ ހަނދާނައަށް އައީ ފަތިސް ނަމާދު ނުކުރެވުނުކަމެވެ. އޭނަ މަރުވާން ތައްޔާރެއް ނޫނެވެ.
އަލްވާއަށް މާ ގިނަ ލޮނު ނުބޮވެނީސް ބާރުގަދަ އަތަކުން އޭނަ ފެންގަނޑުތެރެއިން ހިއްލާލައިފިއެވެ. އަލްވާ ކެއްސަމުން ކަރުގައި މަޑުމަޑުން ހިފެހެއްޓިއެވެ. ލޮނުފެނުގެ ސަބަބުން އޭނަ ކޮށި އަރަނީއެވެ. އޭނަ ސަލާމަތްކޮށްދިން އެ ރަގަޅުމީހާއަކީ ކާކުކަން ދެނެގަންނަން އިސްއުފުލައިލެވިއްޖެއެވެ. އެމީހަކީ ބޯޓުގެ ވެރިޔާ ގެބްރިއެލްއެވެ. އަލްވާގެ ރަތްވެފައިވާ ލޯ އުނގުޅަމުން ކަނޑާއި ދިމާލަށް ބަލައިލެވުނެވެ. ބުޅާ ފެންނާކަށް ނެތެވެ. އަލްވާ ބޭގަރާރުވެފައިވާ ލޯ ވަށައިގެން ހިންގައިލިއިރު އެ ޒުވާނާ ހުދުކުލައިގެ ރަޖާގަނޑެއްގައި އެ ޕާޝިއަން ބުޅާ އޮޅާލައިގެން ކޮނޑުމައްޗަށް ލައިގެން ދުރަށް ހިނގައިގަތީއެވެ.
"ވަޓް......."
"ގެބްރިއެލް...އެމީހާ އުޅުނީ ބުޅާ މޫދަށް ގަންބާ މަރައިލަންވެގެންނޭ. އަވަހަށްގޮސް އޭނަގެ ފަރާތުން އެ ސޮރު ސަލާމަތްކުރޭ.."އަލްވާގެ އަޑުގައި އަވަސްކަމެއްވިއެވެ.
"އެމީހާއަކީ އެ ބުޅަލުގެ ވެރިޔާ. އޭނައާއެކު ގެނައި އޭނަގެ ބުޅަލެއް. އެހެންމީހުންގެ ކަންތައްތަކުގެ ތެރެއަށް ބޯ ބާނަން ނަހަދާ އަމިއްލަ ހާލަށް ބަލައިލަބަލަ. މުޅިން ތެމިފޯވެފައި ތިހިރީ. މިއީސްކޫލްގައި ހުންނަންވީ ވަގުތެއްނު .މިޒަމާނުގެ ކުދިން...ތައުލީމު ތަންކޮޅެއް ސީރިޔަސްކޮށް ނަގާބަލަ.އާ.. އެދިޔައީ. އިންސާނީ ސީސީޓީވީއަކަށް ވުމުން އެކުއްޖާ ހުއްޓުވާނެ އެއްވެސް ގޮތެއްނެތް.."ގެބްރިއެލް ބޯ ހޫރައިލިއެވެ. އަލްވާ އެހާ ބާރަށް އެ ޒުވާނާގެ ފަހަތުން ދުވަމުން ދިޔައީ ބުޅާ ޖަހައިގަންނަން ނޫންކަމެއްވެސް ނޭގެއެވެ.
"ބުޅާ ގެނޭ...." އަލްވާ ލަދެއް ޖެހިލުމެއްނެތި ބުޅާ ޖަހައިގަންނަން މަސައްކަތްކުރިއިރު ބުޅާ އަލްވާގެ އަތުގައި ވަކިއަޅުވާލައިފިއެވެ. ޖަނަވާރަށް އަނިޔާކުރާ މަންޒަރު ފެނުމުން އެހެން މީހުން ލޯ މަރައިލިޔަސް އޭނަ ހިމޭނުން ނުހުންނާނެއެވެ. އޭނަގެ އަތުގައި ދަތް އަޅާ ލޭ އަރުވައިލިޔަސް އޭނަ އެ ނިކަމެތި ބުޅާ ސަލާމަތްކޮށްދޭނެއެވެ. އެ ކަޅު އިސްތަށިގަނޑުގެ ވެރިޔާގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އޭނަ އަލްވާއަށް ބަލައިލިއިރު ނަޒަރުގައިވީ ފޫހިކަމެވެ. އެކުއްޖާގެ ހަރަކާތުން އުދަގޫވެފައި ހުރިވަރު ފައުޅުކޮށް ފެންނާން ހުއްޓެވެ. އެކަމަކު އެ ތޫނު ކަޅުލޮލުގައި ޝައުގެއް ނެތްކަމާއިއެކު ނިދީގެ އަސަރުވެސް ވިއެވެ.
އެރިއިރާއެކު އެ ޒުވާނާ ހުރީ އޭނަގެ ކޮނޑާއި ހަމަޔަށްވެސް ނުފޯރާވަރުގެ ކުޑަ އަންހެންކުއްޖަކާއި ކުރިމަތިލާކަށް ނޫނެވެ. އަދި ރޯމާ ދުވާލު އޭނަގެ ލޯބިވާ ބުޅާ ވަގަށް ނަގާފާނެކަމުގެ އުއްމީދުގައެއްވެސް ނޫނެވެ. އެ ޒުވާނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާފައިވެސް ލައްޕައިލީ މި އަންހެންކުއްޖާއަށް ރައްދެއް ދިނުން ބޭކާރުކަމެއްގެ ގޮތުގައި ދެކެފައެވެ. އެކަމަކު އޭނަގެ ފަހަތުން އަޅުވާ ދޫނުކުރާނެކަން ޔަގީންވެ އެންމެފަހުން ދިގު ނޭވާއެއް ލީ އޭނަ ސަބަބަކާއިލައިގެން އައި ރުޅި ކޮންޓްރޯލްކުރުމަށެވެ. އޭނަ ދެވަނަ ފަހަރަށް ހިނގުން ހުއްޓައިލިއެވެ.
"ބުޅަލަށް ފަތަން އެނގޭ..." ފޫހިވެފައިވާ ފިނި ނަޒަރަކަށްފަހު އެ ޒުވާނާ ޖަވާބުދިނެވެ."އެކަން އެނގޭހެނެއް ހިޔެއްނުވޭ..."
"އަހަންނަށް އެނގޭ.." އަލްވާ އަވަހަށް ޖަވާބުދިނެވެ. ހަގީގަތަކީ އޭނަ އެކަމެއް ނުދެނެހުއްޓެވެ. އެ ޒުވާނާވެސް އޭނަގެ އެ ވާހަކަ ގަބޫލުނުކުރަނީކަން ނޭގެއެވެ. އެއް ބުމަ އަރުވައިލުމަށްފަހު ޝައްކުގެ ނަޒަރަކުން ބަލަން ހުއްޓެވެ." ދެން އަހަރެންގެ ފަހަތުން އައުން ހުއްޓާލާނަންތަ؟"
ޖަވާބަކަށް މަޑުކުރުމެއްނެތި އެ ޒުވާނާ ހިނގައިގަތެވެ.
"އޭ މޮޔަކުއްޖާ..." އެއީ ބަދަރުމަތީގައި ހުންނަ ހެނދުނު ނާސްތާ ތައްޔާރުކުރާ ކުޑަ ކެފޭގެ ވެރިޔާ މޭރީއެވެ." އެ ގެސްޓަށް އުދަގޫކުރަނީ ކީއްވެ؟ އެތާހުރި ކުނިއަޅާ އެއްޗަކަށް ބުޅާ އެރުނީމަ ބުޅާ ފެންވަރުވައިލަން މޫދަށް ލައިގެން އުޅުނީ. ދެން ތިކަން ހުއްޓާލާފައި އަވަހަށް ދޭ. ކުއްޖާ ތިހިރަ ގޮތް ބަލާލަބަލަ..." މޭރީ އަތް ހޫރަމުން ކިޔަމުން ދިޔައެވެ. އަލްވާ އަވަސްއަވަހަށް އެސްފިޔަ ތަޅުވާލާފައި ހިންދިރުވާލައިފިއެވެ. އޭނަ އެކުރީ ކީއްހެއްޔެވެ؟ އެ ޒުވާނާއަކީ ބީރައްޓެއްސަކަށްވެފައި ދެން ދިމާނުވާނެކަމީ ނަސީބެކެވެ. އެ ޒުވާނާ ހީކުރާނީވެސް ކީކޭހެއްޔެވެ؟ އޭނަގެ އަވަސް ނިންމުން ކުށްވެރިކުރެވުނެވެ. އެކަންތައް ހުއްޓައިލަން އޭނަ ޖެހޭނެއެވެ.
އަލްވާއަށް ބަލައިލެވުނީ އޭނަގެ ތެމިފޯވެފައިވާ ޔުނިފޯމަށެވެ. އެގޮތަށް ހުރެ ގެއަށް ގޮސްފިއްޔާ ބޮޑު މައްސަލަގަނޑަކަށްވާނެއެވެ. ސްކޫލަށްނުގޮސްވާކަށްވެސް ނެތެވެ. ގެއާއި ދިމާލަށް ހިނގަމުން ދިޔައިރު ދައްކާނެ ބަހަނާއަކާއިމެދު ވިސްނަމުން ދިޔައެވެ.އޭނަގެ މައިންބަފައިން ހޮޓަލުގައި ތިބިތޯ ބަލަންވެގެން ގަހެއްގެ ފުރަގަހުގައި ބޮދައިގެން އޮވެ ބެލިއެވެ. އެމީހުން އެތާ ތިބެއްޖެއްޔާ ސިއްރުން ގެއަށްވަދެ ޔުނިފޯމް ހިއްކައިގެން އަވަހަށް ސްކޫލަށް ދެވިިދާނެއެވެ. އެކަމަކު ޕްރިންސިޕަލްއަށް ނުފެނި ކްލާހަށް ވަދެވޭނެބާވައެވެ. އަލްވާ ބޮލުގައި އަތުން ޖެހިއެވެ. ކުށްވެރިޔަކީ އޭނައެވެ. އެންމެ ފުރަތަމަ އޭނަ ބަދަރަށްގޮސްގެންވެސް ނުވާނެއެވެ.
"ގުޑް މޯނިން އަލްވާ...."ދާދި ކައިރިން އޭނައަށް ގޮވައިލުމުން ލޮލަށް ގޮތެއް ހަދައިލެވުނެވެ. އެއާއެކު އެ އަޑު ދެނެގަނެވި ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
"އޯ ނާކިއާ ދޯ...ހެހެ"
"ވާރޭ ވެހުނީތަ؟" ނާކިއާ އަލްވާއަށް ބަލައިލީ ހައިރާންވެފައި ހުރެއެވެ.
"އޯ ނޫން ނޫން.."އަލްވާ ކަންބޮޑުވެފައި ހޭންފެށިއެވެ."އަހަރެން......މޫދަށް ވެއްޓުނީ...ދިގު ސްޓޯރީއެއް. އަހަރެންގެ ޕޭރެންޓްސް ހޮޓަލުގައި އެބަތިބިތަ؟"
"ހޫމް...އެއްވެސް މީހަކު ކައުންޓަރުން ނުދެކެން.."ނާކިއާ ހުރީ ގަޔަށް ދޫކޮށްއޮތް ބީޖް ކުލައެއްގެ ހެދުމަކާއި އިސްތަށިގަނޑު އެއްކޮށް ފޮރުވޭވަރުގެ ކަޅު ކުޑަ ސްކާފެއް އަޅާލައިގެންނެވެ. ކުޑަކޮށް ބަލިފާޑު ޖެހިޔަސް ރީތި އަންހެންކުއްޖެކެވެ. އަދި ސާދާ މާތްގޮތެއްވެސް ހުއްޓެވެ.
"އެހެންތަ؟ ދެން އަހަރެން ކިހިނެއް ހަދާނީ؟"އަލްވާ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.
"އެއްވެސް އެހީއެއް ބޭނުންތަ؟"ނާކިއާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ އަލްވާގެ މޫނުމަތި ފެނުމުން އެ އިހުސާސްތައް ދެނެގަނެވުމުންނެވެ.
"ނޫން ޝުކުރިއްޔާ..." އަލްވާ ހިނިތުންވެލީ އެންމެފަހުން ހަދަންވީގޮތް ނިންމާފައެވެ. އޭނަ މަންމަމެންނަށް ކަންހިނގިގޮތް ތެދުތެދަށް ކިޔައިދޭނީއެވެ. އޭނަ ބުޅަލެއް ސަލާމަތްކުރަން ކުރި މަސައްކަތުގެ ތަފްސީލެވެ. ބުޅަލަކަށް އެހީތެރިވެދިނީތީ އޭނަ ގޭގައި ހައްޔަރުކުރާ ވަރަށް މަންމަމެންގެ ހިތް ހަރެއްނުވާނެއެވެ.
"އޯކޭ އެހެންވިއްޔާ ދަނީ..." ނާކިއާ ދުރަށް ދާން ހިނގައިގަތީ ތަންކޮޅެއް އަވަސް ހިނގުމެއްގައެވެ. ވަކި ހިސާބަކަށްގޮސް ގުދުވެ އޯކަށް ދަމަންފެށިއެވެ. އޭނަ ހޮޑުލަނީހެއްޔެވެ؟ ނާކިއާ އަނގަމަތީގައި އަތް އަޅައިގެން ހޮޓަލައި ދިމާލަށް ދުއްވައިގަތްތަން އަލްވާ ދެކުނެވެ. ބަލިމީހަކަށް އެހީތެރިކަމުގެ އަތެއްދިއްކޮށްލުމެއްނެތި އޭނައަށް ނުދެވޭނެއެވެ. އަދި ނާކިއާ އެއުޅެނީވެސް މީހެއްގެ އެހީއާއި ނުލާ އެކަނިމާ އެކަންޏެވެ. އޭނަ ޖެހޭނީ އެހީވާށެވެ. އަލްވާ ފަހަތުން ދުއްވައިގަތެވެ. ބަލާބެލުމަށް ބަލިކަމަށް ދައްކާ ނާކިއާއާއިމެދު ޝައުގުވެރިކަން އިތުރުވެ ވެގެން އުޅޭ ކަމެއް ދެނެގަންނަން ބޭނުންވިއެވެ. އެހާ ބަލިއިރުގައިވެސް އެތަނުގައި ދިރިއުޅޭ އެއްވެސް ބަޔަކު ނޭގި މުޅިން އާ ޝަހަރެއްގައެވެ.
ނުނިމޭ