ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިޒާމުން ގެއްލުވާލައި ކ. ގިރިފުށީގައި ގެންގުޅުނު މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެއްބާރުލުން ނުދެއްވުމުން އެމަނިކުފާނުގެ ބަޔާން ނުހިމަނައި، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ހުށަހަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލާގައި ބޭނުން ވަގުތެއްގައި ފުލުހުންނަށް ބަޔާނެއް ދިނުމަށް ރައީސް ނަޝީދަށް ފުރުސަތު ދެއްވި ނަމަވެސް އެ ފުރުސަތުގެ ބޭނުން އެމަނިކުފާނު ނުހިއްޕެވި ކަމަށެވެ.

ނަމަވެސް މައްސަލާގައި ހުރި ހެކިތަކަށް ބިނާކޮށް، ޕީޖީ އަށް އެ މައްސަލަ ހުށަހަޅާ އިރު މައްސަލާގައި ހިމެނޭ ވަކި މީހަކު އިސްތިސްނާ ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ހިމެނޭ މީހުންގެ ތަހުގީގަށް ރިޔާއަތް ކުރުމަށް ފަހު ދައުވާ ކުރަން ޖެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަކީ ޕީޖީގެ ޒިންމާއެއް ކަމަށާއި އެ ޒިންމާ އެ ފަރާތުން އަދާކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭގެފާނު ފުލުހަށް ހާޒިރުކޮށް ބަޔާން ނެގި ނަމަވެސް ނަޝީދަށް ފުލުހުން ވަނީ ދޫދީފަ އެވެ. އަދި ކޯޓް އަމުރެއްގެ ދަށުން ނަޝީދާއި ތަލްހަތު ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓް އަމުރެއް ލިބުނު ނަމަވެސް އެ އަމުރުގެ ބޭނުން ފުލުހުން ނުކުރެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނީ ހާލަތަށް ރިޔާއަތްކޮށް ފުލުހުން ލިބިދީފައިވާ ބާރުގެ ބޭނުން ނުކޮށް ދޫކޮށްލުމުގެ ބާރު އެމަނިކުފާނަށް ލިބިގެންވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި އެފަދަ ކަމެއް ދޫކޮށްލި ނަމަވެސް ޕީޖީއަށް އެކަން ހުށަހަޅައިގެން ކޯޓް މަރުހަލާ އިން އެކަމަށް އިންސާފު ހޯއްދަވާނެ ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ.