27 Jan 2022, 23:21
މާޒިޔާ ސްޕޯޓްސް ކްލަބް އެންޑް ރެކްރިއޭޝަން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އިން މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު އައު ކޮށްފިއެވެ.
މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުުނު މި މެޗު ސަސްއިން ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުންނެވެ. މިއީ ޔޫތު މުބާރާތެއްގައި ސަސްއިން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ އެ ޓީމުން ވާދަކުރާ ފުރަތަމަ ޔޫތު މުބާރާތެވެ.
މިރޭގެ މެޗު ފަށައިގެން ގިނައިން ބޯޅަ ހިފަހައްޓައިގެން ކުޅުނީ މާޒިޔާއިންނެވެ. އެ ޓީމުގެ ކުޅުންތެރިންވަނީ ސަސްގެ ގޯލަށް ނުރައްކާކޮށް ހަމަލާތަކެއް ފޮނުވައިލައިފައެވެ.
ފުރަތަމަ ހާފުގައި މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް މާ ރަނގަޅަށް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

މެޗުގައި ސަސްގެ ހަމައެކަނި ގޯލު މެޗުގެ 61ވަނަ މިނެޓުގައި ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުތާއު މުހައްމަދެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ އިޝްއާފް މުހައްމަދު ފިރާގު ފޮނުވާލި ބޯޅައެއް ރީބައުންސަށް ނުކުތުމުން ގޯލުގެ ތެރެއަށް ފޮނުވައިލައިގެންނެވެ.
މުބާރާތުގައި ސަސް ކުޅުނު ފުރަތަމަ މެޗުން އީގަލްސް އަތުން އެ ޓީމު ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. އަދި މުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް އަތުން މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ މެޗުތައް މާދަމާ ވެސް ކުޅެން ހަމަޖެހިފައިވާއިރު ހަވީރު ކުޅޭނީ ޔުނައިޓެޑް ވިކްޓްރީއާއި ކްލަބް ވެލެންސިއާއެވެ. އަދި މާދަމާ ރޭ ވާދަކުރާނީ ޓީސީއާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.