11 Mar 2012, 17:18
ހޯމްމިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ ކާރުކޮޅުގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ ކާރު ވަރަށް ބޮޑަށް ހަލާކުވެ ދެ މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 4:15 އެހާކަށް ހާއިރު އަމީނީ މަގުން ސިނަމާލެ ފުލެޓްތައް ކުރިމަތީގަ އެވެ. މަންޒަރުދުށް މީހުން ބުނީ "ޖީ5726" ކާރު އެގްސިޑެންޓްވީ އަމީނީމަގުން ފުލެޓްކައިރިން އުތުރަށް އަޅަނިކޮށް ކާރުން ނައްޓާ ކުރި އަރަން އުޅުނު ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އެމީހުން ބުނީ އެ ވަގުތު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށެވެ. އަދި ސައިކަލުގައި ތިބީ ދެ ޒުވާނަކު ކަމައްވެސް މަންޒަރުދުއް މީހުން ބުންޏެވެ.
"އެދެކުދިންނަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ހުރީ،" މަންޒަރުދުއް މީހަކު ބުންޏެވެ.
ފުލުހުން ބުނީ ހޯމް މިނިސްޓަރު ޑރ. ޖަމީލްގެ ކާރު ކޮޅުގައި ސައިކަލެއް ޖެހި އެކްސިޑެންޓްވި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސަންގެ ނޫސްވެރިން މިއަދު އެ ސަރަހައްދަށް ދިޔައިރު މިނިސްޓަރުގެ ކާރު އެ ސަރަހައްދުގައި އޮތް އިރު ކާރުގެ ބަފަރު ވަނީ މުޅިންހެން ހަލާކުވެފަ އެވެ. އަދި ސައިކަލުގެ ކުރީ ކަވަރު ވަރަށް ބޮޑަށް ހަލާކުވެފަ އޮތް އިރު އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ލޭ ފެންނަން ހުއްޓެވެ.
އައިޖީއެމް އެޗްގެ މީޑިޔާ ކޯޑިނޭޓަރު ޒީނަތު އަލީހަބީބު ވިދާޅުވީ އެކްސިޑެންޓް ވެގެން ގެނައި ދެމީހުންނަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށާއި އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.
ޑރ.ޖަމީލުގެ ކާރުކޮޅު މިއަދު އެކްސިޑެންޓްވެ ކާރަށް ވަރަށް ބޮޑަށް ގެއްލުންވި އިރު ޖަމީލް ޖަސްޓިސް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ކާރު ކޮޅަށް ބަޔަކު ވަނީ ބޮޑިބަތް ޖަހާފަ އެވެ.