20 Jul 2010, 09:55
14:30
އިއުލާން ކުރުމެއް ނެތި ގަވާއިދާ ޚިލާފަށް ކ.ތިލަފުށިން އަމިއްލަ ފަރާތްތަކަށް ބިން ދޫކުރަން އުޅޭ ކަމަށް ބުނާ މައްސަލައެއްގައި އެރަށުން ބިން ދޫކުރުން ހުއްޓާލާފައި އޮންނަތާ ތިން މަސް ފަހުން، އިއުލާން ކޮށްގެން އަލުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެފި އެވެ.
ސިނާއީ ބޭނުންތަކަށް ބިން ދޫކުރާ ރަށުން ގިނަ އަދަދެއްގެ ބިންތަކެއް އިއުލާންކުރުމެއް ނެތި އަމިއްލަ ފަރާތްތަކަށް ދޫކުރަން އުޅޭ ކަމުގެ ޝަކުވާ އެންޓި ކޮރަޕްޝަން ކޮމިޝަން ނުވަތަ އޭސީސީއަށް ހުށަހެޅިފައިވާތީ، އެ މައްސަލަ ބެލުމަށް ފަހު ވަކި ގޮތެއް އަންގަންދެން ތިލަފުށިން ބިން ދޫކުރުން ހުއްޓާލުމަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑަށް މިދިޔަ އޭޕްރިލް މަހުގެ ކުރީކޮޅު އޭސީސީން ވަނީ އަންގައިފަ އެވެ.
ނަމަވެސް، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ޓީސީއެލްގެ ޗެއާމަން މުހައްމަދު ޝަހުދީ އަންވަރު މިއަދު ވިދާޅުވީ، އޭސީސީން ކުރިން އެގޮތަށް އެންގި ނަމަވެސް، މިހާރު އެ މައްސަލަ ބެލުމަށްފަހު އެ ކޮމިޝަނުގެ ފަރާތުން ޖަވާބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް އުޅޭ ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިނުވާ ކަމަށާއި ހަމައެކަނި ބުނެފައިވަނީ ބިން ދޫކުރުމުގައި ކުންފުނިން ގެންގުޅޭ ޕްރޮސީޖަރ ނުވަތަ އުސޫލުގައި މައްސަލަތަކެއް އުޅޭތީ އެކަން އިސްލާހު ކުރުމަށް ކަމަށެވެ. އެހެންކަމުން މިހާރު ތިލަފުށީގައި ހުރި ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކުރުމަށް އަންނަ މަހު އިއުލާން ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މިކަމާ ގުޅޭ ގޮތުން އެސީސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސިނާއީ ބޭނުންތަކަށް ބިން ދޫކުރާ ރަށުން އިއުލާން ކުރުމެއް ނެތި ގިނަ އަދަދެއްގެ ބިން ދޫކުރުމަށް ނިންމާފައިވާ ނޫސްވެރިންނާ ބައްދަލުކުރައްވާ އޭރު ޓީސީއެލްގެ ޗެއާމަނަކަށް ހުންނެވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ވިދާޅުވި ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
މީގެ އިތުރުންވެސް، ފަންސަވީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތިލަފުށީގެ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ރިޔާޒް ވިދާޅުވީ، ތިލަފުށީގައި ބިމުގެ ތާށިކަން ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށް ތިލަފުށީގެ 130 ހެކްޓަރުގެ ފަޅު އެއްކޮށް ހިއްކާ، ބައިނަލް އަގްވާމީ ފެންވަރުގެ ބަނދަރަކާއެކު ސިނާއީ ސަރަހައްދެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން ފަޅު އެއްކޮށް ހިއްކުމަށްފަހު، އަންނަ އަހަރު ތަރައްގީގެ މަޝްރޫއު ތަކަށް އެ ބިން ބޭނުންކުރެވޭ ވަރު ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.