27 Jan 2022, 19:10
ކ. މާފުށި ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ އެ ޖަލުގައި ތިބި ބައެއް ގައިދީން ގޭބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު "ސަން"އަށް މިރޭ ވިދާޅުވީ ގައިދީންގެ ރައްކާތެރިކަމަށް ބައެއް ގައިދީން ގެއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
"ކޮވިޑް ހާލަތާ ގުޅިގެން ރައްކަލަކަށްޓަކައި މިވަނީ ބައެއް ގައިދީން ގެއަށް ބަދަލުކޮށްފަ. އޭގެ އިތުރު ޑީޓެއިލްސް އެއް ނެތް މިވަގުތު ދެވޭކަށް،" ޔުސްރީން ވިދާޅުވިއެވެ.
މީގެ ހަތަރު މަސް ކުރިންވެސް މާފުށީ ޖަލުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ހައި ރިސްކް ގައިދީން ގެއަށް ބަދަލުކުރިއެވެ.
މިމަހުގެ 13 ވަނަ ދުވަހު ނެގި ސާމްޕަލް ތަކެއް ޕޮޒިޓިވްވެ މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސް، އެޗްޕީއޭގެ ގައިޑްލައިން ތަކާ އެއްގޮތަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަލުގެ ހާލަތު އާންމު ހާލަތަށް ގެނެވެންދެން ޖަލު ގައިދީންނަށާއި ބަންދު މީހުންގެ އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކާއި ކޯޓު އަޑުއެހުންތައް އޮންލައިން ކޮށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.
މިވަގުތު އެ ޖަލުގައި ކޮވިޑު ބަލި ޖެހިފައިވާ 12 އޮފިސަރުންނާއި 66 ގައިދީން އެބަތިއްބެވެ. އަދި ތިން އޮފިސަރެއް ކަރަންޓީނުގައި ހުރިއިރު 215 ގައިދީން ކަރަންޓީނުގައި އެބަތިއްބެވެ.