27 Jan 2022, 17:54
ދާދި ފަހުން ރާއްޖެއިން ސިޔާސީ ގުޅުން ގާއިމު ކުރި ބުރުންޑީއަށް އޮނަރަރީ ކޮންސުލް އެއް ކަނޑައަޅައިފިއެވެ.
މި މަގާމަށް އައްޔަނު ކުރައްވާފައިވަނީ ބުރުންޑީގެ ބޭފުޅެއް ކަމުގައިވާ މރ. ސިލްވިއޭ ބަންކިންބާގެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް އައްޔަނު ކުރި ކަމުގެ ލިޔުން ބަންކިންބާގާ ހަވާލުކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ބުރުންޑީއަށް އޮނަރަރީ ކޮންސުލް ކަނޑައެޅުމުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުމާއި، އެހެނިހެން ގުޅުންތައް ވަރުގަދަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއާ ބުރުންޑީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ މިމަހުގެ 20ވަނަ ދުވަހު ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރި 179 ވަނަ ގައުމެވެ.
ވަށައިގެން ބިން އޮންނަ ބުރުންޑީ އަކީ އެފްރިކާގެ އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުގެ އިގްތިސޯދު އެންމެ ބޮޑަށް ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ބުރުންޑީ މިނިވަންވެފައިވަނީ 1962ވަނަ އަހަރުއެވެ.