11 Mar 2012, 16:53
ޖަލަށް ހުކުމް ކޮށްފައިވާ 1879 މީހުންގެ ތެރެއިން މިވަގުތު ޖަލުގައިތިބީ 621 މީހުން ކަމަށް ހޯމް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީ އިން މިއަދު އިސްކަން ދަރުކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރު ދުވަސްވަރު ޖަލަށް ހުކުމް ކޮށްފައިވާ 1879 މީހުންގެ ތެރެއިން މިވަގުތު ޖަލުގައި ތިބީ 621 މީހުން ކަމަށާއި 1258 މީހުން ވަނީ ގޮތް ނޭނގޭ ގޮތުގައި އެކި ގޮތްތަށް ދޫކުރެވިފައި ކަމަށެވެ.
ޖަމީލް ވިދާޅުވީ އެފަދަ ގޮތަކަށް ކުށްވެރިން މުޖުތަމައު ތެރެއަށް ދޫވުމާ ގުޅިގެން މިދިޔަ ތިނެއް ނުވަތަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުށްކުރާ ނިސްބަތް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ކަމަށާއި ސަރުކާރުގެ ތަންފީޒީ މަރުހަލާތައް ވަރަށް ބޯޑަށް ދޯހަޅިވެ ބޮއްސުން ލުމުގެ ނަތީޖާ އަކަށްވީ މުޅިމުޖުތަމައު ނުރައްކަލަށް ވެއްޓުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މިދިޔަ ދުވަސްތަކުގައި މުޖުތަމައުގެ އަމަން އަމަންކަން ގެއްލޭ މިންވަރަށް ހިފެހެއްޓުމެއް ނެތް ނިޒާމެއްގެ ދަށުން ކުށްވެރިންތަކެއް ވަނީ މުޖުތަމައުއަށް ދޫކުރެވިފައި. އަދި ކުށްވެރިން ދޫކުރެވިފައި ތިބީ ރާއްޖޭގެ ގާނޫތަކުގެ އިންތިޒާމްތައް އެއްކިބާ ކޮށްފައި،" ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ ކުށްވެރިން ދޫކުރުމުގައި ޕެރޯލް ނިޒާމަކީ ޖިނާއީ ކުށްކުރާ ފަރާތްތައް އިސްލާހުވެގެން މުޖުތަމައުއަށް ނެރެން އޮންނަ ނިޒާމުކަމުގައިވީ ނަމަވެސް އެ ނިޒާމާ ހިލާފަށް ދެވަނަ ފުރުސަތުގެ ދަށުން ގިނަ އަދެއްގެ ކުށްވެރިން ރައީސް ނަޝީދުގެ ސަރުކާރުން ދޫކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތާގައި ކުރީގެ ސަރުކާރުން އުފެއްދި ދެ ވަނަ ފުރުސަތު ކުރިއަށް ނުގެން ގޮސް ޕެރޯލްގެ ނިޒާމުގެ ދަށުން އެކަންކަން ކުރިއަށް ގެނެދެވޭނެ ކަމަށެވެ.
ކުރިން ދެވަނަ ފުރުސަތުގެ ދަށުން ކުށްވެރިން ދޫކޮށްފައި ވަނީ އެއްވެސް އިންތިޒާމެއްގެ ދަށުން ކަމަށް ގަބޫލް ނުކުރައްވާ ކަމަށާއި ދެ ވަނަ ފުރުސަތުގެ ޝަރުތުތަކަށް ކޮލިފައިވާ ކުށްވެރިން ދޫނުކޮށް މުޖުތަމައުއަށް އަންނަން ޖެހޭ ކުށްވެރިން ޖަލުގައި ބައިތިއްބުމަށް ފަހު ޝަރުތުތަކަށް ނުފެތޭ ގިނަ އަދަދެއްގެ ކުށްވެރިންތަކެއް ގޮތްނޭގޭ ގޮތަށް ސިޔާސީ ނުފޫޒްގެ ތެރެއިން މިނިވަންކޮށްފައިވާ ކަން ފާހަގަކުރެވޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"ދެވަނަ ފުރުސަތުގެ ދަށުން ޝަރުތުތަކަށް ނުފެތޭ ގިނަ އަދެއްގެ ކުށްވެރިން ރައީސް އޮފީސް ތެރެއިން ލިސްޓް ކަނޑައެޅިގެން ނެރޭ ކަހަލަ އިންތިޒާމްތަކަކަށް އޭރު މަސައްކަތް ކުރެވިފައި އޮތީ. އެހެންވީމަ އެބަ އިނގޭ ދެވަނަ ފުރުސަތު ހިނގާފައި އޮތީ ދެވަނަ ފުރުސަތުގެ ޝަރުތަކާ އެކު ނޫންކަން،" ޖަމީލް ވިދާޅުވިއެވެ.
ހޯމް މިނސްޓަރު ވިދާޅުވީ މިހާރު ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ މީހުންނާއި ކުރިއަށް އޮތްތާގައި ޖަލުން ދޫކުރެވޭ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރާނީ ޕެރޯލްބޯޑުގެ ދަށުން ކަމަށެވެ. އަދި މިއަންނަ ހަފްތާގެ ތެރޭގައި ޕެރޯލްބޯޑާއި މާފުދިނުމާއި އަދަބު ލުއިކުރުމުގެ ކްލެމެންސީ ބޯރޑް އުފައްދައި އެދެބޯޑްގެ ދަށުން އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނސްޓަރު މުހައްމަދު ފަޔާޒް ވިދާޅުވީ ޖަލުން ދޫކޮށްފައިވާ ކުށްވެރިން ހޯދުމުގެ މަސައްކަތް ޕެނިޓެންޝަރީން މިހާރު ކުރިއަށް ގެންދާ ކަމަށާއި ފިލައިގެން އުޅޭ ކުށްވެރިން ހޯދުމަށް ޕެނިޓެންޝަގައި ވަކި ޔުނިޓެއް ހަދައިގެން މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
"ފިލައިގެން އުޅޭ މީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންގެން ދަނީ ޕެނިޓެންޝަރީގައި. އަޅުގަނޑުމެން ޕެނިޓެންޝަރީގައި ކުށްވެރިން ހޯދުމުގެ މަސައްކަތްކުރާ ޔުނިޓެއް ވެސް މިހާރު ހަދައިފިން. ޕެނިޓެންޝަރީން މިހާރު ވެސް ފަސް ވަރަކަށް ކުށްވެރިން ހޯދައިފި،" ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒް ވިދާޅުވީ ކުށްވެރިން އެކޮމެޑޭޓް ކުރުމުގައި ޖަލުތަކުގެ ޖާގައިގެ މައްސަލައަކީ މީގެކުރިން ވެސް ދިމާވި މައްސަލައެއް ކަމަށާއި ހަމަ އެ މައްސަލަ މިއަދު ވެސް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ޖަލުގެ ހާލަތަށް ބަލާ އިރު ޖަލުގެ ކެޕޭސީޓީއަކީ ހާއެއްހާ ކުށްވެރިންބައިތިއްބާ ވަރުގެ އަދަދެއް ކަމަށާއި ޖަލުގައި ކެޕޭސީޓި އިތުރުކުރެވޭނެ މަގުފަހި ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފަޔާޒް ވިދާޅުވީ ޖަލުގައި ތިބޭ ކުށްވެރިންނަށް އާމްދަނީ ލިބޭނެ މަސައްކަތް ދަސްކޮށްދިނުމުގެ ގޮތްމަގުފަހިކޮށްދިނުމުގެ ގޮތުން އެޅިގާ އަޅާ ފެކްޓަރީއެއް ޖަލުގައި ހެދުމުގެ މަސައްކަތް ކުރައްވަން ގަސްތުކުރައްވާ ކަމަށެވެ.