ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ދުރާލާ ތާވަލުކުރެވުނު ގޮތަށް ކަމަށް އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

އެ ކޯޓުގައި މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ޝަރީއަށް ކޮވިޑުގެ ހާލަތާ ގުޅިގެން މަޑުޖައްސާލާފައި ވަނިކޮށް، ރައީސް ޔާމީނުގެ ޝަރީއަތް ކުރިއަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މިއަދުގެ އަޑުއެހުމުގައި ވެސް ސިއްހީ ސަބަބުތަކާ ހުރެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ދެ ވަކީލަކަށް ބައިވެރި ނުވެވޭ ކަމަށެވެ. މީގެ އިތުރުން، ހާޒިރުވެ ތިބި ވަކީލުންގެ ތެރެއިން ވެސް ދެ ވަކީލެއްގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ވ.ވެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމް ވެސް ސިއްހީ ސަބަބުތަކަށްޓަކައި ހާޒިރުވެފައި ނުވާކަން ޑރ.ޖަމީލް ފާހަގަކުރެއްވިއެވެ.

ގާޒީ ޝަކީލް ވިދާޅުވީ ކޮންމެ މައްސަލައެއް ވެސް ކުރިއަށް ގެންދާނެ ގޮތް ނިންމަވާނީ އެ މައްސަލަ ބައްލަވާ ގާޒީއެއް ކަމަށެވެ. އަދި ވަކި މައްސަލައެއް ކުރިއަށް ގެންދިއުން މަޑުޖައްސާލުމުގެ މަގުސަދުގައި ކޯޓުގެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ޝަރީއަށް ކުރިއަށް ގެންދެވެނީ އަވަސް އަރުވާލައިގެން ނޫން ކަމަށާއި އެކަމަކު އެއީ ދުރާލާ ތާވަލުކުރެވިގެން ކުރިއަށްދާ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާފު ނޫންކަމަށް ވިދާޅުވެފައެވެ. އަދި ސާފުނުވަނީ ކޮންކަމެއްތޯ ގާޒީ ސުވާލުކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ އެކަން ހާމަކުރެއްވުމުގެ ކުރިން ވަކީލުންނާ މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން މި މައްސަލައިގައި އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލުން ވަނީ ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެދިފައެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ޝަކީލް ވަނީ ލައިވް ކުރާނެ ވަސީލަތްތައް ކްރިމިނަލް ކޯޓުގައި ނެތުމުން އެކަން ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި، އެ ވަސީލަތްތައް ލިބުމާއެކު އަޑުއެހުންތައް ލައިވް ކުރާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މިހާރު މައްސަލަ ތާވަލު ކުރެވިފައިވާ ގޮތަށް ބަލާއިރު، ދައުވާއަށް ޖަވާބުދާރީ ވުމުގެ އަޑުއެހުން އޮންނާނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ. އަދި މައްސަލައިގައި ހުކުމް ކުރެވޭނީ އަންނަ ނޮވެންބަރު މަހުގެ 25ވަނަ ދުވަހުއެވެ. އެއީ ރައީސް ޔާމީން ދައުވާއަށް އިންކާރު ކުރައްވާނެ ކަމަށް ތައްޔާރުކުރެވިފައިވާ ތާވަލެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.