ރ. އަލިފުށީގެ ހަތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަލިފުށީ ސިއްހީ މަރުކަޒުން ބުނީ ރޯގައިގެ އަލާމާތްތައް ހުރެގެން ނެގި ސާމްޕަލްތަކުގެ ތެރެއިން ހަތް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން "ސަން"އަށް ވިދާޅުވީ އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން އަދި އެނގިފައިނުވާ ކަމަށެވެ. އަދި އެކަން ސިއްހީ މަރުކަޒުން ބަލަމުން އަންނަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އަލިފުށިން ކޮވިޑަށް ހަތް މީހަކު ޕޮޒިޓިވްވެފައިވާއިރު މިދިޔަ އާދީއްތަ ދުވަހު އެ ރަށުގައި ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ކުޅެފައެވެ.

އެ މެޗަށް މާލެއާއި އަތޮޅު ތެރެއިން ވެސް ގިނަ ބަޔަކު އެ ރަށަށް ޒިޔާރާތް ކުރިއެވެ. އަދި ވެލެންސިއާއާއި މާޒިޔާ ބައްދަލުކުރި މި މެޗަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަޑައިގެންނެވިއެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ހަލުވިކަމާއެކު އަންނަނީ ފެތުރެމުންނެވެ. އެ ގޮތުން އިއްޔެ ވެސް 2،813 މީހުން މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން 974 މީހުން ފައްސިވީ އަތޮޅުތެރެއިންނެވެ.