27 Jan 2022, 13:49
ދެހާސް ތިރީސް ވަނަ އަހަރު ބޭއްވުމަށް ހުށަހެޅިފައިވާ ވޯލްޑް އެކްސްޕޯ ސައުދީ އަރަބިއާގައި ބޭއްވުމަށް ރާއްޖެއިން ތާއީދުކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސައުދާ ފޯނުން ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ވޯލްޑް އެކްސްޕޯ ބޭއްވުމަށް ބިޑްކޮށްފައިވާ ފަސް ގައުމުގެ ތެރެއިން ރާއްޖެއިން ތާއީދު ކުރާނީ ސައުދީއަށް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުންނާއި، ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި، ކުރިމަގުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ދެ ގައުމުގެ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ.
އެކްސްޕޯ 2030 ބޭއްވުމަށް ސައުދީގެ އިތުރުން ރަޝިއާ، ޔޫކްރެއިން، ދެކުނު ކޮރެއާ އަދި އިޓަލީ އިން ވެސް ވަނީ ބިޑުކޮށްފައެވެ. ވޯލްޑް އެކްސްޕޯގެ އެންމެ ފަހުގެ އެޑިޝަން ބޭއްވީ މިދިޔަ އަހަރު ދުބާއީގައެވެ. އަދި 2025 ވަނަ އަހަރު ކުރިއަށް އޮތް އެޑިޝަން ޖަޕާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދެހާސް ތިރީސް ވަނަ އަހަރު އެ އެކްސްޕޯ ބާއްވާނެ ގައުމެއް ނިންމާނީ އެ ހަރަކާތް އިންތިޒާމުކުރާ ބިއުރޯ އިންޓަނޭޝަނަލް ޑެސް އެކްސްޕޮސިޝަންސްގެ މެންބަރު ގައުމުތަކުގެ މެދުގައި އަންނަ އަހަރު ނަގާ ވޯޓަކުންނެވެ.