މިމަހުގެ 10ގެ ނިޔަލަށް ކުރިއަށް ދިޔަ "ދަމާސް އިޔާ އެންޑް ސޭލް"ގެ ނަސީބުވެރިން ހޮވައިފިއެވެ.

ދަމާސްގެ ފަރުނީޗަރު ފިހާރައެއް ކަމަށްވާ "އިންޑެކްސް ފާނިޗާ"ގައި އިއްޔެ ކުރިއަށް ދިޔަ ގުރުނެގުމުގެ ރަސްމިއްޔާތުގައި ހަތަރު ވަނައެއް ހޮވައި، އެ ފަރާތްތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ.

ދަމާސް އިޔާ އެންޑް ސޭލްގެ ގުރުއަތު ނަގަނީ --- ސަންފޮޓޯ: މުހައްމަދު ހައްޔާން

ގުރުއަތުން އެއްވަނައަށް ހޮވިގެން 20،000ރުފިޔާގެ ފައިސާގެ އިނާމު ހާސިލްކުރީ އަހުމަދު އަލާނެވެ. އަދި ދެވަނައަށް ދޭ 15،000 ރުފިޔާގެ ހައްގުވެރިއަކަށްވީ އަލީ ފަސީލެވެ. ތިންވަނައަށް ހޮވިގެން 10،000 ރުފިޔާގެ ފައިސާގެ އިނާމު ހޯދީ އިބްރާހިމް ޖަވާދެވެ. އަދި 5،000 ރުފިޔާގެ ހަތަރުވަނަ އިނާމު ލިބުނީ ފުލް ފިލް އިންވެސްޓްމެންޓަށެވެ.

އެއްވަނައަށް ހޮވުނު އަލާން "ސަން"އަށް ބުނީ މިއީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށާއި، މި އިނާމު ލިބުމުން ވަރަށް އުފާވިކަމަށެވެ.

އެއްވަނައަށް ދިޔަ އަލާންއަށް އިނާމު ހަވާލުކުރަނީ --- ފޮޓޯ: ދަމާސް

"އެއްވެސް ވަރަކަށް އުންމީދުކޮށްގެންނެއް ނޫން ހުރީ ލިބޭނެ ކަމަށް އެހެންވީމަ އަދި ވަކި ކަމެއް ކުރާކަށް ވެސް ނުނިންމަން. ވިސްނަމުން މިދަނީ އެކަމާ،" އަލާން ބުންޏެވެ.

ދަމާސްގެ ފަރުނީޗަރު ފިހާރަތަކުގައި ކުރިއަށް ދިޔަ މި ޕްރޮމޯޝަނުގައި ވަނީ 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދީފައެވެ. އަދި 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ވައުޗަރެއް ވެސް ދީފައިވެއެވެ.

ދަމާސް އިޔާ އެންޑް ސޭލްއިން ހަތަރު މީހަކަށް ފައިސާގެ އިނާމު ދީފައިވޭ -- ފޮޓޯ/ ދަމާސް

މީގެ އިތުރުން ދަމާސްގެ އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރި ކުރި ފަރާތްތަކަށް ވެސް ވަނީ ޑިސްކައުންޓު ދީފައެވެ.