26 Jan 2022, 23:04
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ފަސްކުރުމުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަމަށް ފާޑުކިޔައިފިއެވެ.
އެ ޖަމިއްޔާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަހުލޫފުގެ ޝަރީއަތް ދެން ކުރިއަށް ދާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށް ކުރިމިނަލް ކޯޓުން މިއަދު އިއުލާނުކުރުމުން ދޭހަވާ ކަމަކީ އެ ކޯޓުން އަމަލުކުރާ އުސޫލުތަކުގެ ދެފުށްނުފެންނަކަން ކަމަށެވެ.
ގާނޫނުލް އުގޫބާތުގައި ބޮޑު ކުށެއްކަމުގައި ކަނޑައެޅިފައިވާ މައްސަލައެއްގައި އެހެންވުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.
ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ އުސޫލެއް 2020ވަނަ އަހަރު ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާކަން ވެސް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.
މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާއިރުވެސް ރައީސް އޮފީހުން އޭނައާ މެދު ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ގުޅިގެން ވެސް އެ ޖަމްމިއްޔާއިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އެ ޖަމްއިއްޔާއިން ކުރި ޓްވީޓުގައި ވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ ބޭފުޅުންނަށް ފިޔަވަޅު އަޅާނީ ދައުވާ ކުރުމަށް ފޮނުވުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ މޭރުމުން ވާހަކަދައްކަވާފައިވާ ކަން ވެސް ޓްރާންސްޕޭރަންސީން ފާހަގަކުރެއެވެ.
ޓްރާންސްޕޭރަންސީން ބުނީ "ލިޔެވިފައި ނުވާ" އުސޫލުތަކެއްގެ ދަށުން ކޮރަޕްޓް މީހުންނަށް ބާރުވެރި މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން އެމީހުންގެ މައްސަލަތަކުގައި ހުރި ހެކި ފޮރުވުމަށާއި އަދި ކޮރަޕްޝަންގެ އިތުރު އަމަލުތައް ހިންގުމަށް މަގުފަހިވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މަހްލޫފާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޖޫން މަހު، އޭނާ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.
އެއަށްފަހު، މަހްލޫފްގެ ސަސްޕެންޝަން އުވައިލީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީއެވެ.
މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ. ނަމަވެސް ދައުވާ އުފުލުމުން ވެސް އޭނައާ މެދު ފިޔަވަޅު އަޅަން ސަރުކާރުން އުޅޭތަނެއް ނުފެނެއެވެ.
މަހުލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ޢަބްދުލްޣަފޫރު ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.
މަހްލޫފްގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.