ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް އަވަހަށް ބާއްވަން އުޅެނީ ރޯދަމަހުގެ ކުރިން އެމަނިކުފާނު ޖަލަށްލުމަށް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފައިވާއިރު، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް ކޮވިޑްގެ ހާލަތު ގޯސް ވުމުގެ ސަބަބުން ފަސްކޮށްފައިވާތީ އަދުރޭ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދުރޭ "ސަން"އަށް މިރޭ ވިދާޅުވީ މި ސަރުކާރަކީ ހަމަހަމަ ކަމާއެކު އިންސާފު ގާއިމްކޮށްދޭން ވައުދުވެގެން ވެރިކަމަށްއައި ސަރުކާރެއް ކަމަށެވެ. ނަމަވެސް މި މިއަދު މަންޒަރުތައް ފެންނަ ގޮތުން މި ސަރުކާރަށް އިންސާފު ގާއިމްކޮށްދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި އުޅެނީކީ އިންސާފު ގާއިމްކޮށްދޭކަށް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން މި ސަރުކާރަށް އަދުލުއިންސާފު ގާއިމްކޮށްދެވިދާނެކަމަކަށް،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ރައީސް ޔާމީން ޖަލަށް ލުމަށްކަން ނޭނގޭނެ މީހަކު މިހާރު ނުހުންނާނެ ކަމަށެވެ.

"މިހާރު ޕޯޑިއަމްތަކުގައި ސަރުކާރުގެ އިސްވެރިން އެދަނީ ރައީސް ޔާމީން ޖަލަށް ލައްވާނެކަމަށް ވިދާޅުވަމުން. ސަރުކާރުން ބޭނުންވާނެ ގޮތް ހާމަކުރަނީ އެ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން އިންޑިއާ އައުޓް ހަރަކާތް ހަލުވި ކުރައްވައި އަތޮޅު ތެރޭގައި ވެސް އެ ކެމްޕޭން ފުޅާ ކުރުމަކީ މިއަދު ސަރުކާރަށް ވަރަށް އުނދަގޫ ވެފައިވާކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޝަރީއަތުގެ އަޑުއެހުންތައް ބާއްވައިގެން ރައީސް ޔާމީނަށް ބިރުދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެމަނިކުފާނު އެ ހަރަކަތްތައް ހުއްޓައިނުލައްވާނެ ކަމަށެވެ.

ރައީސް ޔާމީނަކީ ސަރުކާރުން ދައްކާހާ ބިރަކަށް ކުޑަ ކަކޫ ޖައްސަވާނެ ބޭފުޅެއް ނޫންކަމަށާއި، ރައްޔިތުންނާއި ގައުމަށްޓަކައި އެމަނިކުފާނު ހުންނެވީ މާދަމާ ޖަލަށް ލިޔަސް ޖަލުގައި އޮންނަވަން ތައްޔާރަށް ކަމަށެވެ.

"ސަރުކާރު ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާނެކަން އެންމެންނަށް ވެސް އެނގޭނެ. ރައީސް ޔާމީން މީގެ ކުރިންވެސް ރައްޔިތުންނާއި ގައުމަށްޓަކައި ދެ އަހަރު އެ އޮނެވީ ސަރުކާރުން ދިން އެއްވެސް އޮފާއެއް ބޭނުން ނުކުރައްވާ،" އަދުރޭ ވިދާޅުވިއެވެ.

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ 9:30 ކްރިމިނަލް ކޯޓުން ވަަނީ ތާވަލްކޮށްފައެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލް ކުރި ނަމަވެސް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތްތައް ދެން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބުނެފައެވެ.

ރިޝްވަތުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.