ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7،343 ސާމްޕަލްގެ ތެރެއިން 2,813 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތެރޭގައި މާލެ އިން މިއަދު އަލަށް ޕޮޒިޓިވްވީ 1,273 މީހުންނެވެ.

އޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 974 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން 114 މީހަކު ޕޮޒިޓިވްއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 125,590އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 108،632 މީހުންނެވެ.

ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން މިވަގުތު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 57އެވެ. މި ބަލީގައި މިހާތަނަށް ދުނިޔެ ދޫކޮށްފައިވަނީ 272 މީހުންނެވެ.

އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން ކަމަށެވެ.

އަފްޒަލް ވިދާޅުވީ މިހާލަތުގައި އެންމެ މުހިއްމު އެއްކަމަކީ އެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް ފަރުދީ ޒިންމާ އަދާ ކުރުމުގެ އިތުރަށް އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން ކަމަށެވެ.