ރިވާ ޕްލޭޓަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑު ޖޫލިއަން އަލްވަރޭޒް އިނގިރޭސި ޕްރިމިއާ ލީގުގެެ ގަދަ އެއް ބާރު ކަމުގައިވާ މެންޗެސްޓާ ސިޓީއަށް ބަދަލުވާނެކަން ޔަގީންވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލްވަރޭޒަކީ ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކަކުން ފާރަލަމުން އައި ކުޅުންތެރިޔެކެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާއާއި، ސިޓީއާ އެންމެ ވާދަވެރި ކުލަބު ކަމުގައިވާ މެންޗެސްޓާ ޔުނައިޓެޑުވެސް ހިމެނެއެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ނޫސްވެރިއެއް ކަމަށްވާ ފެބްރިޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި އޭނާ ސިޓީއަށް ބަދަލުވަނީ 18.5 މިލިއަން ޔޫރޯއަށެވެ. މި ހަފްތާގެ ތެރޭގައި އޭނާ ސިޓީއަށް ބަދަލުވުމުގެ އެއްބަސްވުމުގެ ކަންކަން ކުރިއަށް ގެންދާއިރު، އޭނާ ސިޓިއަށް ސޮއިކުރާނީ 2027 ވަނަ އަހަރުގެ ޖޫން މަހާ ހަަމައަށް އެ ޓީމުގައި މަޑުކުރާ ގޮތަށްކަމަށް ރޯމާނިއޯ ވަނީ ބުނެފައެވެ.

ރޮމާނޯ ބުނެފައިވާ ގޮތުގައި އަލްވަރޭޒް މި ޖެނުވަރީ ޓްރާންސްފާގައި ސިޓީއަށް ސޮއިކުރި ނަމަވެސް، މި ސީޒަން ނިމެންދެން ލޯނު އުސޫލުން އޭނާ ރިވާ ޕްލޭޓަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ.

ސިޓީން ގަބޫލުކުރާ ގޮތުގައި އޭނާއަކީ އެޓީމުުގައި ކުރިމަގުގައި ވިދާލާނެ ކުޅުންތެރިއެއްކަމަށްވެސް ރޮމާނޯ ވަނީ ބުނެފައެވެ. އަދި މިއީ ދާދި ފަހުން ސިޓީ ދޫކޮށްލި އެޓީމަށް ތާރިހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ސާޖިއޯ އަގުއެރޯގެ ނެތްތަން ފޫބެއްދުމަށް ގެންނަ ކުޅުންތެރިއެއްކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަލްވަރޭޒް ވަނީ ރިވާ ޕްލޭޓަށް ކުޅެދިން 96 މެޗުގައި 36 ގޯލު ޖަހައި 25 އެސިސްޓް ހަދައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު މިދިޔަ ސީޒަނުގައި އާޖެންޓީނާ ޕްރިމިއާ ލީގުގެ ޓްރޮފީ އުފުލައިލާފައެވެ.

ސިޓީގެ ފޯވާޑް ލައިން ވަރުގަދަ ކުރުމަށް ކުރަމުން މަސައްކަތުގެ ތެރެއިން ގިނަ ފޯވާޑުންތަކެއް ހޯދުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. ސްކައި ސްޕޯޓްއިން ހާލަންޑުގެ އެޖެންޓް މިނޯ ރައިއޯލާ އާއި ހަވާލާދީ ބުނެފައިވަނީ އާލިން ހާލަންޑު ޕްރިމިއާ ލީގުގައި ފެނިއްޖެނަމަ ފެނުން އެންމެ ގާތީ މެންޗެސްޓާ ސިޓީއިން ކަމަށެވެ.