26 Jan 2022, 21:02
ދަށު ކޯޓުތަކަށް ހުށަހަޅައިފައިވާ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ލަސްވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި މައްސަލަ ބަލަންފަށައިފައިވަނީ ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ލަސްވާކަމަށް ބުނެ ރައްޔިތުން ޝަކުވާ ކުރަމުންދާތީކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ކްރިމިނަލް ކޯޓުގައި ޖިނާއީ މައްސަލަތައް ތާވަލްކޮށް އެ މައްސަލަތައް ކުރިއަށް ގެންދާ ގޮތާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށެވެ.
ގާނޫނު އަސާސީގައި ޖިނާއީ މައްސަލަތައް ކުރިއަށް ގެންދަންޖެހޭ މުއްދަތު ކަނޑައަޅަފައި ވީނަމަވެސް ބައެއް ދަށު ކޯޓުތަކުގައި އެފަދަ މައްސަލަތައް ނިންމުމަށް އަހަރު ދުވަސް ވެސް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.
ޖުޑިޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މުސާ ސިރާޖު "ސަން"އަށް މިރޭ ވިދާޅުވީ ޖިނާއީ މައްސަލަތައް ނިންމުން ލަސްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަން ރަނގަޅުކުރަން ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް ކޯޓުތަކުން މައްސަލަތައް އަވަސްކުރަން ނޫޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވެ އަޅުގަނޑުމެން ކަމާބެހޭ މުއައްސަސާތައް ހާޒިރުކުރަން މި އުޅެނީ ކޮމިޓީއަށް. މަޖިލިސް ފެށުނުހާ އަވަހަށް މި މަސައްކަތް ކުރިއަށްދާނެ،" ސިރާޖު ވިދާޅުވިއެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހެންވޭރުވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެ މައްސަލަ ބެލުމަށް ފުލުހުންނާއި ޕޮލިސް ބޯޑާއި ޕްރޮސެކިއުޓާ ޖެނަރަލް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ބޭފުޅުން ހާޒިރު ކުރުމަށް ހުށަހަޅާފައެވެ.
މި ހުށަހެޅުން ކޮމެޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މައްސަސާތައް ކޮމެޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްވެފައެވެ.