26 Jan 2022, 18:16
އަންނަ ފެބުރުވަރީ މަހުގެ ހަ ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފެށުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތާވަލު ކޮށްފިއެވެ.
ފެބްރުއަރީ ހަވަނަ ދުވަހުގެ ހަވީރު ލީގު ފެށުމަށް ހަމަޖެހިފައިވަނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗުންނެވެ. އެ ރޭ ކުޅޭނީ ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ކްލަބު ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ.
ހަތް ވަނަ ދުވަހުގެ ހަވީރު އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އާ ދެކޮޅަށެވެ. ފުރަތަމަ ބުރުގައި އެރޭ އޮންނަ މެޗުގައި ކުލަބް އީގަލްސްއިން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މިފަހަރުގެ ސީޒަން ޗެރިޓީ ޝީލްޑާއެކު ފަށައި، ފުރަތަމަ ކުރިއަށް ގެންދިޔަ މުބާރާތަކީ ޕްރެސިޑެންޓްސް ކަޕެވެ. ފުރަތަމަ ޑިވިޝަންގެ އަށް ޓީމަކުން ޕްރެސިޑެންޓްސް ކަޕްގައި ވާދަކޮށްފައިވާ އިރު، އެ މުބާރާތުގައި ފުރަތަމަ ކުޅުނީ ލީގު ބުރެކެވެ. ލީގު ބުރު ނިންމާލި އިރު އެއްވަނަ އަދި ދެވަނައިގައި އޮތް ޓީމު ފައިނަލަށް ދާ ގޮތަށް މުބާރާތް ކުޅެފައިވާއިރު، މުބާރާތުގެ ފައިނަލް މިދިޔަ އާދީއްތަ ދުވަހު އޮތީ ރ. އަލިފުށީގައެވެ.
ފައިނަލުގައި އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާގެ ބަލިކޮށް ވެލެންސިއާއިން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ. ވެލެންސިއާއިން ވަނީ މިދިޔަ އަހަރުގެ ލީގުގެ ދެވަނަ ހޯދާފައެވެ. މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވަނީ ލީގު އެކަނި ކަމަށް ވާއިރު، ލީގުގެ ދެވަނަ މަގާމާއެކު ވެލެންސިއާއަށް ވަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަނުން ފުރުސަތު ލިބިފައެވެ. ލީގު ޗެމްޕިއަން މާޒިޔާއިން ވާދަކުރާނީ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައެވެ.
މިފަހަރުގެ ލީގަކީ މިހާރު އޮތް ފޯމެޓަށް ކުޅޭނެ ފަހު ލީގެވެ. އަންނަ ސީޒަނުން ފެށިގެން ލީގު ފޯމެޓު އެއްކޮށް ބަދަލުކޮށް، ޑިވިޝަންތަކަށް ވާދަކުރުމަށް މިހާރުވެސް ވަނީ ކްލަބުތަކަށް ފުރުސަތު ހުޅުވާލައިފައެވެ. 2023-24 ވަނަ އަހަރުގެ ސީޒަންގައި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެފްއޭއެމްއިން ނިންމާފައިވާ އިރު، ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އަތޮޅެވެ. ޒޯން ދޭއްގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅެވެ. ޒޯން ހަތަރެއްގައި ހިމެނެނީ މާލެ، ހުޅުމާލެ، ވިލިމާލެއެވެ.