11 Mar 2012, 13:29
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން އެމްޑީޕީން ދެކޮޅު ހަދަމުންދާ މައްސަލާގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި "ސިއްރު" އެއްބަސްވުންތަކެއްވެ، މަޖިލީހުގެ ޖަލްސާތައް ފަށަން ތައްޔާރުވެއްޖެ އެވެ. ސަން އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި މަޖިލިސް ހުޅުވައި އަލުން ޖަލްސާތައް ފެށުމަށް ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ ސިއްރު އެއްބަސްވުންތަކެއް ވެފަ އެވެ. އަދި ޖަލްސާތައް ފެށުމަށްޓަކައި ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ވާހަކަތައް މީޑިއާއަށް ސިއްރު ކުރުމަށް ވެސް ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ.
އޭގެ ސަބަބަކީ މަޝްވަރާތަކުގައި އެއްބަސްވެވުނު ވާހަކަތައް ހާމަކޮށްފިނަމަ މަޖިލިސް ހުޅުވަން ހުރި ދޮރުތައް ބަންދުވެދާނެތީ ކަމަށް ބުނެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުން ވަރަށް އަވަހަށް މަޖިލިސް ހުޅުވައި ޖަލްސާ ބޭވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި މަޝްވަރާތަކުގައި ދެކެވެމުންދާ ވަހަކަތައް ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޝްވަރާތަކުގައި އަވަސް އިންތިހާބަކަށް އެއްވެސް ފަރާތަކުން އެއްބަސްވެފައިވެފައިވޭތޯ ދެންނެވުމުން އިބޫ ވިދާޅުވީ އެކަމުގައި ވެސް ވަކިއެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ވާހަކައެއް ދައްކައިފިނަމަ "ނިންމަން ހުރި ކަންތައްތަކަށް ބުރޫ އަރާނެ" ކަމަށް ވިދާޅުވި އެވެ.
"... އޭގެ ސަބަބުން ބައެއް ފަހަރު އެބަ ގެއްލުންވޭ ކުރިއަށް ނިންމަން ހުރި ކަންތައްތަކަށް. އެހެންވީމަ އެއްވެސް ހަބަރެއް، ތަފްސީލުކޮށް އެއްވެސް ވާހަކައެއް މީޑިއާއަށް ހާމަނުކުރުމަށް އަޅުގަނޑުމެން މިތިބީ،" އަވަސް އިންތިހާބަކަށް އެއްބަސްވެގެން ނޫނީ މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ޑިމާންޑުކުރަމުންދާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ވެސް މިހާރު މަސައްކަތް ކުރަމުންދަނީ ވީއެންމެ އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާށެވެ. އަދި މަޖިލީހުގެ ރައީސްގެ އަރިހުގައި އެވާހަކަ ދަންނަވާފައިވާނެ ކަމަށެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ މައުސޫމް ވިދާޅުވީ މިހާރު އެންމެން ވެސް ކެތް މަދުވެފައި ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ދުވަހެއް އިއުލާން ކުރައްވާނެ ވަގުތަކަށް ކަމަށާއި ކުރިއަށްދާ މަޝްވަރާތައް ކޮޅެއްގައި ނުޖެހެނީސް އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުގައި ޕީޕީއެމް ބައިވެރި އެއް ނުކުރެ އެވެ. އެއީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޕީޕީއެމްއަކީ މަޖިލީހުގައި ތަމްސީލު ކުރެވޭނެ ޕާޓީއަކަށް ނުވާތީ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ މަޖިލިސް ފެށުމަށްޓަކައި ކުރިއަށް ގެންދާ މަޝްވަރާތަކުގައި ޕީޕީއެމް ބައިވެރި ނުކުރި ކަމުގައިވިޔަސް ވީއެންމެ އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މިއަދު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
"މިއަދު [ސިޓީއަކުން] މި ހުށަހަޅަނީ މަޖިލިސް އަވަހަށް ހުޅުވައިދިނުމަށާ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވެން ވާނެ ކަމަށް. އެހެންނޫނިއްޔާ ރައްޔިތުންނަށް ބޭނުންވާ އެތައް ބައިވަރު ކަންތައްތަކެއް ނުހިނގާ މަޑުޖެހިފައި މިވަނީ. މަޖިލިސް ހުޅުވުމަށް ބާރުއަޅައި އަޅުގަނޑުމެން ސިޓީއެއް މިއަދު މަޖިލީހުގެ ރައީސްގެ މޭޒަށް ފޮނުވައިފިން،" ޔާމީން ވިދާޅުވި އެވެ.
މިއަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާ މާޗް އެއްވަނަ ދުވަހު ބާއްވައި އެދުވަހު ރައީސުލް ޖުމްހޫރިއްޔާ އެމަނިކުފާނުގެ ރިޔާސީ ބަޔާން މަޖިލީހަށް ހުށަހަޅުއްވަން ވަޑައިގަތުމުން މަޖިލިސް ހުޅުވުމުގެ ފުރުސަތު ނުދެއްވައި އެމްޑީޕީގެ މެންބަރު ވަނީ މަޖިލިސް "ގަޑުބަޑު" ކޮށްލާފަ އެވެ. އަދި އެދުވަހު އެމްޑީޕީން ވަނީ މަޖލިސް ހިމެނޭ ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފައެވެ. މާޗް އެކެއް ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފެނުނު "ހުތުރު" ދުވަހަކަށެވެ.