ދެހާސް ސަތާރަ ވަނަ އަހަރު ކްލަބް ވެލެންސިއާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު މުޖުތަބާ (ފެސްކޯ) ހަތަރު އަހަރަށްފަހު އަނެއްކާވެސް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ކުލަބް ވެލެންސިއާއިން އެ ޓީމުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓަކުންނެވެ.

ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕްގެ ޗްމްޕިއަންކަންވެސް ހޯދާފައިވާ ވެލެންސިއާއިން އެ މުބާރާތުގައި ކުޅުނީ ހެޑް ކޯޗެއް ނެތިއެވެ. ޕްރީ ސީޒަންގެ ތެރެއިން މުހައްމަދު އާތިފް (އާތީ) އެ ޓީމުގެ ކޯޗުކަން ދޫކޮށްލުމާއެކު، ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕަށް ނުކުތީ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) އާއެކުއެވެ.

ވެލެންސިއާއަށް ބަދަލުވުމާ ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަމުން ފެސްކޯ ބުނީ އެ ޓީމާ ހަވާލުވީ ރަނގަޅު ފުރުސަތެއް ލިބުމުން ދޫކޮށްނުލައި އޭގެ ބޭނުން ކުރުމުގެ ގޮތުންނާއި، މި ވަގުތު ވެލެންސިއާއަށް ކޯޗެއް މުހިންމުވެފައިވާތީއާ ވެސް އެކުގައިކަމަށެވެ.

އިތުރަށް އޭނާ ބުނީ މި ވަގުތު ވެލެންސިއާ އޮތީ ރަނގަޅު ފޯމެއްގައިކަމަށާއި، އެ ފޯމް މެއިންޓެއިންކޮށްގެން ހޯދެން ހުރި ހުރިހާ ކާމިޔާބެއް ހޯދުމަކީ އޭނޭގެ އަމާޒެއްކަމުގައެވެ.

ވެލެންސިއާ އިން މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާއިރު، ފެސްކޯގެ އިރުޝާދުގެ ދަށުން ވެލެންސިއާ އިން ފުރަތަމަ ނުކުންނާނީ ފެބުރުވަރީ ހަ ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ދިވެހި ޕްރިމިއާ ލީގަށެވެ.

ކޯޗިން ކެއެރިއަރުގައި ފެސްކޯ އެންމެ ފުރަތަމަ 1999 އަދި 2000 ވަނަ އަހަރު ހުރީ ވެލެންސިއާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އެއަށްފަހު 2001ވަނަ އަހަރު ވަނީ އެ ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެ، އެ އަަހަރުގެ ޕޮމިސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދި ބައިނަލްއަޤްވާމީ މުބާރާތެއް ކާމިޔާބުކުރި ދިވެހި އެންމެ ޒުވާން ކޯޗުގެ ޝަރަފް ހޯދާފައެވެ.

އެއަށްފަހު، 2003 ވަނަ އަހަރުގެ ޕޮމިސް ކަޕުގެ ފައިނަލުން އިންޑިއާގެ މަހިންދުރަ ޔުނައިޓެޑް އަތުން ބަލިވި ހިސާބުން ފެސްކޯ ވަނީ ވެލެންސިއާގެ ކޯޗު ކަމުން ވަކިވެފައެވެ. ދެން ފެސްކޯ ވެލެންސިއާ ކޯޗެއްގެ ގޮތުގައި ފެނުނީ 13 އަހަރަށްފަހު 2017 ވަނަ އަހަރު އެވެ. އެ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެލެންސިއާ ގޮވައިގެން ވާދަކޮށް އެ ސީޒަނުގައި ޖުމްލަކޮށް ވެލެންސިއާއަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ.

އެންމެ ފަހުން ފެސްކޯ ފުރަތަމަ ޑިވިޝަނުން ފެނުނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގައި ފ.ނިލަންދޫ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗެއްގެ ގޮތުގަ އެވެ. ފެސްކޯއަކީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓަކަށް ވެސް މަސައްކަތްކޮށްފައިވާ ކާމިޔާބު ކޯޗެކެވެ.