26 Jan 2022, 16:33
ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އިންޑިއާގެ އިގުތިސާދު ބަލިކަށިވި ނަމަވެސް މިހާރު އެގައުމުގެ އިގުތިސާދު އަނެއްކާވެސް ކުރިއަރަން ފަށާފައިވާ ކަމަށް އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ 73 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ކޯވިންދު މިއަދު ދެއްވި ތަގުރީރުގައި ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ގައުމުގެ ލީޑަރުންނާއި މަރުކަޒީ އަދި ސްޓޭޓް ފެންވަރުގެ ވެރިން ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
"މިދިޔަ އަހަރު އިންޑިއާގެ އިގުތިސާދު ހީނަރުވުމަށް ފަހު މި އަހަރު އިގުތިސާދު ހަލުވި ދުވެލީގައި ކުރިއަރައިގެން ދާނެ ކަމަށް އަންދާޒާކޮށްފައި ވުމަކީ، މިފަދަ ދަތި ހާލަތަކާ އިންޑިއާއިން ކުރިމަތިލި ރޫހު ދައްކުވައިދޭ ކަމެއް،" ކޯވިންދު ވިދާޅުވިއެވެ.
ކޯވިންދު އިތުރަށް ވިދާޅުވީ އެކަމުން ދައްކުވައިދެނީ މިދިޔަ އަހަރު ސަރުކާރުން އިފްތިތާހުކުރި "ސެލްފް ރިލަޔަންޓް އިންޑިއާ" ކެމްޕެއިނުގެ ކާމިޔާބީ ކަމަށެވެ. އެއީ އިންޑިއާއަކީ އެހެން ގައުމުތަކަށް ބަރޯސާނުވެ، އަމިއްލައަށް ފުދިގެން ހިންގާ ގައުމަކަށް ހަދަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެކިލައްވާ ތަސައްވުރުގެ ދަށުން ފަށާފައިވާ ހަރަކާތެކެވެ.
ކޯވިންދު ވިދާޅުވީ އިންޑިއާގެ އިގުތިސާދަށް އިސްލާހީ ބަދަލުތައް ގެނައުމަށާއި ތަފާތު ދާއިރާތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް އެގައުމުގެ ސަރުކާރުން އިސްކަންދީފައިވާ ކަމަށެވެ. އަދި މިހާރު އެގައުމުގެ އިގުތިސާދީ ކުރިއަރައިގެން ދިޔުމަށް މަގުފަހިވެފައި ވަނީ ދަނޑުވެރިކަމާއި އުފެއްދުންތެރިކަމަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، އިންޑިއާގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށާއި އިގުތިސާދީ ދުވެލި އަވަސްކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުހިންމު ރޯލެއް އަދާކޮށްފައިވާ ކަމަށް ކޯވިންދު ވިދާޅުވިއެވެ. އަދި އެގައުމުގެ ޒުވާނުން "ސްޓާޓްއަޕް އިކޯސިސްޓަމް"ގެ ބޭނުން ހިފައި، އެ ދާއިރާއިން ފާހަގަކޮށްލެވޭ އަމާޒުތަކަށް ވާސިލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް ފުރަތަމަ ފެތުރުނު އިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަމަށާއި އިންޑިއާގެ އާބާދީ ބޮޑުކަމުންނާއި އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތުމުން ގޮންޖެހުންތައް އިތުރުވި ކަމަށް ކޯވިންދު ވިދާޅުވިއެވެ. ނަމަވެސް އެ ގޮންޖެހުންތަކާ އިންޑިއާއިން ކެރިގެން ކުރިމަތިލި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަ އަހަރުވެސް އަޅުގަނޑުމެން ސިއްހީ އިންފްރާސްޓްރަކްޗާ އިތުރުކޮށް، އެހެން ގައުމުތަކަށްވެސް އެހީ ފޯރުކޮށްދިނިން. ދެވަނަ އަހަރު ފެށުނު އިރު އަޅުގަނޑުމެން އަމިއްލަ ވެކްސިނެއް އުފައްދައި، ދުނިޔޭގެ ތާރީހުގައިވެސް ފެށި އެންމެ ބިޔަ ވެކްސިނޭޝަން ހަރަކާތް އިފްތިތާހުކުރިން،" ކޯވިންދު ވިދާޅުވިއެވެ.
އިންޑިއާއިން ކޮވިޑާ ދެކޮޅަށް ކޮށްފައިވާ މަސައްކަތްތަކާ މެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެ، ކޯވިންދު ވަނީ އެގައުމުގެ ހުރިހާ ރައްޔިތުންވެސް ސައިންސުވެރިންނާއި ކަމާ ބެހޭ މާހިރުންގެ ބަސް އަހާ ކަމަށް ވިދާޅުވެފައެވެ. އަދި އަމިއްލަ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކުގައިވެސް ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން ސިއްހީ ހިދުމަތްތެރިން ކޮށްފައިވާ މަސައްކަތްތަކަށް އޭނާ ތައުރީފުކުރެއްވިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހެވެ. ޖުމްހޫރީ ދުވަސް އިންޑިއާއިން ފާހަގަކުރަނީ 1950 ވަނަ އަހަރު އެ ގައުމުގެ ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުގެ މުނާސަބަތުގަވެ.