11 Mar 2012, 12:58
ޒުވާނުންގެ މެދުގައި އަހުލާގީ ސިފަތައް އަށަގެންނެވުމަށް ރާއްޖޭގެ ފަސް އަތޮޅެއްގައި ޕްރޮގްރާމްތަކެއް ހިންގަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިނިސްޓްރީގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ބައިގެ މުސްރިފް މުސާއިދު މޫސާ އަންވަރު މިއަދު ވިދާޅުވީ މިއަހަރު ފަށާ އެ ޕްރޮގްރާމްތައް ހިންގަން ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުއްޓާއި މ. މުއްޔާއި ގއ. ވިލިނގިއްޔާއި އަދި ފުވައްމުލަކުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮގްރާމްތަކުގެ ތެރޭގައި ޒުވާނުންގެ ތެރޭގައި މިހާރު އާއްމުވެފައިވާ ގޯސް އާދަތަކާ ގުޅުވައިގެން ވޯކްޝޮޕްތަކަކާއި ހޭލުންތެރި ކަމުގެ އެކި ޕްރޮގްރާމްތައް ހިންގަން ރާވާފައިވާ ކަމަށެވެ.
"މިހާރު ޒުވާނުންގެ ތެރޭގައި އާއްމުވެފައިވާ ޑްރަގާއި ޗައިލް އެބިއުސް އާއި ބެހޭގޮތުންނާއި ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި ހަރުދަނާ އާއިލާއެއް ބިނާ ކުރުމަށް ދުނިޔެވީ ގޮތުންނާއި ދީނީ ގޮތުން ހޭލުންތެރި ކަމުގެ ޕްރޮގްރާމް ތަކެއް ހިންގުމަށް ރޭވިފައިވޭ،" އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ އަހުލާގީ ޕްރޮގްރާމްތަކުގެ ތެރެއިން ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ވެސް ހިންގާނެ ކަމަށާއި އެގޮތުން ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިގައި އަހުލާގީ ސިފަތަކެއް އަށަގެންނެވުމުގެ ބޭނުމުގައި އެސެމްބްލީ ތަކުގައި ދަރުސް އިއްވުމުގެ އިތުރުން ދީނީ ކުއިޒް ފަދަ ޕްރޮގްރާމް ތަކެއް ހިންގާން ނިންމާފައިވާ ކަމަށެވެ. އަދި ނަމާދު ކުރުމަށް ބާރު އެޅުމުގެ ގޮތުން މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ނެރުއްވާފައިވާ ނަމާދު ތާވަލެއް ބަހަން ވެސް ވަނީ ހަމަޖައްސާފައެވެ.
އަހުލާގު މާއްދާއަކީ 1980 އިގެ އަހަރުތަކުގެ ތެރޭގައި ދަރިވަރުން ކިޔެވި މާއްދާއެއްކެވެ.