ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ބޮމެއް ގޮއްވާލި މައްސަލައިގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ޏ. ފުވައްމުލަށް މުހަންމަދު އަމީންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

ރޭ އޭނާގެ މުއްދަތު އިތުރުކޮށް ދިނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ވެސް މުއްދަތު ޖަހަން ހާޒިރުކުރުމުން ކޯޓުން ދޫކޮށްލުމުން ދެވަނަ ފަހަރަށް ހައްޔަރު ކޮށް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ކްރިމިނަލް ކޯޓުން ހޮނިހިރު ދުވަހުގެ ރޭ އަމީން ދޫކޮށްލި އިރު ބުނީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުމަށް ކުރިން އެ ކޯޓުން ނެރެފައިވާ އަމުރު ފުލުހުންނަށް ހުށަހެޅިފައި ނުވުމުން އޭނާ ބަންދުގައި ބަހައްޓާނެ ގާނޫނީ އަސާސެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް އެރޭ މެންދަމު އޭނާ ހައްޔަރުކޮށްފައި ވަނީ ހަމަ އެރޭ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ނެރެ ދީގެނެވެ.

ފުލުހުން ދެވަނަ ފަހަރަށް އަމީން ހައްޔަރުކޮށް ރޭ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަސް ޖަހައިދީފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އަމީން ހައްޔަރު ކުރަން ނެރެދިން އަމުރުގައި ބުނަނީ ބޮންގޮއްވާލަން ބޭނުންކުރި ފޯނުގައި ހިމެނޭ ސިމްކާޑަކީ އަމީން މަސައްކަތްކުރި ސްމާޓް މޯބައިލް ފިހާރައިން ވިއްކާފައިވާ ސިމެއް ކަމަށާއި ސިމް ރަޖިސްޓްރީކޮށްފައިވަނީ ވެސް އަމީންގެ ނަމުގައި ކަމަށެވެ. އެ އަމުރުގައި އަދި ވަނީ މާލެއިން އަމީން ކުއްޔަށް ހިފާފައިހުރި އެޕާޓްމަންޓަކުން ބޮންގޮއްވަން ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ.

ސަލްޓަންޕާކުގައި ބޮންގޮއްވި މައްސަލައިގައި 12 ޓޫރިސްޓަކު ވަނީ ޒަހަމްވި އެވެ. އެ މައްސަލައިގައި 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ. އެމީހުން ހޯދުމަށް ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.

ސަލްޓަން ޕާކްގައި ބޮންގޮއްވި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 15 އަހަރަށް ޖަލަށް ލާފައިވާ ތިން މީހުންގެ ތެރެއިން ގއ. ކަނޑުހުޅުދޫ ސާދުނާ މަންޒިލް އަހުމަދު ނަސީރާއި ވ. ލަންދޫގެއާގޭ މުހައްމަދު ސޮބާހުގެ ހުކުމުގެ ބާކީބައި ތިން އަހަރަށް ފަސްކޮށް ޖުލައި 25، 2010 ގައި އެ ދެ މީހުން ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނިމުގެ ގާނޫނުގެ ދަށުން ދޫކޮށްލާފަ އެވެ.

އެ ދެ މީހުން ދޫކޮށްލި އިރު، އެ ހަމާލާ ދިނުމުގައި އިސްކޮށް އުޅުނު ލ. ކަޅައިދޫ ފިނިހިޔާގޭ މޫސާ އިނާޒު އަދި ވެސް ހުރީ ޖަލުގައެވެ. އޭނާ ވަނީ އެތަކެއް ފަހަރު ޖަލުން ފިލައި އަދި ފިލަން މަސައްކަތް ކޮށްފަ އެވެ. ފިލުމުގެ ކުށުގައި އޭނައަށް ވަނީ އިތުރު އަދަބުތައް ވެސް ދީފަ އެވެ.