26 Jan 2022, 10:06
ނޯޓު: މިއީ ކަޒަކިސްތާނާއި ސްވިޑެން އާއި ލެޓްވިއާގައި އިންޑިއާގެ ސަފީރުކަން ކުރައްވާފައިވާ އަޝޮކް ސައްޖަންހަރުގެ ލިޔުއްވުމެކެވެ. މި ލިޔުން ދިވެހިބަހަށް ތަރުޖަމާކޮށްފައި މިވަނީ ވީހާވެސް ކުޑަ ބަދަލުތަކާއެކު، ލިޔުމުގެ އަސްލު ނުގެއްލޭ ގޮތަށެވެ. މި ލިޔުމުގައިވާ ހުރިހާ ހިޔާލަކީ ލިޔުންތެރިޔާގެ ހިޔާލެވެ. މި ލިޔުމުގެ އަސްލު "ސަން"ގެ އިންޓަނޭޝަނަލް އެޑިޝަންގައި ޝާއިއު ކުރެވިފައިވާނެއެވެ.
ފެށުން
ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ ޖިއޯޕޮލިޓިކްސްއަށާއި ބައިނަލްއަގުވާމީ ގުޅުންތަކަށް ވަނީ ހަލުވި ދުވެއްޔެއްގައި ބަދަލުތައް އައިސްފައެވެ. ދެހާސް ވިހި ވަނަ އަހަރު ކޮރޯނާވައިރަސް ފެތުރުމާއެކު މި ބަދަލުތައް އިތުރަށް ފާހަގަވެގެން ދިޔައެވެ. އަދި މިދިޔަ އަހަރު ފެށުނު އިރު މުޅި ދުނިޔެއިންވެސް އުންމީދު ކުރަމުންދިޔައީ އެ އަހަރު ތެރޭގައި ހާލަތު ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު ނުރައްކާތެރި ޑެލްޓާ ވޭރިއެންޓް އިންތިހާއަށް ފެތުރިގެންދިޔައެވެ. އަދި މިއަދު ދުނިޔެއިން ދެކެމުން ދަނީ އޮމިކްރޯން ވޭރިއެންޓުން ލިބެމުންދާ ގެއްލުންތަކެވެ.
މިފަދަ ދަތި ހާލަތެއްގައި އިންޑިއާއިން ވަނީ އެތައް ދާއިރާއަކުން ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ކުރިއަރައި ދިޔުމަށް ހަރުދަނާ ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން އަމިއްލަ ގައުމުގައި އެތައް ގޮންޖެހުންތަކެއް ކާމިޔާބުކަމާއެކު ހައްލުކުރުމުގެ އިތުރުން ބޭރުގެ ގައުމުތަކަށްވެސް އިންޑިއާއިން ވަނީ އެހީ ފޯރުކޮށްދީފައެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އދ.ގެ އާންމު މަޖިލީހުގައި ސެޕްޓެމްބަރު 2014ގައި ދެއްވި ތަގުރީރުގައި އިންޑިއާގެ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅާ އެއްގޮތަށެވެ. މޯދީ ވިދާޅުވީ އެގައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި ވަނީ އެގައުމުގެ ޒަމާންވީ ގަބޫލުކުރުމެއް ކަމަށްވާ "މުޅި ދުނިޔެއަކީ އެއް އާއިލާއެއް" ކަމަށް ދެކިގެން ކަމަށެވެ.
ވެކްސިން މައިތިރި ހަރަކާތް
މީގެ އެއް އަހަރު ކުރިން، ޖެނުއަރީ 16، 2021ގައި އިންޑިއާއިން އެގައުމުގެ 1.38 ބިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ދަތުރު ފެށިއެވެ. އެގައުމުގައި ތިބި ވެކްސިން ޖަހަން ޝަރުތު ހަމަވާ މީހުންގެ ތެރެއިން 90 ޕަސެންޓު މީހުން މިހާރު ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 65 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ފްރޮންޓްލައިން މަސައްކަތްތެރިންނާއި ބަލީގެ ނުރައްކާ އޮތް 60 އަހަރުން މަތީގެ މީހުންނަށް ދަނީ ބޫސްޓާ ޑޯޒް ޖަހަމުންނެވެ. އަދި 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް މިމަހުގެ ތިނެއްގައި ވެކްސިން ޖަހަން ފަށައިފައިވާއިރު 12 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ވެސް އަވަސް މުސްތަގުބަލެއްގައި ވެކްސިން ޖަހަން ފަށާނެއެވެ.
ބޮޑުވަޒީރު މޯދީގެ "އެއް ދުނިޔެއެއް، އެއް ސިއްހަތެއް" ތަސައްވުރުގެ ދަށުން، އިންޑިއާއިން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ޖަހަން ފެށިތާ ހަތަރު ދުވަސް ފަހުން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފެށިއެވެ. އަދި ބޮޑުވަޒީރު މޯދީގެ ވެރިކަމުގެ ފުރަތަމަ ދައުރުން ފެށިގެން ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވަމުން ގެންދަވާ "އަވަށްޓެރިން ފުރަތަމަ" ސިޔާސަތުގެ ދަށުން އިންޑިއާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށް ދިނީ ބޫޓާނާއި ރާއްޖެއަށެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 20ގައި ބޫޓާނަށް 150،000 ޑޯޒް އަދި ރާއްޖެއަށް އެއް ލައްކަ ޑޯޒެވެ. އަދި ޖެހިގެން އައި ދުވަހު އިންޑިއާއިން ބަންގްލަދޭޝް އާއި ނޭޕާލްއަށް ވެކްސިން ފޮނުވިއެވެ. އެއަށްފަހު މިޔަންމާ، ސީޝެލްސް، މޮރިޝަސް، ސްރީ ލަންކާ އަދި އަފްޣާނިސްތާނަށްވެސް ވެކްސިން ފޯރުކޮށްދިނެވެ.

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް ބޭހާއި ވެކްސިން ގިނަ އަދަދަކަށް ހަދިޔާކޮށްފަ -- ފޮޓޯ/ އެސޯސިއޭޓެޑް ޕްރެސް
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15ގައި އަފްޣާނިސްތާނަށް ގަދަބާރުން ވެރިވެގަނެފައިވާ ތާލިބާން ޖަމާއަތުގެ ވެރިކަން އިންޑިއާއިން ބަލައިނުގަތް ނަމަވެސް، އިންޑިއާއިން ވަނީ އެއްވެސް ފަސްޖެހުމެއް ނެތި އެގައުމަށް އެހީ ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް-19 ވެކްސިންގެ އިތުރު އެއް މިލިއަން ޑޯޒާއި ފުރާނައަށް ނުރައްކާވެފައިވާ ހާލަތުގައި ތިބި މީހުންނަށް ބޭނުންވާ، ހަތަރު ޓަނުގެ ބޭހާއި އާލާތްތައް އިންޑިއާއިން ވަނީ ފޮނުވާފައެވެ. އެ އެހީ ފޮނުވަން އެންމެ އަވަސް އަދި އެންމެ ކުރު ރާސްތާ އަކީ ޕާކިސްތާން މަގުން ކަމުގައިވީ ނަމަވެސް އެގައުމުން އެކަމަށް ހުއްދަ ނުދިނުމުން އިންޑިއާއިން އެ ސާމާނު ފޮނުވާފައި ވަނީ ދުބާއީ އާއި އީރާން މަގުން، މަތިންދާބޯޓުންނެވެ.
އިންޑިއާއިން ވެކްސިން ފޯރުކޮށްދިން ގައުމުތަކުން އެ އެހީ ބަލައިގަނެފައި ވަނީ ޝުކުރުވެރިވަމުންނެވެ. އެގޮތުން ބޫޓާންގެ ބޮޑުވަޒީރު ވަނީ އެ އެހީއަކީ "ބޮޑުވަޒީރު މޯދީގެ އޯގާތެރިކަމާއި ދީލަތިކަން އަދި އިންޑިއާގެ ރައްޔިތުން މުޅި އިންސާނިއްޔަތުގެ ދުޅަހެޔޮކަމަށް އެދޭ މިންވަރު ދައްކުވައިދިން އިޝާރާތެއް"ގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި "އަމިއްލަ ބޭނުންތައް ފުއްދުމުގެ ކުރިން އަގުހުރި މުދާ އެހެން މީހުންނާ ހިއްސާކުރުމަކީ އަގުނުކުރެވޭނެ ކަމެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ވިދާޅުވީ އެގައުމުގެ މިނިވަންކަމަށް 1971 ވަނަ އަހަރު ކުރި ހަނގުރާމައިގަ އާއި ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާއިން އެގައުމާ އެކު އޮތް ކަމަށެވެ. އަދި ނޭޕާލްގެ ބޮޑުވަޒީރު ވަނީ "އިންޑިއާއިން އަމިއްލަ ގައުމުގެ ރައްޔިތުންނަށް ވެކްސިން ޖަހަމުންދާ ނާޒުކު ދަނޑިވަޅުގައި އެގައުމަށް ވެދިން އެހީއަށް" ޝުކުރު އަދާކުރައްވާފައެވެ. ބްރެޒިލްގެ ރައީސް، ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރެއްވީ ހިންދޫ ދީނާ ގުޅުން ހުރި ކުރެހުމަކާއެކުގައެވެ.
އިންޑިއާގެ ފަރާތުން ކޮވިޑް ވެކްސިން ލިބުމުން ޑޮމިނިކާގެ ބޮޑުވަޒީރު ވިދާޅުވީ "އެ ގައުމުން ކުރަމުން ދިޔަ ދުއާ އެހާވަރަށް އަވަހަށް ހަގީގަތަކަށް ވާނެ ކަމަށް ހީވެސްނުކުރާ" ކަމަށެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ދުނިޔެއިން ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި "އެންމެ މުހިންމު އެސެޓަކީ" އިންޑިއާގެ ވެކްސިން އުފެއްދުމުގެ ގާބިލުކަން ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓާއި މޮރިޝަސްގެ ބޮޑުވަޒީރުގެ އިތުރުން ޑަބްލިޔުއެޗްއޯ އާއި ބިލް ގޭޓްސް އާއި އެހެން ފަރާތްތަކުންވެސް ވަނީ އިންޑިއާއިން ތަރައްގީވަމުން އަންނަ ގައުމުތަކަށް އިހުލާސްތެރިކަމާއެކު ފޯރުކޮށްދިން އެހީއަށް ތައުރީފުކޮށްފައެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު އިންޑިއާއިން ކޮވިޑްގެ ދެވަނަ ރާޅާ ކުރިމަތިލާން ޖެހުމުން ބޭރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލަން ޖެހުނު ނަމަވެސް އެގައުމުގެ ހާލަތު ރަނގަޅުވުމާއެކު އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުން އަލުން ފެށިއެވެ.
އެ ހަރަކާތުގެ ސަބަބުން އިންޑިއާއާ މެދު އެހެން ގައުމުތަކުން ދެކޭގޮތް އިތުރަށް ރަނގަޅުވެ، ގައުމުގެ ނުފޫޒު އިތުރުވިއެވެ. އަދި އިންޑިއާއިން އަމިއްލައަށް ވެކްސިން އުފައްދައި، ތައްޔާރުކޮށް، ބޭނުން ކުރުމުން ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާއިން އެގައުމުގެ ދަރަޖަ މަތިވިއެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި އިންޑިއާގެ ރިޔާސަތު
އދ.ގެ ސަލާމަތީ މަޖިލިސް (ޔޫއެންއެސްސީ)ގެ މެންބަރަކަށް އިންޑިއާވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެކެއްގައެވެ. އެއީ ވަގުތީ މެންބަރެއްގެ ގޮތުގައި، ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓު މަހު އެގައުމުން ޔޫއެންއެސްސީގެ ރިޔާސަތާ ހަވާލުވިއެވެ. އެއާއެކު އިންޑިއާއަށް ވަނީ އެގައުމަކީ ޔޫއެންއެސްސީގެ ދާއިމީ މެންބަރަކަށްވުމުގެ ހައްގު އޮތް ގައުމެއްކަން ސާބިތުކޮށްދިނުމަށް ފުރުސަތު ލިބިފައެވެ. އިންޑިއާގެ ރިޔާސަތުގައި ބޭއްވި ހާއްސަ ބަހުސްތަކުގައި މަޝްވަރާ ކުރަން މުހިންމު މައުޟޫތަކުގެ ތެރޭގައި އެގައުމުން ވަނީ ކަނޑުމަތީގެ ސަލާމަތާއި، ސުލްހަ ދެމެހެއްޓުމާއި ޓެރަރިޒަމް ހުއްޓުވުން ފާހަގަކޮށްފައެވެ. ކަނޑުމަތީގެ ސަލާމަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އދ.ގެ އެހެން ފޯރަމްތަކުގައި މީގެ ކުރިން ތާވަލު ކުރި ނަމަވެސް އެ މައްސަލައިގެ ނާޒުކު ކަމުން އެ ބަހުސްތައް ކުރިއަށްގެންދެވިފައި ނުވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އިންޑިއާއިން ވަނީ ޔޫއެންއެސްސީގެ ރިޔާސަތާ ހަވާލުވެފަ -- ޓްވިޓާ ފޮޓޯ/ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނުވައެއްގައި ބޭއްވި ޔޫއެންއެސްސީގެ ސެޝަންގައި ބޮޑުވަޒީރު މޯދީ ވަނީ ޗެއާކަން ކުރައްވާފައެވެ. އެއާ އެކު މޯދީ ވަނީ ޔޫއެންއެސްސީގެ ބައްދަލުވުމެއްގައި އިސްކޮށް ހުންނެވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރުގެ ލަގަބު ހޯއްދަވާފައެވެ. އެ ބައްދަލުވުމުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ބައިވެރިވެވަޑައިގެންނެވިއެވެ. ޕޫޓިން އެންމެ ފަހުން އެފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވީ 2005 ވަނަ އަހަރެވެ.
އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ހަވާލުވި އޮގަސްޓު މަހަކީ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން އަތުލި މަހެވެ. އެހެންކަމުން އިންޑިއާގެ ރިޔާސަތަށް ވަރަށް ބޮޑު ޒިންމާއަކާ ކުރިމަތިލާންޖެހުނެވެ. އަދި އިންޑިއާއިން ސާބިތުކަމާއެކު އެ މައްސަލައާ ކުރިމަތިލިއެވެ. އަދި ތާލިބާނުންގެ ވެރިކަމުގައި އަފްޣާނިސްތާން ބަދަލުވަމުން ދިޔަ ގޮތާ ބެހޭ ގޮތުން ބޭއްވި މަޝްވަރާތަކުގަ އާއި ގަރާރު 2593 ތައްޔާރުކުރުމުގައި އިންޑިއާއިން ހަރަކާތްތެރިވިއެވެ. އެ ގަރާރުގައި ވަނީ، އަފްޣާނިސްތާނުގައި ވެރިކަން ކުރުމުގައި ތާލިބާނުން އަމަލު ކުރަން ޖެހޭ ގޮތް ކަމަށް މިހާރު މުޅި ބައިނަލްއަގުވާމީ މުޖުތަމައުންވެސް އެއްބަސްވާ ކަންތައްތަކެވެ.
ޔޫއެންއެސްސީގައި ތިބި ހިޔާލުތަފާތުވާ ގައުމުތައް އެއްބަސްވުމަކަށް ގެނައުމުގައި އިންޑިއާއިން ދައްކާފައިވާ ގާބިލުކަމުގެ ސަބަބުން އެގައުމުގެ ނުފޫޒާއި ހައިބަތު ވަނީ އިތުރުވެފައެވެ.
މޫސުމަށް އަންނަ ބަދަލުތައް
އިންޑިއާގެ ތަރައްގީ ވީހާވެސް ފެހިކޮށް، ސާފުކޮށް އަދި ދެމެހެއްޓެނިވި ގޮތަކަށް މުސްތަގުބަލުގައި ކުރިއަށްގެންދިޔުމަށް އެގައުމުން ވަނީ ފާއިތުވި ދެ އަހަރު ތެރޭގައި ފިޔަވަޅުތައް އަޅައިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓުގައި އިންޑިއާއިން ވަނީ 2070 ވަނަ އަހަރު އަންނަންވާ އިރަށް އެގައުމަކީ ނެޓް ޒީރޯ ގައުމަކަށް ހަދަން އަމާޒު ހިފާފައެވެ. އިންޑިއާއަކީ ދުނިޔޭގެ އާބާާދިގެ 17 ޕަސެންޓު ހިއްސާ ކުރާ ގައުމަކަށްވީ ނަމަވެސް އެގައުމުން ޖައްވަށް ބޭރު ކުރާ ގްރީންހައުސް ގޭސްގެ ނިސްބަތަކީ އެންމެ ފަސް ޕަސެންޓެވެ. އިންޑިއާއިން ފާއިތުވި އަހަރުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އިންޑިއާއިން އުފައްދާ ހަކަަތައިގެ 40 ޕަސެންޓު މިހާރު އުފައްދަނީ ފޮސިލް ފިއުލް ބޭނުންނުކޮށެވެ. އިންޑިއާއިން ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރީ އެގައުމުން ޕެރިސް މުއާހަދާގައި އެއްބަސްވެފައިވާ ގޮތުގެ މަތިންނެވެ. އެގައުމުން އެ އަމާޒަށް ވާސިލުވީ ކުރިން ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ނުވަ އަހަރު ކުރިންނެވެ. އިންޑިއާއަކީ ޕެރިސް މުއާހަދާގައި ފާހަގަކޮށްފައިވާ ލަނޑުދަނޑިތައް ހާސިލުކުރަމުންދާ ޖީ20ގެ ހަމައެކަނި ގައުމެވެ. އެހެންކަމުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި މީގެ ކުރިން ފަހަތުގައި އޮތް އިންޑިއާއަށް މިހާރު ވަނީ އެދާއިރާއިން ދުނިޔޭގެ ލީޑަރަކަށް ވުމަށް މަގުފަހިވެފައެވެ.

ކޮޕް26 ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު -- ފޮޓޯ/ އެސޯސިއޭޓެޑް ޕްރެސް
ވަންދޭ ބާރަތު މިޝަން
ބޭރު ގައުމެއްގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިޔުމަށް މިހާތަނަށް އިންތިޒާމު ކުރި އެންމެ ބޮޑު ހަރަކާތް "ވަންދޭ ބާރަތު"ގެ ނަމުގައި އިންޑިއާއިން މެއި 2020ގައި ފެށިއެވެ. އެ މިޝަން ކުރިއަށް ގެންދަން ޖެހުނީ ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުން ދިޔުމުގެ ސަބަބުން ގައުމުތައް ފުރަބަންދުކޮށް، ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލުމުންނެވެ. އެ މަސައްކަތުގެ ތެރެއިން އިންޑިއާއިން ވަނީ މިހާތަނަށް 50،000 ފްލައިޓު އޮޕަރޭޓުކޮށް، 6.7 މިލިއަން މީހުން އެމީހުންގެ އަމިއްލަ ގައުމުތަކަށް އަނބުރާ ގެންގޮސްދީފައެވެ. ހަމައެއާއެކު އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ "ސަމުދުރަ ސެތޫ"ގެ ނަމުގައި ފެށި ހަރަކާތެއްގެ ތެރެއިން ގަލްފާއި އަވަށްޓެރި ގައުމުތަކުން 4،000 އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންގޮސްދީފައެވެ.
އިންޑިއާއިން އެހާވަރަށް ކާމިޔާބުކަމާއެކު އެފަދަ ބިޔަ ހަރަކާތެއް ކުރިއަށްގެންދިޔުމުން އެގައުމާ މެދު އެހެން ގައުމުތަކުން ދެކޭ ގޮތް މިހާރު ވަނީ ކުރިއަށްވުރެ ރަނގަޅުވެފައެވެ.
ނިންމުން
ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ ގައުމުގެ އެތެރޭގަ އާއި ބޭރުގައި ވެސް އިތުރު ދާއިރާތަކުން ކުރި ހޯދާފައެވެ. އެގައުމުގައި ފާއިތުވި ހަ މަހުގެ ތެރޭގައި 10،000އަށް ވުރެ ގިނަ ސްޓާޓްއަޕްސް ނުވަތަ އަލަށް ފަށައިގަންނަ އުފެއްދުންތެރި ވިޔަފާރިތައް ވަނީ ރެޖިސްޓާކޮށްފައެވެ. އިންޑިއާއިން ދަނީ "އީޒް އޮފް ޑުއިން ބިޒްނަސް" ކުރިއަރުވައި، ސަރުކާރުން ވިޔަފާރިތަކަށް ނުފޫޒު ފޯރުވާ މިންވަރު ކުޑަ ކުރަމުންނެވެ. އެކަން ފަހިކޮށްދިނުމަށް މިދިޔަ އަހަރު އެކަނިވެސް 25،000 ގަވާއިދެއް ތަންފީޒުކޮށްފައިވެއެވެ. އިންޑިއާގައި މީގެ އަހަރުތަކެއް ކުރިން ސްޓާޓްއަޕްސްގެ އަދަދު އުޅެނީ ސަތޭގައިގެ ނަމްބަރުތަކުގައި ކަމަށްވީ ނަމަވެސް މިހާރު އެ އަދަދު ވަނީ 60،000 ހުރަސްކޮށްފައެވެ. އެގައުމަކީ މިހާރު "ޔުނިކޯން" ވިޔަފާރިތައް ނުވަތަ އެއް ބިލިއަން ޑޮލަރަށް ވުރެ އަގުހުރި ސްޓާޓްއަޕްސް ތިންވަނައަށް އެންމެ ގިނަ ގައުމެވެ. އެގޮތުން އިންޑިއާގައި މިހާރު 80އަށް ވުރެ ގިނަ ޔުނިކޯން ކުންފުނި ހިންގާ އިރު އޭގެ ތެރޭގައި މިދިޔަ އަހަރު އުފެއްދި 40އަށް ވުރެ ގިނަ ކުންފުނި ހިމެނެއެވެ.

ދެހާސްވިހި ވަނަ އަހަރު އިންޑިއާގައި ވަނީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ފެކްޓަރީ ހުޅުވާފަ -- ފޮޓޯ/ އޭއެފްޕީ
ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެއިން "ކުއެންޓިޓޭޓިވް އީޒިން ޕްރޮގްރާމް" ފަދަ ފިޔަވަޅުތަކަށް އިސްކަން ދިން ނަމަވެސް އިންޑިއާއިން ވަނީ އިސްލާހީ ބަދަލުތަކަށް މަގުކޮށައިދީފައެވެ. ހަމައެއާއެކު ޑިޖިޓަލް އަދި ފިޒިކަލް އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމުގެ ބޮޑެތި މަޝްރޫއުތަށް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ކުރިއަށްދިޔައެވެ. އަދި ދުނިޔޭގެ ސަޕްލައި ޗެއިން ހުއްޓުމެއް ނެތި ކުރިއަށް ދާނެކަން ކަށަވަރު ކުރުމަށް އިންޑިއާއިން އިސްކަންދޭ މިންވަރު އެގައުމުން ފެބް، ޗިޕް އެންޑް ޑިސްޕްލޭ ސިނާއަތަށް ހާއްސަކޮށްފައިވާ 10 ބިލިއަން ޑޮލަރުގެ ޕްލޭނުން ސާބިތުވެއެވެ. އިންޑިއާއިން ކުރިއަށް ދަނީ "މޭކް އިން އިންޑިއާ، މޭކް ފޯ ދަ ވޯލްޑް" ރޫހާއެކުގައެވެ. އިންޑިއާއިން މިހާރު އެއިރޯސްޕޭސް، ޓެލެކޮމް، އިންޝޫރެންސް، ޑިފެންސް އަދި ސެމީކޮންޑަކްޓާސްއާ ގުޅުން ހުރި ދާއިރާތަކުން ގިނަގުނަ ފުރުސަތުތަކެއް ލިބެން އެބަހުއްޓެވެ.
މީގެ އިތުރުން ވެސް ކޮވިޑްގެ ދަތި ދުވަސްވަރުގައި އިންޑިއާއިން ކޮށްފައިވާ ފާހަގަކޮށްލެވޭ އެހެން މަސައްކަތްތަކުގެ ތެރޭގައި އިންޑިއާ، އިސްރާއީލް، ޔޫއޭއީ އަދި ޔޫއެސްއޭ ހިމެނޭ ވެސްޓަން ކުއަޑް އިފްތިތާހު ކުރުމާއި، އަވަށްޓެރިންނާއި އެމެރިކާ އާއި ރަޝިއާ އާއި އެހެނިހެން ސަރަހައްދުތަކާ އޮންނަ ގުޅުން ކުރިއަށްވުރެ ވަރުގަދަ ކުރުމާއި، ދިއްލީ ރީޖަނަލް ސެކިއުރިޓީ ޑައެލޮގް ބޭއްވުމާއި އަފްޣާނިސްތާނުގެ ހާލަތު ފަދަ މުހިންމު މައުޟޫތައް އިންޑިއާގައި މަޝްވަރާ ކުރުމަށް މެދުވެރިވި ތާޑް އިންޑިއާ-ސެންޓްރަލް އޭޝިއާ ޑައެލޮގް އެގައުމުގައި ބޭއްވުން ހިމެނެއެވެ. އެ ހުރިހާ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގައި އިންޑިއާގެ ނުފޫޒާއި ބާރު އިތުރުވެ، މި ސަރަހައްދާއި މުޅި ދުނިޔޭގައިވެސް ސުލްހަ އާއި ސަލާމަތާއި ތަނަވަސްކަން އިތުރުކުރުމުގެ އަޒުމާއި އިތުބާރާއި އުއްމީދު އެގައުމުގައި ވަނީ އާލާވެފައެވެ.