ގިނަ ދުވަސްތަކެއްގައި ކުޅުމާއި ދުރުގައި ހުރުމަކީ ވޭން އަޅާކަމެއް ކަމުގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުގެ ބަލްގޭރިޔާ ފޯވާޑް ޑިމިޓްރީ ބާބަޓޯވް ބުނެފި އެވެ.

މި ސީޒަނުގައި މެން ޔުނައިޓެޑް ޓީމުން ބާބަޓޯވް ފެނިފައި ވަނީ އެންމެ 10 މެޗުގަ އެވެ. އެ މެޗުތަކުގެ ތެރެއިން ފުރަތަމަ 11 ގައި ހިމެނި ކުޅުން ދައްކާލަން ލިބުނީ ފަސް މެޗެވެ. މިދިޔަ ޖެނުއަރީ މަހު 31 ވަނަ ދުވަހު ސްޓޯކް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ކާމިޔާބު ކުރުމަށް ފަހު މެންޔުނައިޓެޑްގެ ބެންޗަކުން ވެސް ބާބަޓޯވް ފެނިފައެއް ނުވެއެވެ.

"އަހަރެން އަބަދުވެސް ހުންނާނީ ޓީމަށް ކުޅެން ތައްޔާރަށް. ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ވޭން ހުރިކަމެއް. ޓީމުން ކޮންމެ ވަގުތަކު އަހަރެންގެ އެހީއަށް ބޭނުންވެދާނެ. އެހެންކަމުން އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ އެފުރުސަތުތައް އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ." ބާބަޓޯވް ބުންޏެވެ.

ބާބަޓޯވް އަކީ ދެ އަހަރު ދަވަހު ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުމަށްފަހު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30.75 މިލިޔަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިއެކެވެ. ބާބަޓޯވް ވަނީ މެންޔުނައިޓެޑަށް ކުޅުނު 108 މެޗުން 48 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ބާބަޓޯވް އަށް އިތުރު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް މެންޔުނައިޓެޑުން ދާދި ފަހުން ހުށަހަޅާފައި ވެއެވެ.