މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރިއަށްދާ ގޮތުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 26 ވަނަ ދުވަހު އިންޑިއާގެ އޮފްކޮން ކުންފުންޏާ ވަނީ ތިލަމާލެ ބްރިޖު އެޅުމަށް ހަވާލުކޮށްފައެވެ.

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިންޑިއާއިންދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީއާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ބޭނުންކޮށްގެންނެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް މިރޭ ވިދާޅުވީ ތިލަމާލެ ބްރިޖާ ގުޅޭ މައުލޫމާތު ދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރާކަމަށެވެ.

އޭނާ ވިދާޅުވީ މީޑިއާތަކުން ފެންނަ މަންޒަރުތަކަށް ބަލައި ހަގީގަތާ ހިލާފު ވާހަކަތަށް ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން ފަތުރާކަމަށެވެ.

ތިލަމާލެ ބްރިޖު އެޅުމާ ގުޅޭ ބައެއް މަސައްކަތްތައް ކުރުމަށް މާލޭގެ އިންޑަސްޓްރިއަލް ޒޯންގެ ބޮޑު ބައެއް ހައުސިން މިނިސްޓްރީން ވަނީ އޮފްކޮން ކުންފުންޏަށް ދީފައެވެ.

މި ބިމުގައި އެ ކުންފުނިން ދަނީ މިހާރު މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް ކުރަނީ ކޮން މަސައްކަތެއްކަން ހައުސިން މިނިސްޓްރީން އަދި ސާފުކޮށްދީފައެއް ނުވެއެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ދޫކޮށްފައިވާ ސަރަހައްދުގައި މަސައްކަތް ކުރިއަށް ދަނީ--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސެއިން

މި މަހުގެ 19 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ކުރިއަށްއޮތް ހަފްތާއެއް ތެރޭގައި ބްރިޖުގެ މާލެ އަދި ވިލިނގިލީގައި ޖިއޯޓެކްނިކަލް ސާވޭގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުނެފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯޒްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލިގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.