25 Jan 2022, 22:39
ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7،584 ސާމްޕަލްގެ ތެރެއިން 2,609 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީގެ ތެރޭގައި މާލެ އިން މިއަދު އަލަށް ޕޮޒިޓިވްވީ 1,427 މީހުންނެވެ.
އޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން 783 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން 109 މީހަކު ޕޮޒިޓިވްއެވެ.
މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 122,777އަށް އަރާފައެވެ.
ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން މިވަގުތު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 57އެވެ. މި ބަލީގައި މިހާތަނަށް ދުނިޔެ ދޫކޮށްފައިވަނީ 271 މީހުންނެވެ.
އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލީގެ ހާލަތު މިހާރު ގޯސްވެފައިވާ މިންވަރުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުން ކަމަށެވެ.
އަފްޒަލް ވިދާޅުވީ މިހާލަތުގައި އެންމެ މުހިއްމު އެއްކަމަކީ އެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް ފަރުދީ ޒިންމާ އަދާ ކުރުމުގެ އިތުރަށް އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް މާސްކު އެޅުން ކަމަށެވެ.