11 Mar 2012, 12:15
ކޮލޯންގެ ޖަރުމަން ފޯވާޑް ލޫކަސް ޕޮޑޮލްސްކީ އާސެނަލް އާއި ގުޅެން އުޅޭ ކަމަށް މީޑިޔާގައި ފެތުރިފައިވާ ހަބަރުތައް އޭނާ ދޮގުކޮށްފި އެވެ. އަންނަ ސީޒަނުގައި ތޭރަ މިލިޔަން ޕައުންޑުގެ އަގަކަށް އާސެނަލް އާއި ގުޅުމަށް ޕޮޑޮލްސްކީ ތައްޔާރުވަމުން ދާކަމަށް މީޑިޔާ ރިޕޯޓްތަކުން ބުނަމުން ދެއެވެ.
މިސީޒަން ފެށުނީއްސުރެ އާސެނަލް އިން ދަނީ ޕޮޑޮލްސްކީ ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ. ކޮލޯން އާއި ޕޮޑޮލްސްކީ އާއި ދެމެދު މައްސަލަތަކެއް އުފެދިފައިވާ ކަމަށް އޭނާ ވެސް ކުރިން އެއްބަސްވެފައި ވެއެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ޖަރުމަން ލީގުގެ ރެލިގޭޝަންގެ ބިރާއި ކުރިމަތިލަމުންދާ ކޮލޯން ދޫކޮށް އެހެން ކުލަބަކާއި ޕޮޑޮލްސްކީ ގުޅޭނެ ކަމެވެ.
"އަހަރެން އަދި ގޮތެއް ނުނިންމަން. އާސެނަލް އިން ގިނަ ހުށަހެޅުންތަކެއް ހުށަހެޅި. އެކަމަކު އަހަރެން އެކަމަށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވާނެ. އަދި އަހަރެންނަކީ ކޮލޯންގެ ކުޅުންތެރިއެއް." ޕޮޑޮލްސްކީ ބުންޏެވެ.
އުމުރުން 26 އަހަރުގެ ޕޮޑޮލްސްކީ ވަނީ މިސީޒަނުގެ ޖަރުމަން ލީގުގައި 16 މެޗު ކުޅެ، 14 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ނިމުމުގެ ކުރިން އެއްވެސް އެހެން ކުލަބަކަށް ބަދަލު ނުވާނެ ކަމުގެ އިޝާރާތެއް ޕޮޑޮލްސްކީ ކުރިން ވެސް ދީފައި ވެއެވެ.