25 Jan 2022, 14:04
ގއ. ދާންދޫގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގެ މައުލޫމާތު, އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސީފް އާންމުކުރިކަމުގެ ތުހުމަތުގައި އެކަށީގެންވާ ހެކި ނެތުމުން ދައުވާ ނުކުރަން ނިންމައިފިއެވެ.
އެ މައްސަލައިގައި ފުލުހުން އާސިފަށް ތުހުމަތުކޮށްފައިވަނީ, ސަރުކާރުގެ ސިއްރު ބޭޒާރު ކުރިކަމަށެވެ.
ނަމަވެސް ތަހުގީގު ނިންމައި, މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ބުނެފައިވަނީ, ތުހުމަތުކުރާ މައްސަލައިގައި ދައުވާކުރެވޭވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އާސިފްއާ އަދި އިތުރު ތިން މީހެއްގެ ފޯނު ފުލުހުން ހިފެހެއްޓިއެވެ. ފޯނުތައް ފުލުހުން ދޫކޮށްލާފައިވަނީ މަހެއްހާ ދުވަސް ފަހުންނެވެ.
އާސިފްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ވަނީ މީގެ ކުރިން ވެސް ދޮގުކުރައްވާފައެވެ. އަދި ފުލުހުން ހިންގަން އުޅުނު އޮޕަރޭޝަނުގެ މައުލޫމާތު އޭނާއަށް ނޭންގޭ އިރު އެކަން އާންމުކުރާނެ ގޮތެއް ނޭންގޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.